ބިދޭސީން ވިޔަފާރި ހިންގުމާ ބެހޭ ގާނޫނާ ހިލާފަށް، ރައްޔިތުންގެ ނިވަލުގައި ތިބެ ބިދޭސީން ހިންގާ ވިޔަފާރިތަކާ ދެކޮޅަށް ތައިލެންޑް ސަރުކާރުން ފިޔަވަޅުއަޅަން ނިންމައިފިއެވެ.
މި ހަފުތާގައި އިއުލާންކުރި މި ފިޔަވަޅުތައް އަޅާނެ ވިޔަފާރިތަކުގެ ތެރޭގައި ސެލޫންތަކާއި ޓޫރިޒަމް ކުންފުނިތަކާއި އަދި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ގަސްތައް ހައްދާ ދަނޑުތައް ވެސް ހިމެނެއެވެ.
"ބިދޭސީން ހިންގާ މި ފަދަ 500 ކުންފުންޏަށް ތައިލެންޑް ރައްޔިތުން ފޭކް ހިއްސާދާރުންގެ ގޮތުގައި ހަމަޖައްސައިދިނީ އެއް އެކައުންޓިން ކުންފުންޏަކުން،" އޮފިޝަލަކު ބުންޏެވެ.
އެއް މައްސަލައެއްގައި ހާމަވީ ނިޔަފަތި ކަނޑައިދޭ ސެލޫނެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން އޮންލީފޭންސް މަންސަ ބޭނުންކޮށްގެން ބަރަހަނާ ކޮންޓެންޓް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ކުންފުންޏެކެވެ.
ވިޔަފާރި ތަރައްގީކުރާ ޑިޕާޓްމަންޓުން ބުނީ ތައިލެންޑް ރައްޔިތުންގެ ނިވަލުގައި ބިދޭސީން ހިންގާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ ވިޔަފާރީގެ ދާއިރާގެ ހާމަކަން ބޮޑުކުރުމަށާއި ތައިލެންޑްގެ ބިދޭސީ ވިޔަފާރިއާ ބެހޭ ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށެވެ.
ބިދޭސީން ހިންގާ ވިޔަފާރިތަކުގައި ފޭކް ހިއްސާދާރުންގެ ގޮތުގައި އުޅޭ ތައިލެންޑް ރައްޔިތުން ޖަލަށް ލައި އަދި ބޮޑެތި އަދަދުން ޖޫރިމަނާކުރާނެ ކަމަށް ވެސް ރަސްމީ އިދާރާތަކުން އިންޒާރުދިނެވެ.



advertisment