ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހިނގަމުން ދިޔަ އިރު އީރާނަށް އަސްކަރީ އެހީ ނުދޭ ކަމަށް ޗައިނާ ބުނެފިއެވެ.
ޗައިނާއިން މިހެން ބުނީ ހަނގުރާމައިގެ ތެރޭގައި ޗައިނާއިން އީރާނަށް ވާގިވެރިވިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ހުޅަނގުގެ ގައުމުތަކުން ބުނުމުންނެވެ.
"އަސްކަރީ އުފެއްދުންތައް ޗައިނާއިން އެކްސްޕޯޓްކުރަނީ ވިސްނުންތެރިކަމާއި ޒިންމާދާރުކަމާއެކު،" އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނަކު ބުންޏެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލުން ހަމަލާތައް އަމާޒުކުރީ ޗައިނާއިން އީރާނަށް ދިން ރަކޮނަސަންސް ސެޓެލައިޓެއްގެ އެހީގައި ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އެފް-15އީ ފައިޓަރު ޖެޓެއް އީރާނުން ވައްޓައިލީ ޗައިނާއިން އުފައްދައިފައިވާ، ކޮނޑުގައި ބަހައްޓައިގެން ލޯންޗުކުރާ މިސައިލަކުން ކަމަށް ބެލެވޭ ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ބުންޏެވެ.
އީރާނާއެކު ގާއިމުކުރަން އެމެރިކާއިން ބޭނުންވާ ސުލްހައިގެ މުއާހަދާގެ ފަހު ޑްރާފްޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ރުހުން ނުދެއްވައެވެ. އޭގައި ދެ ގައުމުން ސޮއިކުރުން ލަސްވަމުންދަނީ ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވާ ދެ ކަމަކަށް އީރާނުން އެއްބަސްނުވާތީއެވެ. އެއީ އީރާނުން ފައްކާކޮށްފައި ހުރި ޔުރެނިއަމް ސްޓޮކް ނައްތައިލަން ނުވަތަ އެމެރިކާއާ ހަވާލުކުރަން އީރާނުން ދެކޮޅުހަދާތީ އާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި އެއްވެސް ޝަރުތެއް ނެތި ހިލޭ ހުރިހާ ގައުމަކަށް ހުޅުވައިލަން އީރާނުން ދެކޮޅުހަދާތީއެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ބަންދުވިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 92 ޑޮލަރު (1،418ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment