Support Us

އީރާން ނައްތައިލުމުގެ ވަގުތު ޖެހެނީ: ޓްރަމްޕް

އީރާން ނައްތައިލުމުގެ ވަގުތު ޖެހެނީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

"އީރާނަށް ގަޑި ދަނީ ހިނގަމުން. އީރާނުން (އެމެރިކާއާއެކު ސުލްހައިގެ) އެއްބަސްވުމަށް އަވަސްވެގަންނަންވީ. އެހެން ނޫނީ އެ ގައުމެއް ނޯންނާނެ. ވަގުތަކީ މިހާރު އެންމެ މުހިންމު އެތި،" ޓްރަމްޕް (ފޮޓޯ) ރޭ ވިދާޅުވިއެވެ.

އޭނާގެ އިންޒާރަށް ބެލުމެއް ނެތި އީރާނުން ވަނީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އެ ގައުމުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރެވޭނެ އާ އުސޫލުތައް ހާމަކޮށްފައެވެ. އެ ގޮތުން ހުރުމުޒުން ދަތުރުކުރަން ބޭނުންވާ އުޅަނދުފަހަރުގެ ކަންތައްތަކަށް ހުއްދަ ދޭ އިދާރާއެއްވަނީ އުފައްދައިފައެވެ. އަދި ކޮންމެ އުޅަނދަކުން އެ އިދާރާއަށް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)ގެ ޓޯލްއެއް ޗައިނާގެ ފައިސާ ޔުއާނުން ދައްކަން ޖެހެއެވެ.

މި ކަން ޖަރުމަނުން މިއަދު ވަނީ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. ޖަރުމަނުގެ ޗާންސެލާ ފްރީޑްރިޝް މެއާޓްސް އީރާނަށް ގޮވައިލެއްވީ ކޮންމެ ގައުމެއްގެ އުޅަނދުފަހަރަށް ފުރިހަމަ މިނިވަންކަމާއެކު ހުރުމުޒުން ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ.

އެމެރިކާއިން އީރާނަށް ހުށަހެޅި އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުން އީރާންގެ ދައުލަތުގެ މީޑިއާގެ ޒަރީއާއިން އީރާނުން ވަނީ ލީކުކޮށްލައިފައެވެ. ފަސް ނުކުތާއެއް ހިމެނޭ ހުށަހެޅުމުގައި އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ އެއް މަރުކަޒު ފިޔަވާ އެހެން ހުރިހާ މަރުކަޒެއް ބަންދުކުރަން އެމެރިކާއިން އެދިފައިވެއެވެ. އަދި މިހާތަނަށް ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް އެމެރިކާއާ ހަވާލުކުރަން ވެސް އެމެރިކާއިން އެދިފައިވެއެވެ.

އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ މިއަދު ބުނީ އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދޭ ރަސްމީ ޖަވާބު، އީރާނާއި އެމެރިކާއާ ސުލްހަވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެމެރިކާއިން ބޭނުންވާ ކަންތައްތައް ހައްދުފަހަނަޅާ ވަރަށް ގިނަ. އަދި އަހަރެމެންނަށް ބޭނުންތެރި ދުލެއް ނުދޭ،" އޭނާ ބުންޏެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށްދާއިރު ވަގުތީ ގޮތުން ނައްތާލާނެ ކަމަށް އެމެރިކާއިން ހުށަހަޅައިފައިވާ ކަމަށް އީރާނުން ބުންޏެވެ. ނަމަވެސް އީރާނުން ބުނީ އެ ގައުމުން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި ނައްތާލުމަށް ކަމަށާއި ގައުމުން ބޭރުގައި ހުރި އީރާންގެ އެސެޓްތައް ފްރީޒްކޮށްފައި އޮތްއޮތުން ވެސް ނައްތާލަން ބޭނުންވާ ކަމަށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ނުތަނަވަސްކަން އޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވެސް ހުރީ އިއްޔެގެ އަގުގައެވެ. އެއީ 109 ޑޮލަރު (1،680ރ.)އެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ހުރުމުޒު އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *