އެމެރިކާ އާއި އިސްރާއީލު އަސްކަރީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މަޝްރޫއެއް ގާނޫނެއްގެ ދަށުން ހިންގަން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްއިން ހުށަހަޅައިފިއެވެ.
މި މަޝްރޫއަކީ އަންނަ އަހަރުގެ ގައުމީ ދިފާއާ ގުޅޭ "2027 ނެޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް" ގާނޫނުގައި ހިމަނައިފައިވާ ބައެކެވެ.
މަޝްރޫއުގެ ދަށުން ދެ ގައުމުން ގުޅިގެން ހަތިޔާރާއި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ޑްރޯނާއި ސައިބާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް ފުޅާކުރާނެއެވެ.
މަޝްރޫއުގައި ދެ ގައުމުން ދިފާއީ އެއްބާރުލުން ވިލަރެސް ކުރުމަށް އެމެރިކާއަށް އިސް ރޯލެއް ދޭން ހަމަޖައްސައިފައިވެއެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕޯލް އިންޒާރުދިން ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމުން އިސްރާއީލުގެ ދިފާއި ނިޒާމުތައް އެމެރިކާގެ އަސްކަރީ ސަޕްލައި ޗޭނާ އެއްކޮށްލެވޭނެއެވެ.
"މި މަޝްރޫއުގެ ސަބަބުން މީގެ ކުރިން އިސްރާއީލަށް ނުލިބޭ މިންވަރަކަށް އެމެރިކާގެ ޓެކްނޮލޮޖީ އިސްރާއީލަށް ލިބޭނެ،" އޭނާ ބުންޏެވެ.
މި މަޝްރޫއަށް އެމެރިކާގެ މައިގަނޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ވެސް ވަނީ ލިބިފައެވެ.
މި މަޝްރޫއު ހިންގަން ހުށަހަޅައިފައިވާ ހުށަހެޅުން ވޯޓަށް އަހަން ކޮންގްރެސްއިން އަދި މަސްތަކެއް ނަގާނެއެވެ.



advertisment