ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މިހާރު މެދުކަނޑައިލައިފައި އޮތަސް އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރާނީ މުސްލިމް ފަސް ގައުމަކުން އިސްރާއީލު ބަލައިގަތުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް (ފޮޓޯ) ވިދާޅުވީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރާނީ 2020 ގައި އެބްރަހަމް އެކޯޑްސްގެ ނަމުގައި، އީރާނާ ދެކޮޅު ހަދާ، އަދި އިސްރާއީލު ބަލައިގަންނަ ގޮތަށް ތައާރަފުކުރި މުއާހަދާގައި ސަރަހައްދީ މުސްލިމް ފަސް ގައުމުން އެއްފަހަރާ ސޮއިކުރުމުން ކަމަށެވެ. އެ ފަސް ގައުމަކީ ގަތަރު، ޕާކިސްތާން، މިސްރު، އުރުދުން އަދި ތުރްކިޔެއެވެ.
ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ބަހްރައިން އަދި މަޣްރިބް ކަރައަކީ މިހާރު ވެސް އެ މުއާހަދާ ތަންފީޒުކޮށްފައިވާ ތިން ގައުމެވެ. ނަމަވެސް ސޫދާންގައި އަހުލީ ހަނގުރާމައެއް ހިނގަމުންދާތީ އެ މުއާހަދާގައި ސޮއިކުރުމަށްފަހު ވަނީ ތަންފީޒު ނުކޮށެވެ.
"އަހަރެން އީރާނާއެކު ޑީލެއް ހަދާނަމަ އެ ވާނީ ރަނގަޅު އަދި އެކަށީގެންވާ އެއްޗަކަށް. ވަރަށް ރަނގަޅު އަދި މައުނަވީ އެއްޗަކަށް. އެހެން ނޫނީ ޑީލެއް ނުހަދާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ވަނީ ޓްރަމްޕްގެ މި އާ ނިންމެވުން ކުށްވެރިކޮށްފައެވެ.
"އެމެރިކާއިން ހުށަހަޅާ ކަންތައްތައް ގިނަގިނައިން ބަދަލުކުރުމާއި ހައްދުފަހަނަޅާ ވަރަށް ގިނައިން ކަންތައްތަކަށް އެދުން ވެފައިވަނީ އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރެވިގެން އުޅޭ ބޮޑު އެއް ސަބަބަށް،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް މާކެޓްތައް މި ދިޔަ ހުކުރު ދުވަހު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 103 ޑޮލަރު (1،588ރ.)ގައި ހުރެފައި މިއަދު ހުރީ 97 ޑޮލަރު (1،495ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment