ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ކުރަމުންދާ ހަނގުރައިމައިގައި ރަޝިޔާއިން މިހާތަނަށް ޔޫކްރެއިނުން ހިފައިފައިވާ ސަރަހައްދުތަކުން ރަޝިޔާއިން ވަގަށް ނެގި ކަމަށް ޔޫކްރެއިނުން ތުހުމަތުކުރި ގޮވާން ހިފައިގެން ދަތުރުކުރި އާގުބޯޓެއް އިސްރާއީލު ދޫކޮށްލައިފައި ބައިނަލްއަގުވާމީ ކަނޑަށް ނިކުމެއްޖެއެވެ.
ގްރީސްއިން މެނޭޖްކުރާ، ކުރިން "ލޭކް ޑެނީ"ގެ ނަމުގައި ދަތުރުކުރި، ރަޝިޔާގެ "ޕެނޮމީޓީސް" (ފޮޓޯ) ކިޔާ އާގުބޯޓު، 25،000 ޓަނުގެ ގޮވާމާއެކު އިސްރާއީލުގެ ހައިފާގެ ބަނދަރަށް މި ދިޔަ މަހު 25 ގައި ގޮސް، ބައިނަލްއަގުވާމީ ކަނޑަށް އިއްޔެ ނިކުންނަން ޖެހުނީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ، އެ ގޮވާން ބަލައިގަންނަން އިސްރާއީލުގެ ކުންފުނިން ދެކޮޅުހެދީމައެވެ.
ޕެނޮމީޓީސް މައްސަލައިގައި ޔޫކްރެއިނާއި އިސްރާއީލާ ދެމެދު ކޯޅުމެއް އުފެދުނީ އެ އާގުބޯޓު އިސްރާއީލުން ހިފަހައްޓަން ޖެހޭ ވަރުގެ ހެކިތަކެއް ޔޫކްރެއިންގެ ތުހުމަތުތަކުގައި ނެތީމާ ކަމަށް އިސްރާއީލުން ބުނުމުންނެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ ޕެނޮމީޓީސް އިސްރާއީލު ދޫކޮށް މިހާރު ދިޔަ ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ހޫނު ފެނަށް ވެއްޓިދާނެތީ އޭގައި ހުރި ގޮވާން ގަންނާނެ ގައުމަކާމެދު ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ ޔޫކްރެއިން ހިފަން ރަޝިޔާއިން ހަނގުރާމަކުރާތީ ރަޝިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާތީއެވެ.
"މިއީ ސާފު މެސެޖެއް: މިނިވަން ދުނިޔޭގެ ބަނދަރުތަކުގައި ވަގަށް ނަގައިފައިވާ މުދަލަށް ޖާގައެއް ނޯންނާނެ،" ޔޫކްރެއިނުން އިސްރާއީލަށް ކަނޑައަޅައިފައި ހުންނަ ސަފީރު ޔެވްހެން ކޯނީޗަކް ބުންޏެވެ.



advertisment