ރަޝިޔާއިން ސޯވިއެޓް ޔޫނިއަންގެ ނަމުގައި އިސްތިއުމާރުކުރި ޒަމާނުގައި އުފައްދައިފައިވާ، އަފްޣާނިސްތާންގައި ހުރި ހަތިޔާރުތައް މަރާމާތުކޮށްދޭން ހަމަޖައްސައިފިއެވެ.
މި ގޮތަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކުރީ ރަޝިޔާގައި މި ދިޔަ ހަފުތާގައި ބޭއްވި ސަލާމަތީ ކަންތައްތަކާ ބެހޭ ފޯރަމެއްގައި ކަމަށް އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުން އިއްޔެ ރިޕޯޓްކުރިއެވެ.
މިއީ އެމެރިކާއިން އިސްވެ ހުރި ހުޅަނގުގެ ގައުމުތަކުގެ ފައުޖުތައް 2021 ގައި އަފްޣާނިސްތާނުން ފޭބުމުން އަފްޣާނިސްތާންގެ ސަރުކާރާ ތޯލިބާން ޖަމާއަތް ހަވާލުވުމަށްފަހު ރަޝިޔާ އާއ އަފްޣާނިސްތާނާ ދެމެދު ގުޅުން ބަދަހިކުރުމުގެ އާ މަރުހަލާއެއް ކަމަށް އެ ނޫހުން ބުންޏެވެ.
ރަޝިޔާގެ ރައީސްގެ ފަރާތުން އަފްޣާނިސްތާނަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ޒަމީރު ކަބުލޯފް ބުނީ ދެ ގައުމުން ސޮއިކުރި ޑީލަކީ ރަޝިޔާއިން އުފައްދައިފައިވާ، މިހާރު ވެސް އަފްޣާނިސްތާންގައި ހުރި އަސްކަރީ އާލާތްތައް މަރާމާތުކޮށް، އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމުގެ އެއްބަސްވުމެއް ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ފަހަރުގައި ފަހުން ދެ ގައުމުގެ ދެމެދުގައި ދިފާއީ ރޮނގުން ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރެވިދާނެ،" އޭނާ ބުންޏެވެ.
އަފްޣާނިސްތާންގެ ދިފާއީ ވަޒީރު މުހައްމަދު ޔައުގޫބު މުޖާހިދު ވިދާޅުވީ އެއްބަސްވުން ތަންފީޒުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ދިރާސާވެރިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެކުނު އޭޝިއާގެ ތެރޭގައި ބާރުތައް އެތުރިފައި އޮތް ގޮތަށް ބަދަލު އަތުވެދާނެ ކަމަށެވެ. ސަބަބަކީ ޕާކިސްތާންގެ ތޯލިބާން ޖަމާއަތް އަފްޣާނިސްތާންގައި ތިބެގެން ޕާކިސްތާނަށް ހަމަލާދޭތީ، ދެ ގައުމުން ދޭތެރެއަކުން އަދިވެސް ހަމަލާ ބަދަލުކުރަމުންދާތީއެވެ.



advertisment