Support Us

އީރާނުން ހުށަހެޅި ސުލްހައިގެ އާ ޕްލޭން ކަމަކުނުދޭ: ޓްރަމްޕް

އީރާނުން ހުށަހެޅި ސުލްހައިގެ އާ ޑީލް ކަމަކުނުދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

އީރާނުން އާ ސުލްހައިގެ ހުށަހެޅުން ރޭ ފޮނުވީ އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރަން މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށެވެ.

"ހަނގުރާމަ ނިންމައިލަން ޑީލެއް ހެދޭނެކަމުގެ ޔަގީންކަމެއް ނެތް،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނަން ޑިޕްލޮމެޓިކް ހައްލެއް ހޯދަން އީރާން އަދިވެސް ތައްޔާރު ކަމަށެވެ.

"ނަމަވެސް އިސްތިއުމާރީ އެދުންތައް ހޯދަން މަސައްކަތްކުރުމާއި އަހަރެމެންނަށް ބިރުދެއްކުން އެމެރިކާއިން ހުއްޓައިލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ވެސް ބޭނުންވެ ވަޑައިގަންނަވަނީ އީރާނަށް ހަމަލާނުދޭން ކަމަށެވެ. އެ ގޮތުން އީރާންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް ކާމިޔާބު ކަމަށާއި މި ވަގުތު އެމެރިކާއިން ހަނގުރާމަ ހުއްޓައިލި ނަމަވެސް ކާމިޔާބު އެ ލިބުނީ އެމެރިކާއަށް ކަމަށެވެ.

"އަހަރެމެން މި ވަގުތު ހަނގުރާމަ ހުއްޓައިލިޔަސް އީރާން އަލުން އާރާސްތުކުރަން އީރާނަށް 20 އަހަރު ބޭނުންވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނގުރާމަ ނިމުމާއެކު ތެލާއި ގޭހުގެ އަގު ދަށަށް ދާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުއާމަލާތްތައްކުރާ އެޑްވައިޒަރު ޖޯން ކާބީ ބުނީ އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައިފައި އޮތުމަކީ ސަރަހައްދުގެ މަސްލަހަތު ނަގަހައްޓަން ބޭނުންކުރާ އެންމެ މުހިންމު އުކުޅު ކަމަށެވެ.

ނަމަވެސް އަރާޣްޝީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށް ގެނައުމަކީ ފަސޭހަ ކަމެއް ކަމަށެވެ.

"އެ ނަތީޖާ ނެރުމަށްޓަކައި އަހަރެމެންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް އެމެރިކާއިން ނައްތައިލަން ޖެހޭ. އަހަރެމެން މި ހުށަހެޅީ ދެ ފަރާތަށް ވެސް ފައިދާހުރި ސުލްހައިގެ ޕްލޭނެއް. ދެން އޮތީ އެއާމެދު އެމެރިކާއިން އަމަލުކުރާނެ ގޮތެއް،" އޭނާ ވިދާޅުވިއެވެ.

އީރާނުން ހުށަހެޅި ސުލްހައިގެ އާ ޕްލޭން އެމެރިކާއަށް ކަމުނުގޮސްފިނަމަ އީރާނަށް އަލުން ހަމަލާދޭނެ ގޮތުގެ ރޭވުމެއް އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ވަނީ ޓްރަމްޕަށް ހުށަހަޅައިފައެވެ. އީރާނަށް އަލުން ހަމަލާދޭ ގޮތަށް ޓްރަމްޕް ނިންމަވައިފައިނެތީ އެމެރިކާއިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލަށް 6،500 ޓަނުގެ ހަތިޔާރު ފޮނުވައިފައެވެ.

އީރާނުން ސުލްހައިގެ އާ ޕްލޭނެއް ހުށަހެޅުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 114 ޑޮލަރު (1،757ރ.)ގައި ހުރެފައި މިއަދު ވަނީ 111 ޑޮލަރު (1،711ރ.)އަށް ދަށްވެފައެވެ.

ބައެއް ދިރާސާވެރިން ބުނީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި މަހުގެ ނިޔަލަށް ހުރުމުޒު ހުޅުވައިނުލައިފިނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރުން ވެސް އެކަށީގެންވާ ކަމަށް ތެލުގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *