Support Us

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރުވުން ފާހަގަކުރަން މި ދިޔަ އަހަރު ސެޕްޓެމްބަރުގައި ޗައިނާގައި ބޭއްވި ރިސެޕްޝަނެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް (ވ) އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ކ) އާ ބައްދަލުކުރައްވަނީ

ޝީ އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އުތުރު ކޮރެއާއަށް ދެ ދުވަހުގެ ދަތުރެއް ކުރައްވަން ހަމަޖައްސަވައިފިކަން މިއަދު އިއުލާންކޮށްފިއެވެ.

ދަތުރު ހަމަޖެއްސެވީ އަންނަ ހޯމަ ދުވަހުން އަންގާރަ ދުވަހަށެވެ.

ޝީ އެންމެ ފަހުން އުތުރު ކޮރެއާއަށް ވަޑައިގަތީ 2019 ގައެވެ. އެ ދަތުރުގެ ކުރިން ޗައިނާގެ ލީޑަރަކު އުތުރު ކޮރެއާއަށް ވަޑައިގަތީ 2005 ގައެވެ. އެއީ 2003 އިން 2013 އަށް ޗައިނާގެ ރައީސްކަން ކުރެއްވި ހޫ ޖިންޓާއޮއެވެ. އޭނާ ވަޑައިގަތްއިރު އުތުރު ކޮރެއާ ލީޑަރު ކަމުގައި ހުންނެވީ މިހާރުގެ ލީޑަރު ކިމް ޖޮންގް އުންގެ މިހާރު އަވަހާރަވެފައިވާ ބައްޕަ ކިމް ޖޮންގް އިލްއެވެ.

ޝީގެ ދަތުރަކީ ކިމްއާއެކު ވާހަކަތައް ބޭއްވެވުމަށް ކިމްގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

"މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް ޝީ ކުރައްވާ ދަތުރެއް،" ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.

ސިޔާސީ ދިރާސާވެރިން ބުނީ ޝީގެ ދަތުރަކީ ކޮވިޑް-19ގެ ޕެންޑެމިކްގައި ދެ ގައުމުގެ މުއާމަލާތްކުރުން މަދުވެފައިވާތީ އަލުން ގުޅުން ރަނގަޅުކުރަން ކުރައްވާ ދަތުރެއް ކަމަށް ބެލެވޭ ކަމަށެވެ.

ކިމް ވަނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރުވުން ފާހަގަކުރަން މި ދިޔަ އަހަރު ސެޕްޓެމްބަރުގައި ޗައިނާގައި ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަން ޝީއާ ބައްދަލުކުރައްވައިފައެވެ. އެއީ 2019 އަށްފަހު އޭނާ ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އޭގެ ކުރިން 2018 އާއި 2019 އާ ދޭތެރޭ ޗައިނާއަށް ހަތަރު ފަހަރު ޒިޔާރަތްކުރައްވައި ގިނަ އަދަދަކަށް ޝީއާ ބައްދަލުކުރައްވައިފައިވެއެވެ. އެއީ ފަހުން ހުއްޓުމަކަށް އައި އެއިރު އުތުރު ކޮރެއާއިން އެމެރިކާއާއެކު ބާއްވަމުން ދިޔަ އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކުރިއަށްދިޔަ ދުވަސްވަރުއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވެސް ވަނީ ދާދި ފަހުން ޗައިނާއަށް ވަޑައިގަންފައެވެ.

ޝީ އުތުރު ކޮރެއާއަށް މި ވަޑައިގަންނަވަނީ ރަޝިޔާ އާއި އުތުރު ކޮރެއާގެ ގުޅުން ބަދަހިވަމުންދާ ދުވަސްވަރެއްގައެވެ. އެ ގޮތުން ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ކުރަމުންދާ ހަތަރު އަހަރުވީ ހަނގުރާމައިގައި އެހީވުމަށް އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ސިފައިން ވެސް ފޮނުވައިދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *