Support Us

ސުލްހަ ނުވެވިގެން އުޅެނީ އެމެރިކާގެ ބޯހަރުކަމުން: އީރާން

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދާއިމީ ހައްލެއް ނުލިބިގެން އުޅެނީ އެމެރިކާގެ ބޯހަރުކަމުން ކަމަށް އީރާނުން ބުނެފިއެވެ.

ސުލްހަ ނުވެވިގެން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރިޔަސް، އެ ކަމުގެ ޒިންމާ އެޅޭނީ އެމެރިކާގެ ބޯހަރުކަމަށް ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

އެ އަގަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރަނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ) މި މަހުގެ ނިޔަލަށް ހުޅުވައިނުލައިފިނަމައެވެ.

އީރާނާއި އެމެރިކާއިން ވެސް މިހާރު ވަނީ ހުރުމުޒު ބަންދުކުރުމުގައި ބައިވެރިވެފައެވެ. ނަމަވެސް ދެ ގައުމުގެ މަގުސަދު ތަފާތެވެ. އީރާނުން ބޭނުންވަނީ ދުނިޔޭގެ އިގުތިސާދު އިނދަޖައްސައިލައިގެން އެމެރިކާ ޕްރެޝަރަށް ވައްޓައިލައިގެން ހަނގުރާމަ ނިންމުމަށެވެ. އެމެރިކާއިން ބޭނުންވަނީ އީރާންގެ އިގުތިސާދު އިނދަޖައްސައިލައިގެން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ނައްތައިލުމަށް އީރާނުން އެއްބަސްވާ ޑީލެއް އެމެރިކާއާއެކު ހަދައިށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުއާމަލާތްކުރާ އެޑްވައިޒަރު ޖޯން ކާބީ ބުނީ އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭ ޑީލަކަށް އެއްބަސް ނުވާނެ ކަމަށެވެ.

"ފުރިހަމަ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން ހުރުމުޒާއި އީރާންގެ ބަނދަރުތަކަށް ހުރަސް އަޅައިފައި ބާއްވާނީ،" އޭނާ ބުންޏެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ހުރުމުޒާއި އީރާންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތަކަކީ އީރާނަށް ޑިޕްލޮމެޓިކް ޕްރެޝަރުކުރަން އޮތް މައިގަނޑު ގޮތް ކަމަށެވެ.

ސިނާއީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އީރާންގައި ތެޔޮ ގުދަން ކުރެވޭ މިންވަރު މިހާރު ވަނީ 90 ޕަސެންޓަށް ފުރިފައެވެ. އަދި އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައި، އެމެރިކާއިން ވެސް ހުރުމުޒު ބަންދުކޮށްލައިފައިވާތީ، އީރާނަށް ތެޔޮ ބޭރުކުރެވެން ނެތުމުން ކުރިއަށް އޮތް 12 އާއި 22 ދުވަހާ ދޭތެރޭގައި އީރާންގައި އިތުރަށް ތެޔޮ ރައްކާކުރެވޭނެ ގޮތެއް ނެތެވެ. އީރާންގެ ތެޔޮ ގުދަންތައް އެއްކޮށް ފުރި، އީރާންގެ ތެޔޮ ވަޅުތައް ބަންދުކުރަން ޖެހިއްޖެނަމަ ޖިއޮލޮޖީ ނުވަތަ ބިން އޮތް ގޮތުން އީރާންގެ ތެޔޮ ވަޅުތަކަށް ދާއިމީ ގެއްލުން ލިބޭނެއެވެ.

އަރާޣްޝީ ވިދާޅުވީ ދުނިޔޭގެ އިގުތިސާދު ހިސޯރުކޮށްފައިވަނީ ހުޅަނގުގެ ގައުމުތަކުން ކަމަށެވެ. އެއީ އެކި ސިޔާސަތުތައް ބޭނުންކޮށްގެން ކަމަށެވެ.

އޭނާ ވަނީ ރަޝިޔާއަށް ކުރެއްވި ޒިޔާރަތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިންއާއެކު ދޮޅުގަޑިއިރުގެ ބައްދަލުކުރެއްވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ޕުޓިންގެ އަރިހުގައި އަރާޣްޝީ ވިދާޅުވީ އެމެރިކާއާއެކު ސުލްހަ ނުވެވިގެން އުޅެނީ އެމެރިކާއިން މާ ގިނަ ކަންތައްތަކަށް އެދޭތީއެވެ. އެ ގޮތުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ނައްތައިނުލައިހައި ހިނދަކު ހުރުމުޒު އެމެރިކާއިން ހުޅުވައިނުލުމުގެ އިތުރުން އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައި އޮތްއޮތުން ދޫނުކޮށްލުން ހިމެނެއެވެ.

"ސުލްހަ ގާއިމުކުރުމުގައި އީރާނަށް އެހީވާން ވައުދުވަން،" ޕުޓިން އަރާޣްޝީ އަރިހުގައި ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރޭގައި އަސްކަރީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން އެހީވެދެއްވާނެ ކަމަށް ޕުޓިން ތަފުސީލެއް ނުދެއްވައެވެ.

ހުރުމުޒު ހުޅުވައިލަން އެމެރިކާ އާއި އީރާނުން ވެސް އެއްބަސްނުވުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 111 ޑޮލަރު (1،711ރ.)އަށް އަރައިފައެވެ. އެއީ އިއްޔެ 97 ޑޮލަރު (1،495ރ.)ގައި ހުރެފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވަނީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *