ނިއުކްލިއަ ޕްރޮގްރާމްގައި ދުލެއް ދޭނެ ކަމަށް އީރާނުން ބުނެފި ކަމަށް އެމެރިކާއިން މިއަދު ބުނެފިއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) ވިދާޅުވީ އެތައް ދަހަރެއް ވަންދެން މި މައްސަލައިގައި އެމެރިކާއިން އެދެމުން ދިޔަ ކަންތައްތަކަށް މި ގޮތަށް ދުލެއް ދޭން އީރާނުން ނިންމީ "މަޑުމައިތިރި" ކަމާއެކު ކަމަށެވެ.
"ނަމަވެސް އީރާނުން ފުރަތަމަ އަމަލުން އެ ކަން ދައްކަން ޖެހޭ،" ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅޭ ގޮތުން ރުބިއޯ ފުރަތަމަ ފަހަރަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީރާނުން އެދިފައިވާ ގޮތަށް އެ ގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލައި، އީރާންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް ނައްތައިލައި އަދި ބޭރު ގައުމުތަކުގައި ހުރި އީރާންގެ ފްރީޒްކޮށްފައިވާ 12 ބިލިއަން ޑޮލަރު (184 ބިލިއަން ރުފިޔާ) ދޭނީ އީރާނުން ފައްކާކޮށްފައިވާ ޔުރެނިއަމް ސްޓޮކް ނައްތައިލުމުން ނުވަތަ އެމެރިކާއާ ހަވާލުކުރުމުންނާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި ހުރިހާ ގައުމަކަށް ހިލޭ ހުޅުވައިލުމުން ކަމަށެވެ.
ކޮންގްރެސްގައި ރުބިއޯ މި ކަހަލަ ވާހަކަތަކެއް ދެއްކެވީ ކީއްވެ ކަމެއް ނޭނގެއެވެ. ސަބަބަކީ އޭނާ މިހެން ވިދާޅުވުމާއެކު އީރާނުން ވަނީ އަމާން ނުދޭނެ ކަމަށް ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 94 ޑޮލަރު (1،449ރ.)ގައި ހުރެފައި މިއަދު ވަނީ 92 ޑޮލަރު (1،418ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment