Support Us

އިއްޔެ ހިނގި ހާދިސާގައި ފެކްޓަރީގައި އެއްޗެއް ގޮވުމުން އެ ޕްލާންޓްގައި އަލިފާން ހިފައި، އެ ތަނުން ދުން އަރަނީ

ޗައިނާގެ ހަވާ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި 26 މަރު

ޗައިނާގެ ދެކުނުގެ ހުނާން ޕްރޮވިންސްގައި ހުރި ހަވާ އުފައްދާ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި 26 މީހުން މަރުވެ 61 މީހުން ޒަހަމްވެއްޖެއެވެ.

ހުއަޝެންގް ފަޔާވޯކްސް ނަމަކަށް ކިޔާ، ލިއުޔަންގް ސިޓީގައި ހުންނަ ޕްލާންޓްގައި އިއްޔެ ހިނގި ހާދިސާއަށްފަހު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެ ސިޓީއަކީ ހަވާ ހެދުމަށް މަޝްހޫރު ސަހަރެކެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ދުނިޔޭގައި އެންމެ ގިނައިން ހަވާ އުފައްދާ ސިޓީއެވެ.

ޒަހަމްވި މީހުންގެ އުމުރު އުޅެނީ 20 ގެ އަހަރުތަކާއި 60 ގެ އަހަރުތަކުގެ ދޭތެރޭގައެވެ. ބުރަބުރައިގެން ދިޔަ ތަކެތީގެ ސަބަބުން ބައެއް މީހުންނަށް ކަށި ބިނދުމުގެ ޒަހަމްތައް ވަނީ ކުރިމަތިވެފައެވެ.

ހާދިސާ ހިނގުމުން އަލިފާން ނިއްވުމުގެ މަސައްކަތްކުރަނީ

ރައީސް ޝީ ޖިންޕިންގް ވަނީ ގެއްލިފައިވާ މީހުން ހޯދުމަށާއި ޒަހަމްވި މީހުން ސަލާމަތްކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް މީހުން ސަލާމަތްކުރާ ޓީމުތަކަށް އަންގަވައިފައެވެ. މީގެ އިތުރުން ހާދިސާގެ ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނެންގުވުމަށްޓަކައި ހާދިސާ ތަހުގީގުކުރުމަށް ވެސް ރަސްމީ އިދާރާތްތަކަށް އޭނާ ވަނީ އަމުރުކުރައްވައިފައި ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިއެވެ. މިހެންވެ، ތަހުގީގުކުރާ ފުލުހުން ވަނީ ހަވާ އުފައްދާ ކުންފުނީގެ ވެރިންނާ ދެކޮޅަށް، ފިލައިގެން ނުދެވޭނެ ފަދަ ފިޔަވަޅުތައް އަޅައިފައެވެ.

ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން އެ ފެކްޓަރީގެ ވަށައިގެން 1.9 މޭލުގެ ދުރުމިނަށް މީހުން އިވަކުއޭޓްކުރިއެވެ.

މީހުން ސަލާމަތްކުރުމަށް އެ ހިސާބަށް ކުއްލި ހާލަތުގައި މަސައްކަތްކުރާ 1،500 މީހުން ފޮނުވިއެވެ. އެއީ މީހުން ހޯދަން ތަމްރީންކޮށްފައިވާ ކުއްތާ އާއި ޑްރޯންގެ އިތުރުން ރޮބޮޓްތަކާއެކު ވެސް މެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު ވެސް ފެކްޓަރީ ތެރޭގައި ހުރި ބަޑިބޭސް ރައްކާކުރާ ދެ ގުދަނުގެ ނުރައްކާ އޮތް ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.

ގޮވުމުގެ ހާދިސާއަށްފަހު އެ ފަދަ އެހެން ނުރައްކަލެއް ކުރިމަތިވެދާނެތީ ސަލާމަތީ ޓީމުތަކުން ވަނީ އެ ހިސާބުގެ ވެށި ތެތްކުރަން ފެނުގެ އާވިން މާހައުލު "ހިއުމިޑިފައި"ކޮށްފައެވެ.

ގޮވުން ވަރުގަދަކަމުން ފެކްޓަރީ ކައިރީގައި ހުރި އިމާރާތެއްގެ ކުޑަދޮރުތައް ވަނީ ފުނޑުފުނޑުވެފައެވެ.

ލިއުޔަންގް ސިޓީގެ ރަސްމީ އިދާރާތަކުން މިއަދު ބުނީ ފެކްޓަރީ ހުރި ހިސާބުގެ ފެނާއި ވައިގެ ކޮލިޓީ މިއަދު ޗެކު ކުރިއިރު ތިމާވެށި ރަނގަޅު ކަމަށް ދެއްކި ކަމަށެވެ.

ޕްލާންޓާ ބައި މޭލު ދުރުގައި ދިރިއުޅޭ މީހަކު ބުނީ މަގަށް ހިލަ އެޅިފައިވާތީ އޭނާގެ ވިލެޖްގެ މީހުން ދަތުރުކުރަން ޖެހިފައިވަނީ އެހެނިހެން ގޮތްގޮތަށް ކަމަށެވެ.

"އަހަރެމެންގެ ގޭގޭގެ ބިއްލޫރި ކުޑަދޮރުތައް ވަނީ ފުނޑުފުނޑުވެފައި. ކުޑަދޮރުގެ އެލުމިނިއަމް ދޮރުކަނިތައް ވަނީ ހަލާކުވެފައި. އަދި ސްޓެއިންލެސް ސްޓީލް ދޮރުތައް ވަނީ ބަނޑިވެފައި،" އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ ބިރުން ވިލެޖު ދޫކޮށް މިހާރު ގޮސްފައިވާ ކަމަށެވެ.

ޗައިނާގައި ހަވާ ހަދާ ފެކްޓަރީތަކާއި ހަވާ ވިއްކާ ފިހާރަތަކުގައި ގޮވުންތަކުގެ ހާދިސާތަކަކީ އާއްމު ގޮތެއްގައި ހިނގާ ކަމެކެވެ. އަދި ވަރަށް ގިނައިން މީހުންގެ ފުރާނަ ގެއްލިފައި ވެސް ވެއެވެ. މި ދިޔަ ފެބްރުއަރީ މަހު ހުބައި ޕްރޮވިންސްގައި ހުރި ހަވާ ވިއްކާ ފިހާރައެއްގައި އެއްޗެއް ގޮވައި 12 މީހުން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *