މިނިވަން ދައުލަތެއް ގޮތަށް ރަސްމީކޮށް އިއުލާން ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމުން ޓައިވާނުން އެ ކަމަށް ރައްދުދީފިއެވެ.
ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު ދެ ދުވަހުގެ ބައްދަލުކުރެއްވުމެއް ބޭއްވެވުމަށްފަހު ޓްރަމްޕް ވިދާޅުވީ ޗައިނާ އާއި އެމެރިކާގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގަން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެ ގޮތުން ޗައިނާ އާއި ޓައިވާނާ ދެމެދު ހަނގުރާމައެއް ކޮށްފިނަމަ 9،500 މޭލު ކަޑައްތު ކޮށްފައި ޓައިވާން ދިފާއުކުރަން ހަނގުރާމައިގައި ބައިވެރިވާން އެމެރިކާ ސިފައިން ފޮނުވަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.
"ޓައިވާނާއި ޗައިނާއާ ދެމެދު އޮތް ގުޅުން ފިނިކުރަން އަހަރެން ގޮވައިލަން،" ޓްރަމްޕް ވިދާޅުވިއެވެ.
ރައްދުގައި ޓައިވާނުން އިއްޔެ ބުނީ އެއީ މިނިވަން އަދި މުސްތަގިއްލު ގައުމެއް ކަމަށެވެ.
"ކަންތައްތައް މިހާރު އޮތް ގޮތަށް ދަމަހައްޓާނަން. ނަމަވެސް ޓައިވާނަކީ ޗައިނާގެ ކިޔަމަންތެރިކަމުގެ ދަށުގައި އޮތް ގައުމެއް ނޫން،" ޓައިވާނުން ބުންޏެވެ.
ދުނިޔޭގެ މަދު ގައުމުތަކަކުން ބަލައިގަންނަ ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް އެމެރިކާއިން ރަސްމީކޮށް ބަލައިނުގަތަސް އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާގެ ނުރުހުން ވަނީ އެމެރިކާއަށް އަމާޒުވެފައެވެ. ޗައިނާގެ ވެރިކަމަށް ކޮމިއުނިސްޓް ޕާޓީ އައުމުން ޗައިނާ ދޫކޮށް ކުއޮމިންޓޭންގް ޕާޓީ ޓައިވާނަށް ގޮސް ޓައިވާންގައި ވަކި ސަރުކާރެއް ގާއިމުކުރިޔަސް ޗައިނާއިން އަދިވެސް ދެކެނީ ޓައިވާނަކީ ޗައިނާގެ ޖަޒީރާއެއްގެ ގޮތުގައެވެ.
ޓްރަމްޕްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝީ ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގައި އެންމެ މުހިންމުކަން ދޭ ކަމަކީ ޓައިވާންގެ މައްސަލަ ކަމަށެވެ.
ޓައިވާނުން ބުނީ ޓްރަމްޕްގެ އިންޒާރަށް ފަހު ވެސް އެމެރިކާއާއެކު ޓައިވާންގެ ގުޅުން ވަރުގަދަ ކުރަމުންދާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ޓައިވާނާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމެއް ހިނގަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. ޗައިނާއިން ބުނީ ޓައިވާނުން މިނިވަންކަން އިއުލާންކުރުމާ ދެކޮޅު ކަމަށެވެ.



advertisment