އިންޑޮނޭޝިއާގައި ދެ ރޭލު މުޑިއެރި ހާދިސާގައި މަރުވި 14 މީހުންނަކީ އަންހެނުން ކަމަށް އޮފިޝަލުން ބުނެފިއެވެ.
ވެރިރަށް ޖަކާޓާ ކައިރީގައި ރޭ ހިނގި ހާދިސާ ހިނގަން ދިމާވީ މަޑުކޮށްފައި އޮތް ކޮމިއުޓަރު ރޭލެއްގެ ފަހަތުގައި އެކްސްޕްރެސް ރޭލެއް ޖެހުމެވެ. ހުސް އަންހެނުން މަރުވާން ދިމާވީ މަޑުކޮށްގެން އޮތް ކޮމިއުޓަރު ރޭލުގެ ފަހަތު ކެރިޖަކީ އަންހެނުންނަށް ހާއްސަ ކެރިޖަކަށްވުމެވެ.
"މަރުވި ހުރިހާ އަންހެނުން ފަހަތު ކެރިޖުން މިއަދު ހެނދުނު ނެރެވިއްޖެ،" ވެރިރަށް ޖަކާޓާގެ ފުލުހުންގެ ވެރިޔާ އާސެޕް އެޑީ ސުހެރީ ބުންޏެވެ.
ޒަހަމްވި 84 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އެކްސްޕްރެސް ރޭލު ދަތުރުކުރަމުން ދިޔައީ ޖަކާޓާއިން ސަރަބައިއާ ސިޓީއަށެވެ. އޭގައި ތިބި 240 ފަސިންޖަރުން ސަލާމަތްވިއެވެ.
ކޮމިއުޓަރު ރޭލުގައި ތާށިވެފައި ތިބި މީހުން ނެރެން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށް، މީހުން ހޯދުމާއި ސަލާމަތްކުރާ ގައުމީ އިދާރާއިން ބުންޏެވެ.
"އެ މީހުން ނެރެވުނީ ހާއްސަ އާލާތްތައް ބޭނުންކޮށްގެން ކެރިޖުގެ ބައެއް ތަންތަން ކަފައިލައިގެން،" އެ އިދާރާގެ ވެރިޔާ މުހައްމަދު ޝާފީ ބުންޏެވެ.
ރައީސް ޕްރަބޯވޯ ސުބިއާންތޯ މިހާރު ވަނީ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވައިފައެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނީ ސިގްނަލް ދިނުމުގައި ނުވަތަ ބުރަކި ޖެއްސުމުގައި މައްސަލައެއް އުޅެނީ ކަމަށް ވެދާނެ ކަމަށެވެ.
ކޮމިއުޓަރު ރޭލު، ރޭލު ދަގަނޑު މަތީގައި މަޑުކޮށްގެން އޮތީ ރޭލު ދަގަނޑު ހުރަސްކުރަން އުޅެނިކޮށް ޓެކްސީ ކާރެއް ރޭލު ދަގަނޑު މަތީގައި ތާށިވުމުންނެވެ. ތަހުގީގުކުރާ މީހުން ބުނީ ކޮމިއުޓަރު ރޭލު 52 މިނެޓު ވަންދެން އެހެން މަޑުކޮށްގެން އޮއްވައި އެކްސްޕްރެސް ރޭލު އެ ރޭލު ދަގަނޑަށް އަރަން ދިމާވީ ކީއްވެކަން ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހާދިސާ ހިނގި ހިސާބުގެ ރޭލު ދަތުރުތަކަށް މިއަދު ބުރޫއަރައިފައިވާތީ މިހާރު މަގުފަހިކޮށްދީފައިވަނީ ބަހުގައި ދަތުރުކުރުމަށެވެ.



advertisment