ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރު ނިންމަވައިލައިފައި، އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ނުހަދައިފިނަމަ އީރާން "ނައްތައިލައިނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވިޔަސް، ސުލްހަވުމަށް އެދި ސިއްރިޔާތުގައި އެމެރިކާއިން ދަނީ އީރާނަށް މެސެޖް ފޮނުވަމުން ކަމަށް އީރާނުން ބުނެފިއެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވައިލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ހަނގުރާމަ ހުއްޓުވައިލަން ކޮންމެ ކަހަލަ ޑިޕްލޮމެޓިކް އެހީއެއް ވެސް އަހަރެމެން ބަލައިގަންނަން،" އަރާޣްޝީ ވިދާޅުވިއެވެ.
އީރާނުން މިއަދު ބުނީ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ) ހުރަސްކުރަން ކޮންމެހެން އެމެރިކާގެ ހުއްދަ ނުހޯދައި ޔޫރަޕްގެ ގައުމުތަކުން ސީދާ އީރާނާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ. އެ ގޮތުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ހުރަސްކުރަން ޗައިނާ، ޖަޕާން އަދި ޕާކިސްތާންގެ އުޅަނދުތަކަށް އީރާނުން މިހާރު ދީފައިވާ ހުއްދަ ފަދަ ހުއްދަ ހޯދަން ޔޫރަޕްގެ ގައުމުތަކުން އީރާނާ މިހާރު ސީދާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދުގައި އަދިވެސް ނުތަނަވަސްކަން އޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 109 ޑޮލަރު (1،680ރ.)އަށް މައްޗަށް ޖެހިލައިފައެވެ. އެއީ އިއްޔެ 108 ޑޮލަރު (1،665ރ.)ގައި ހުރެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ހުރުމުޒު އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.



advertisment