Support Us

އީރާންގެ އާ ޑީލާ ޓްރަމްޕް ދެކޮޅުހަދައިފި

އެމެރިކާއާއެކު ސުލްހަވާން އީރާނުން ހުށަހެޅި އާ ޕްލޭން ކަމަކުނުދާ ކަމަށް ވިދާޅުވެފައި އެ ޑީލާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ ގޮތުން ދެކޮޅުހައްދަވައިފިއެވެ.

އީރާނުން ހުށަހެޅި ޕްލޭންގައި ވަނީ ފުރަތަމަ އެމެރިކާއިން އީރާންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް ނައްތައިލައިށެވެ. އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދައްކާނީ އެއިރުން ކަމަށެވެ.

"އީރާނުން ބޭނުންވޭ ޑީލެއް. އެކަމަކު އެ ޑީލާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ. އީރާނުން ހުށަހަޅައިފައިވަނީ އަހަރެންނަށް އެއްބަސްނުވެވޭނެ ކަންތައްތަކެއް. އީރާނުން ކުރިއަށް ފިޔަވަޅުތަކެއް އަޅައިފި. ނަމަވެސް ޑީލަކާ ހިސާބަށް ދެވޭނެ ކަމެއް އަހަރެންނަށް ކަށަވަރެއް ނޫން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވެސް ވަނީ ޓްރަމްޕްގެ ވާހަކައަށް ތާއީދުކުރައްވައިފައެވެ.

"ކޮންމެ ޑީލެއް ވެސް ވާން ޖެހޭނީ އީރާނަށް ނިއުކްލިއަ ހަތިޔާރެއް ލިބުމަށް ހުރަސް އެޅިފައި އޮންނާނެ ޑީލަކަށް،" އޭނާ ވިދާޅުވިއެވެ.

އީރާންގެ އާ ޑީލާ ޓްރަމްޕާއި ރުބިއޯ ދެކޮޅުހެއްދެވި ނަމަވެސް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އެމެރިކާއިން ބިރުނުދައްކާނަމަ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ހުއްޓައިލުމަށް އީރާނުން ޑިޕްލޮމެޓިކް ހައްލަކަށް ދިއުމަށް ތައްޔާރުކަމަށެވެ.

އަރާޣްޝީ މި މޭރުމުން ވާހަކަދެއްކެވުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 109 ޑޮލަރު (1،680ރ.)އަށް ދަށްވެފައެވެ. އެއީ އިއްޔެ 111 ޑޮލަރު (1،711ރ.)ގައި ހުރުމަށްފަހުއެވެ.

ބައެއް ދިރާސާވެރިން ބުނީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *