މި ދިޔަ މަހު 16 ގައި އެމެރިކާއިން ގާއިމުކޮށްދިން ސީޒްފަޔާ 45 ދުވަހަށް ދަންމައިލިޔަސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާތީ އީރާނުން ވާގިވެރިވާ ހިޒްބުﷲއިން އިސްރާއީލުގެ އަމާޒުފަތްގަނޑުތަކަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިޒްބުﷲއިން ވަނީ އިސްރާއީލުގެ އުތުރު ސަރަހައްދާއި ލުބްނާންގެ ދެކުނު ސަރަހައްދުގައި ހުރި އިސްރާއީލުގެ އެސެޓްތަކަށް ޖުމްލަ 12 ހަމަލާދީފައެވެ. ބަދަލުގައި އިސްރާއީލުން ވަނީ ލުބްނާނަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ހިޒްބުﷲގެ ހަނގުރާމަމަތީ އުކުޅުތައް ވަރުގަދަކޮށްފައިވާތީއާއި ހަނގުރާމައިގެ އުކުޅުތައް ބަދަލުކުރަމުންދާތީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަރުގަދަ އިންޒާރެއްދީފައެވެ.
"ހިޒްބުﷲއިން ގެންގުޅޭ ފައިބަ އޮޕްޓިކުން ދުއްވާ އާ ޑްރޯންތަކަކީ ބޮޑު ނުރައްކަލެއް. އެ ތަކެތީ ބާރު ކަނޑުވައިލަމުން މި ދަނީ،" އޭނާ ބުންޏެވެ.
އިސްރާއީލުން ލުބްނާނަށް ބޮންއެޅުމުން ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު އެ ކަން ވަނީ ހަރުކަށިކޮށް ކުށްވެރިކުރައްވައިފައެވެ.
"އަދި އިސްރާއީލު ސިފައިން އަހަރެމެންގެ ގައުމުގެ ދެކުނު ސަރަހައްދަށް ވަންނަމުންދިއުމަކީ އަހަރެމެންގެ ގައުމުގެ ސިޔާދަތަށް ނުރައްކާކުރުން،" އޭނާ ވިދާޅުވިއެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރަން ކަމަށް ބުނެ އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ 10 ކިލޯމީޓަރުގެ ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދެއް އިއުލާންކޮށްފައި އޮތުމެވެ. ލުބްނާނުން ބުނީ މިއީ އިސްރާއީލުން ލުބްނާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލުން މިހާތަނަށް ވެސް އަމަލުނުކުރާ، ނޮވެމްބަރު 2024 ގައި އިސްރާއީލާއެކު ހިޒްބުﷲއިން ގާއިމުކުރި ސީޒްފަޔާ މުގުރައިލައިފައި ހިޒްބުﷲއިން ވެސް އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 3،100 ލުބްނާން މީހުން މަރުވެފައިވެއެވެ. އަދި ބަފަރު ޒޯން ހެދުމުން ލުބްނާންގެ 1.6 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment