އެތައް ޓަނެއްގެ ޑިނގާ މަރުވެ އޫމާންގެ ޟަފާރު ގަވަރުނަރޭޓްގެ މިރުބަތު ސްޓޭޓްގައި މޫދާއި ގޮނޑުދޮށް ދަބަރު ރަތް ކުލައަށް ބަދަލުވެއްޖެއެވެ.
މިއީ ގުދުރަތީ ކަމެއް ކަމަށާއި އަރަބި ކަނޑުގައި އޫމާނާއި ޔަމަންއާ ދިމާއިން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ހިނގާ ކަމެއް ކަމަށް އޫމާންގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ފެނުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
މިދިޔަ މަހު މިހެން ދިމާވަނީ ލޮނުގަނޑުގައި އޮކްސިޖަން ހިމެނޭ މިންވަރު ދަށްވުމުން ޑިނގާތަކަށް ނޭވާ ނުލެވި މަރުވުމުންނެވެ. އަދި ލޮނުގަނޑުގެ ފިނިހޫނުމިނަށް ކުއްލިއަކަށް ބަދަލު އައުމުން ވެސް އެ ސޮރުމެންނަށް ނޭދެވޭ އަސަރުކުރެއެވެ. މީގެ އިތުރުން ވަރުގަދަ އޮއިވަރުގައި ޖެހި އެ ސޮރުމެންނަށް ތިލަ ހިސާބުތަކަށް ދެވެނީއެވެ. މިހެން ވުމުން އެހެން ދިރޭ އެއްޗެހީގެ ޝިކާރައަކަށްވެ، ނުވަތަ ގޮނޑުދޮށްތަކަށް ލައްގައި، ޑިނގާތައް މަރުވަނީއެވެ.
މިއީ އަލްގީ ފެތުރި "ރެޑް ޓައިޑް" ނުވަތަ "ރަތް ދިޔަވަރު"ގެ ކަމެއް ނޫން ކަމަށް ދިރާސާވެރިން ބުންޏެވެ. އަދި ހަމައެހެންމެ އަރަބި ކަނޑު ތަޣައްޔަރުވެގެން ވެސް ވީ ގޮތެއް ނޫނެވެ. މި ގޮތަށް ކަންތައްތައް ކުރިމަތިވީ ހަމައެކަނި ޑިނގާއަށެވެ. އެހެން އެއްވެސް ކަނޑުގެ ދިރުމަކަށް ނޫނެވެ. މިހެންވެ، މިއީ އަރަބި ކަނޑުގައި މޫސުމީ ގޮތުން ދިމާވާ ގުދުރަތީ ކަމެއް ކަމަށް ސައިންސްވެރިން ބުންޏެވެ.
"ސަރަހައްދު ދިރާސާކުރި ފަރާތްތަކުން ބުނީ ކެމިކަލް މާއްދާއަކުން މޫދު ތަޣައްޔަރު ނުވާ ކަމަށް. އަދި 'ރަތް ދިޔަވަރު’ގެ ވިހަ މާއްދާތަކެއް ވެސް ނުފެންނަ ކަމަށް. މިހެންވެ، މިއީ އަރަބި ކަނޑުގެ ދިރުންތަކުގެ ނިޒާމު (އިކޯސިސްޓަމް)ގައި ކަންތައްތައް ހުންނަ ގޮތް ދައްކުވައިދޭ ގުދުރަތީ ކަމެއް. އަބަދު ހިނގާ ގުދުރަތީ ކަމެއް،" އޫމާންގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ފެނުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޑރ. ސައުދު ބިން ހަމޫދު ބިން އަހްމަދުލްހަބްސީ ވިދާޅުވިއެވެ.
މަންޒަރު އާދަޔާހިލާފު ކަމުން އެ ތަނަށް ރަށްވެހިންނާއި ފަތުރުވެރިން ދާތީ އޭނާގެ ވުޒާރާއިން ވަނީ އިންޒާރެއް ވެސް ދީފައެވެ. އެއީ މި "ރަތް ތަރަފާލު"އާ ކައިރި ނުވުމަށެވެ.
"މަރުވެފައިވާ ޑިނގާތައް ނުކެއުމަށް އެދެން. އެ ސޮރުމެން މަރުވީ ގުދުރަތީ ގޮތުން ކަމަށް ވިޔަސް އެއީ އިންސާނުން ކާން ކަމުދާ އެއްޗެއް ނޫން. އެ ސޮރުމެން ކުނިވަމުންދާތީ ކާ މީހުންގެ ސިއްހަތަށް ނުރައްކާތަކާ ކުރިމަތިވެދާނެ،" އެ ވުޒާރާގެ އަންޑަސެކްރެޓެރީ ޑރ. އަހްމަދު ބިން ނާސިރުލްބަކްރީ ބުންޏެވެ.
ރަސްމީ އިދާރާތަކުން މިހާރު ދަނީ ގޮނޑުދޮށް ސާފުކުރަމުންނެވެ. އެއީ މިރުބަތުގެ ކައުންސިލާ ގުޅިގެން އެ ކަމަށް ހާއްސަ ޓީމުތަކެއް ފޮނުވައިގެންނެވެ.
"އަހަރެމެންގެ އަމާޒަކީ ގުދުރަތީ ނިޒާމުތަކަށް އަސަރު ނުކުރާނެ ގޮތަށް ތިމާވެށްޓާއި އާއްމު ސިއްހަތް ރައްކާތެރިކުރުން. މި ހާދިސާ ކުރިމަތިވީ ހަމައެކަނި ޑިނގާއަށް. އެހެނިހެން މަސްމަހާމެއްސާއި ކަނޑުގެ ދިރުންތަކުގެ ސިއްހަތު ރަނގަޅު. ޑިނގާތައް މަރުވުމުގެ ހާދިސާއިން އެހެނިހެން ދިރުންތަކަށް އަސަރެއް ނުކުރޭ،" ޟަފާރުގެ މަސްވެރިކަން ދިރާސާކުރާ ފިޝަރީޒް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ސަލީމް ބިން އަހްމަދުލްޣައްސާނީ ބުންޏެވެ.
މި ހާދިސާއިން ދައްކައިދެނީ ކަނޑުގެ ނުފެންނަ ހިސާބުގައި ހުންނަ އޮއިވަރުން އޫމާނާއި ޔަމަންގެ އައްސޭރިފަށަށް ކުރާ އަސަރުތައް ކަމަށް އޮފިޝަލުން ބުންޏެވެ.



advertisment