Support Us

ހަތިޔާރު އެޅި ސޫމާލިޔާގެ މަގުފޭރޭ މީހުން އިއްޔެ ހައިޖެކްކުރި މާޝަލް ޖަޒީރާގެ އާގުބޯޓު "ސްވޯޑް"

ހަފުތާއެއްގެ ތެރޭގައި ސޫމާލިޔާ ކައިރިން ދެ އުޅަނދު ހައިޖެކްކޮށްފި

މި ދިޔަ ބުދަ ދުވަހު ސޫމާލިޔާގެ ހަތިޔާރުއެޅި މަގުފޭރޭ މީހުން ޕަލައުގެ އޮއިލް ޓޭންކަރު "އޮނާ 25″ ހައިޖެކްކޮށްފައިވަނިކޮށް، ސޫމާލިޔާގެ ހަތިޔާރުއެޅި މަގުފޭރޭ މީހުން މާޝަލް ޖަޒީރާގެ އާގުބޯޓު "ސްވޯޑް" ވެސް ހައިޖެކްކޮށްފިއެވެ.

ސޫމާލިޔާގެ އައްސޭރިފަށުން ހަ ނޯޓިކަލް މޭލު ބޭރުން "ސްވޯޑް" އިއްޔެ ހައިޖެކްކުރީ ނުވަ މަގުފޭރޭ މީހުންނެވެ. ސޫރިޔާގެ 13 ފަޅުވެރިންނާއި އިންޑިއާގެ ދެ ފަޅުވެރިން ތިބި "ސްވޯޑް" މިހާރު ދަނީ ސޫމާލިޔާގެ އައްސޭރިއާ ދިމާއަށް ދަތުރުކުރަމުންނެވެ.

މިސްރުން ސިމެންތި ހިފައިގެން ކެންޔާއަށް ދިޔަ މަގުމަތީގައި ހައިޖެކްކުރި "ސްވޯޑް" މިހާރު މޮނިޓަ ކުރަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.

"’ސްވޯޑް’ގެ ހަރަކާތްތައް ހުރި ގޮތް ބަލަން ޓީމުތަކެއް ފޮނުވައިފިން. ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރަމުން މި ދަނީ،" ސޫމާލިޔާގެ ސްޓޭޓެއް ކަމަށްވާ ޕަންޓްލޭންޑްގެ ކަނޑުމަތީ ފުލުހުންގެ ޑިރެކްޓަރު، ކާނަލް އަބްދުﷲ މުހައްމަދު އަހްމަދު ބުންޏެވެ.

ހަތިޔާރު އެޅި ސޫމާލިޔާގެ މަގުފޭރޭ މީހުން މި ދިޔަ ބުދަ ދުވަހު ހައިޖެކްކުރި ޕަލައުގެ ތެޔޮ ޓޭންކަރު "އޮނާ 25″

"އޮނާ 25″ ހައިޖެކްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި "ސްވޯޑް" ހައިޖެކްކުރުމުން ދައްކައިދެނީ ސަރަހައްދުގައި ކަނޑުމަތީގެ ޖިނާއީ ކުށްތައް އިތުރުވަމުންދާކަން ކަމަށް އިނގިރޭސި ވިލާތުގެ ކަނޑުމަތީ ވިޔަފާރީގެ އިދާރާގެ ކޮމާންޑަރު ގެރީ ހަބާޑް ބުންޏެވެ.

ކަނޑުމަތީގެ ސަލާމަތް ދިރާސާކުރާ ފަރާތްތަކުން ބުނީ 2023 އިން ފެށިގެން ކަނޑުމަތީގައި މަގުފޭރުން އިތުރުވެފައިވާ ކަމަށެވެ. އެއް ސަބަބެއް ކަމަށް އެ މީހުން ބުނަނީ މަގުފޭރުން ކޮންޓްރޯލްކުރުމަށް ކަނޑުމަތި ޕެޓްރޯލްކުރުން މަދުކޮށްލުމެވެ. އެއީ އީރާނުން ވާގިވެރިވާ ހޫޘީން، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުނުކުރާ ސަރުކާރެއް ޔަމަންގައި ގާއިމުކޮށްގެން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭތީ އެ ކަން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުން ޕެޓްރޯލްކުރުމުގެ މަސައްކަތް ރަތް ކަނޑަށް ފޯކަސް ކުރުމުން ކަނޑުމަތީގައި މަގުފޭރުން ކޮންޓްރޯލް ކުރުމަށް ސަމާލުކަން ނުދެވުމުންނެވެ.

ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހޫޘީން ހަމަލާދޭން ފެށީ އިސްރާއީލުން ޣައްޒާ ހަނގުރާމަ 2023 ގެ އޮކްޓޫބަރުގައި ފަށައި، ޣައްޒާއަށް އިންސާނީ އެހީ ދިނުމަށް ހުރަސްއެޅުމުންނެވެ. މީގެ އިތުރުން މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މާރިޗު 28 އިން ފެށިގެން ހޫޘީން އިސްރާއީލަށް ހަމަލާދޭން ވަނީ ފަށައިފައެވެ. އަދި ބުނެފައިވަނީ ހޫޘީންގެ އެކުވެރި ފަރާތްތަކަށް އިސްރާއީލުން ހަމަލާދިނުން ހުއްޓައިނުލައިހައި ހިނދެއްގައި އިސްރާއީލަށް ހަމަލާދެމުންދާނެ ކަމަށެވެ. އެ ގޮތުން ރަތް ކަނޑުން ދަތުރުކުރާ، އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާ ގުޅުން ހުރި އުޅަނދުތަކަށް ހޫޘީން ދަނީ ހަމަލާދެމުންނެވެ.

ހޫޘީންގެ ހަރަކާތްތަކަށް ހުރަސްއެޅުމުގެ އިތުރުން އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރައިމައިގެ ސަބަބުން، ގަލްފުގައި އީރާނާއި އެމެރިކާ ކަނޑުމަތީގެ ކުރިމަތިލުމަކަށް ގޮސްފައިވާތީ ވެސް މަގުފޭރުމުގެ މައްސަލައަށް ދޭ ސަމާލުކަން މި ވަގުތު ވަނީ ދަށްވެފައެވެ.

ސޫމާލިޔާގެ އައްސޭރިފަށުން 30 ނޯޓިކަލް މޭލު ބޭރުން ހައިޖެކްކުރި "އޮނާ 25″ އަދިވެސް އޮތީ މަގުފޭރޭ މީހުންގެ އަތްދަށުގައެވެ. އެ އޮއިލް ޓޭންކަރު މިހާރު އޮތީ ސޫމާލިޔާގެ އައްސޭރިފަށުން 70 ނޯޓިކަލް މޭލު ބޭރުގައެވެ. މެދުއިރުމަތިން 18،000 ފީފާގެ ތެޔޮ ހިފައިގެން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ފުރައިގެން ސޫމާލިޔާއަށް ދަތުރުކުރި އެ އުޅަނދުގައި ހަތިޔާރު އެޅި 11 މަގުފޭރޭ މީހުން އެބަތިއްބެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޕާކިސްތާންގެ 10 މީހުންނާއި އިންޑޮނޭޝިއާގެ ހަތަރު މީހުންނާއި ލަންކާ، އިންޑިއާ އަދި މިޔަންމާއިން އެކަކެވެ.

ޕަންޓްލޭންޑްގެ ކަނޑުމަތީ ފުލުހުން ބުނީ "އޮނާ 25″ގެ ހަރަކާތްތައް ވެސް މޮނިޓަ ކުރަމުންދާ ކަމަށެވެ. "ސްވޯޑް" ހައިޖެކްކުރި މަގުފޭރޭ މީހުން ފަދައިން "އޮނާ 25″ ހައިޖެކްކުރި މަގުފޭރޭ މީހުން ވެސް ބޭނުންވަނީ ރެންސަމް (ފައިސާ ނުވަތަ މުދާ) އެ މީހުންނަށް ދިނުމުން ދެ އުޅަނދު ދޫކޮށްލުން ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

"އޮނާ 25″ ހައިޖެކްކުރުމަށް މަގުފޭރޭ މީހުންނަށް ހިތްވަރު ލިބުނީ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ސޫމާލިޔާގައި ތެލުގެ އަގު ތިން ގުނަ ބޮޑުވުމުން ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *