Support Us

އިސްރާއީލުން އިއްޔެ ދިން ހަމަލާގައި ލުބްނާންގެ އަސްކަރީ އޮފިސަރުން މަރުވި ވެހިކަލް ކައިރީގައި ލުބްނާންގެ ރެޑް ކްރޮސް މުވައްޒަފުން

ހަމަލާތަކެއްގައި ލުބްނާންގެ އަސްކަރީ އިސް އޮފިސަރަކާއެކު 12 މަރު

އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދަށް ދިން ހަމަލާތަކެއްގައި އަސްކަރީ އިސް އޮފިސަރަކާއެކު 12 މީހުން މަރުވެއްޖެއެވެ.

ނަބަތިއާ ސިޓީ ކައިރިން އިއްޔެ ދަތުރުކުރި އަސްކަރީ ވެހިކަލަކަށް ދިން ހަމަލާގައި ބްރިގޭޑިއާ ޖެނެރަލްއަކާއި ކެޕްޓަނަކާއި އިތުރު ސިފައިންގެ މީހަކު މަރުވިއެވެ.

ސަކްސަކީޔާ ވިލެޖަށް ދިން ހަމަލާތަކުގައި އާއްމުން މަރުވިއެވެ.

ލުބްނާންގެ ރައީސް ޖޯސެފް އައުން އިސްރާއީލުގެ ހަމަލާތައް ކުށްވެރިކުރެއްވިއެވެ.

"މިއީ ލުބްނާންގެ ސިޔާދަތަށް ނުރައްކާކޮށް، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ދިން ހަމަލާތަކެއް،" އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލުން މި ދިން ހަމަލާތަކުގެ ސަބަބުން އެމެރިކާއިން މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްދީފައިވާ ސީޒްފަޔާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގަނީ އީރާނުން ވާގިވެރިވާ، ލުބްނާނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށެވެ.

"އަހަރެމެން ހަމަލާދެނީ ލުބްނާންގެ އަސްކަރިއްޔާއަކަށް ނޫން،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.

އިސްރާއީލުން ބުނީ ވެހިކަލަށް ހަމަލާދިނީ އިސްރާއީލު ސިފައިން ހަނގުރާމަ ކުރަމުންދިޔަ ސަރަހައްދެއްގައި ޝައްކު ކުރެވޭ ގޮތަށް ހަރަކާތްތައް ހުރުމުން ކަމަށެވެ.

"ވެހިކަލަށް ދިން ހަމަލާ އަހަރެމެން މި ދަނީ ތަހުގީގުކުރަމުން،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ނޮވެމްބަރު 2024 ގައި ގާއިމުކުރި ސީޒްފަޔާއަށް އިސްރާއީލުން އިހްތިރާމެއްނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމުން، ހިޒްބުﷲއިން ވެސް އަލުން، މާރިޗު ދެއަކުން ފެށިގެން އިސްރާއީލަށް ހަމަލާދޭން ފެށިއެވެ. މި ދިޔަ އެޕްރިލް މަހު 16 ގައި އެމެރިކާ މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު ގާއިމުކުރި 45 ދުވަހުގެ ސީޒްފަޔާ ދިގުދަންމާލަން އެމެރިކާއިން މަސައްކަތް ކުރަމުންދިޔަސް އިސްރާއީލާއި ހިޒްބުﷲއިން ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.

މާރިޗު ދެއަކުން ފެށިގެން ބަދަލުކުރަމުންދާ ހަމަލާތަކުގައި ލުބްނާންގެ 50 އަށްވުރެ ގިނަ ސިފައިންނާއި އޮފިސަރުން މަރުވެފައިވެއެވެ. ނަމަވެސް މިއީ އަސްކަރީ މިހާ އިސް އޮފިސަރެއް މަރުވި ފުރަތަމަ ފަހަރެވެ. ލުބްނާނުން މި ކަން ސިފަކުރީ ސީދާ ރައްޔިތުންނަށް ދިން ހަމަލާއެއްގެ ގޮތުގައެވެ.

މާރިޗު ދެއަކުން ފެށިގެން ހިޒްބުﷲއިން ދެމުންދާ ހަމަލާތަކުގައި އިސްރާއީލުގެ 18 ސިފައިން ވަނީ މަރުވެފައެވެ. ނަމަވެސް އޭގެ ތެރޭގައި އިސް އޮފިސަރުންނެއް ނުހިމެނެއެވެ.

މާރިޗު ދެއަކުން ފެށިގެން ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބްނާންގެ 3،000 އަށްވުރެ ގިން މީހުން މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ އުތުރު ސަރަހައްދަށް ހިޒްބުﷲއިން ހަމަލާދޭތީ، ހިޒްބުﷲގެ ހަނގުރާމަވެރިން ލުބްނާންގެ ދެކުނު ސަރަހައްދުން ދުރުކުރަން ކަމަށް ބުނެ އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދު ހިފުމުން 1.6 މިލިއަން ލުބްނާން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *