އީރާންގެ ސުޕްރީމް ލީޑަރު މުޖްތަބާ ހާމަނާއީ މިހާރު މާ ހަރަކާތްތެރި ކަމަށް އެމެރިކާއިން ބުނެފިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ކުރިއަށްގެންދާ ނުސީދާ ވާހަކަތައް ކުރިއަށްދާއިރު ހާމަނާއީގެ ހިޔާލުތައް މިހާރު ލިބެމުންދާ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހާމަނާއީގެ ބަސްތައް ލިބެނީ ލިޔުމުންނާއި މީހުން މެދުވެރިވެގެން ކަމަށެވެ. އަދި ދޫދިނުންތަކެއް ވެސް އީރާންގެ ފަރާތުން ފެންނަން ފަށައިފި ކަމަށެވެ. އެ ގޮތުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރަން އީރާން އެއްބަސްވެއްޖެ ކަމަށެވެ.
"އެ ކަންތައްތަކަކީ މަޝްވަރާކުރަން އީރާނުން ކުރިން ބޭނުންނުވި ކަންތައްތަކެއް،" ރުބިއޯ ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލައިނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމަކަށް ޝަރުތެއް ނެތި ހިލޭ ހުޅުވައިލުމުން ކަމަށެވެ.
ނުސީދާ ވާހަކަތައް ކުރިއަށްދާއިރު އެމެރިކާއިން އަދިވެސް އީރާނަށް ޕްރެޝަރުކުރުން ދަމަހައްޓަމުންދާ ކަމަށް އީރާނުން ބުންޏެވެ.
"އަހަރެމެން ބޭނުމީ ޝަރަފު އެކުލެވޭ ސުލްހައެއް. އަހަރެމެން ދިފާއުވުމުގެ ހައްގު ދޫކޮށެއްނުލާނަން،" އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ވިދާޅުވިއެވެ.
އީރާންގެ އޮފިޝަލުން ބުނީ ބޭރުން އަންނަ ޕްރެޝަރަށް އީރާންގެ ސިޔާދަތީ ބާރުތައް ދުލެއް ނުކުރާނެ ކަމަށެވެ.
ނުސީދާ ވާހަކަތައް ކުރިއަށްދާއިރު ވެސް އީރާނާއި އެމެރިކާއިން ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.
ކުވައިތުން ބުނީ އީރާނުން ޑްރޯނާއި މިސައިލުން ދިން ހަމަލާތަކެއް އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ޓާމިނަލަކަށް އަރައި އެކަކު މަރުވެ އެތައް ދޮޅަހެއްގެ މީހުން ޒަހަމްވި ކަމަށެވެ.
އީރާނުން ބުނީ ކުވައިތަށާއި ބަހްރައިނަށް ޑްރޯނާއި މިސައިލުން ދިން ހަމަލާތައް އެމެރިކާއަށް ފިލާވަޅަކަށްވާނެ ކަމަށެވެ. ހަމަލާތައް ދިނީ ކުވައިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ހަމަލާދިނުމުން އޭގެ ރައްދެއްގެ ގޮތުގައި ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 92 ޑޮލަރު (1،418ރ.)ގައި ހުރެފައި މިއަދު ވަނީ 98 ޑޮލަރު (1،511ރ.)އަށް މައްޗަށް ޖެހިލައިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment