Support Us

ފެންބޮޑުވެފައިވާ ކެންޔާގެ ވެރިރަށް ނައިރޯބީގައި މި ދިޔަ އަންގާރަ ދުވަހު ބަޔަކު ބަސްތާތަކެއް ހިފައިގެން ދަނީ

ކެންޔާގެ ފެންބޮޑުވުމުގައި 18 މަރު

ކެންޔާގައި މި ހަފުތާގައި ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް މަދުވެގެން 18 މީހުން  މަރުވެއްޖެއެވެ.

"ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކެންޔާގެ އެތައް ހިސާބެއްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގެ ނުރައްކާ އަދިވެސް އެބައޮތް،" ފުލުހުން އިއްޔެ ބުންޏެވެ.

މިއީ ވޭތުވެދިޔަ ދެ މަސް ތެރޭގައި ކެންޔާގައި ފެންބޮޑުވި ދެވަނަ ފަހަރެވެ. މާރިޗު މަހުގެ ފެންބޮޑުވުމުގައި ވެރިރަށް ނައިރޯބީގައި މަދުވެގެން 37 މީހުން މަރުވިއެވެ.

މި ފަހަރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ގައުމުގެ މެދުތެރޭ އަދި އިރުމަތީ ހިސާބުތަކަށެވެ. ފަރުބަދަތަކުގެ އަރިމަތިތައް ކަނޑައިގެންދިއުމުގެ ސަބަބުން ގޭގެއާއި މަގުތައް ވަނީ ވަޅުލެވިފައެވެ.

ނައިރޯބީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާތީ، ވިއްސާރަ އަލިނުކޮށްފިނަމަ އިތުރު މީހުން މަރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުންޏެވެ.

ބައެއް ވިޔަފާރިވެރިން ނައިރޯބީގައި އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ. އެއީ ކެންޔާއަށް ކޮންމެ އަހަރަކު މާރިޗު މަހުން މޭ މަހަށް މި ކަހަލަ މޫސުން ކުރިމަތިވާއިރު ވެސް މަގުތައް ރަނގަޅު ފެންވަރަކަށް ސަރުކާރުން ހަދައިފައި ނުވާތީއެވެ. އެ މީހުން ބުނީ މަގުތަކުގައި ފެންބޮޑުވުމުން ވިޔަފާރިއަށް ގެއްލުން ލިބޭ ކަމަށެވެ. ކޮންމެ މޭ މަހެއްގެ މެދުތެރެއަކީ ވިއްސާރަ މޫސުން އެންމެ ގޯސްވާ ދަނޑިވަޅެވެ.

އެތައް އާއިލާއަކަށްވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި ކަމަށާއި މުދަލަށާއި އިންފްރާސްޓްރަކްޗަރަށް ވެސް ވަނީ ގެއްލުން ލިބިފައި ކަމަށް އޮފިޝަލުން ބުންޏެވެ.

"ނަމަވެސް ގެދޮރު ދޫކޮށްލަން ޖެހުނު މީހުންގެ އަދަދު އަދި ސާފެއް ނޫން،" އޮފިޝަލަކު ބުންޏެވެ.

ފެންބޮޑުވުމުން ނުރައްކާތެރިވެދާނެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތައް ވިސްނައިގެން އުޅުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

މޫސުން ލަފާކުރާ އިދާރާތަކުން މި ދިޔަ ހުކުރު ދުވަހު އިންޒާރު ދީފައިވަނީ ވިއްސާރަ ދުވަސްވަރެއްކަމުން ސިއްހީ މައްސަލަތަކާ ކުރިމަތިވެދާނެ ކަމަށެވެ. އެއީ ފެނުގެ ޒަރީއާއިން ޖެހޭ ބަލިތައް ފެންމަތިވެދާނެތީއެވެ. މީގެ އިތުރުން އެ އިދާރާތަކުން ބުނީ ގޮވާން ދަނޑުތަކަށް ވެސް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިންސާނުންގެ ހަރަކާތްތަކުން ކުރިމަތިވާ މޫސުމީ ބަދަލުގެ އަސަރުތައް ކެންޔާގެ އިތުރުން އިރުމަތީ އެފްރިކާގެ ގައުމުތަކަށްކުރާނެ ކަމަށް މާ ކުރިން ވެސް ތަޖުރިބާކާރުން ވަނީ އިންޒާރުދީފައެވެ.

އދ.އިން މި ދިޔަ ހަފުތާގައި ބުނެފައިވަނީ މޫސުން ދެކޮޅަށް ދެކޮޅަށް ބަދަލުވާލެއް އަވަސްކަމުން އެފްރިކާގެ ސަހަރުތައް އެ ކަމަށް ތައްޔާރުވުމަކީ އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

"މާ ގިނައިން ފެން ލިބުމާއި އަނެއްކޮޅުން މާ މަދުން ފެން ލިބުމަކީ ވެސް އެފްރިކާގެ ސިޓީތަކަށް ވަރަށް ނުރައްކާތެރި އަސަރުތައް ކުރަމުންދާ މައްސަލައެއް،" އދ.ގެ ތިމާވެށްޓާ ބެހޭ އިދާރާ، ޔުނައިޓަޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ކާރިސާތަކުގެ ނުރައްކާތެރިކަން ކުޑަކުރުމާ ބެހޭ ބައިގެ ވެރިޔާ ފްރޫޝީނޯ ސްޓްރައުސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް