Support Us

ޕޯޝާ ކޭއަން ކާރެއް

ކުއްތާތަކެއްގެ ކިބައިން ސަލާމަތްވާން އުޅުމުގެ ތެރޭގައި ކާރެއް ހަލާކުކުރެވުނު މީހަކު ކުށްވެރިއެއް ނުވި

ޖަރުމަނުގައި ތިން ކުއްތާގެ ކިބައިން ސަލާމަތްވާން ހަދައިގެން ކާރެއް ހަލާކުކޮށްލެވުނު ޑެލިވަރީ ޑްރައިވަރަކު ކުށްވެރި ނުވާ ކަމަށް ކޯޓަކުން ނިންމައިފިއެވެ.

މިއުނިކް ސިޓީގެ ޑިސްޓްރިކް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އަގުބޮޑު ޕޯޝާ ކޭއަން މަރުކާގެ ކާރުގެ ބޮނެޓް މައްޗަށް އަރައި، ޑެލްމޭޝަން ބާވަތުގެ ދެ ކުއްތާ އާއި ކްރޮސްބްރީޑް ކުއްތާއެއް (ތަފާތު ބާވަތްތަކުގެ ކުއްތާ މަސްހުނިކޮށްގެން ވިއްސައިފައިވާ ކުއްތާއެއް)ގެ ކިބައިން ސަލާމަތްވާން ހަދައިގެން ބޮނެޓް ހަލާކުވުމުން ވީ ގެއްލުމުގެ ބަދަލުގައި 3،170 ޑޮލަރު (48،881ރ.) ޑެލިވަރީ ޑްރައިވަރާއި އޭނާ މަސައްކަތްކުރާ ކުންފުނިން ކާރުގެ ވެރި ފަރާތަށް ދޭން ނުޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 200،000 ޑޮލަރު (ތިން މިލިއަން ރުފިޔާ)އަށް ވެސް އަގު އަރާ ޕޯޝާ މަރުކާގެ ކާރުގެ ވެރިމީހާއަށް ގާޒީ ބުނީ ޑެލިވަރީ ޑްރައިވަރު ކާރުގެ ވެރިމީހާގެ ގެއަށް އަންނާނެކަން ކާރުގެ ވެރިމީހާއަށް އެނގޭ ހިނދު އޭނާގެ ކުއްތާތައް އެ ޑެލިވަރީ ޑްރައިވަރު ކައިރިއަށް ނުދެވޭ ގޮތް ހަދައިފައި ބާއްވަން ޖެހޭނެކަން ކާރުގެ ވެރިމީހާއަށް އެނގެން ޖެހޭނެ ކަމަށެވެ.

ކާރުގެ ވެރިމީހާ އާއި އެ ހާދިސާ ދުށް ހެކިވެރިޔަކު ކޯޓުގައި ބުނީ ކުއްތާތައް ތިބީ ޑެލިވަރީ ޑްރައިވަރާއި "ތިން ހަތަރު މީޓަރު ދުރުގައި" ކަމަށާއި އެ ކުއްތާތަކަކީ މީހުންނަށް ނުރައްކާކުރާ ކުއްތާތަކެއް ނޫން ކަމަށެވެ. ނަމަވެސް ކޯޓުން ބުނީ ކާރުގެ ވެރިމީހާ އޭނާ އޮޅުކޮށްގެން ގެންގުޅޭ ޕެޓުން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ގެންގުޅުމުގެ ޒިންމާއިން ސަލާމަތްވުމަށް އުޒުރެއް ނުދެއްކޭނެ ކަމަށެވެ.

"ކުއްތާތައް ހަޅޭއްލަވަމުން ޑެލިވަރީ ޑްރައިވަރާ ދިމާއަށް ދުއްވައިގަތުމަކީ ޑެލިވަރީ ޑްރައިވަރު ސިހިގެން ފިލަން ދުވަން ދިމާވުމަށް އެކަށީގެންވާ ސަބަބެއް،" ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކާރުގެ ވެރިމީހާގެ ގޭ ދޮށުގައި ޕާކުކޮށްފައި އޮތް އެ ކާރުގެ ބޮނެޓްގެ މައްޗަށް ޑެލިވަރީ ޑްރައިވަރު އެރީ ކާރުގެ ވެރިމީހާގެ ކުއްތާތައް ކާރުގެ ވެރިމީހާގެ ގެއިން ނިކުމެގެން ޑެލިވަރީ ޑްރައިވަރާ ދިމާއަށް އަންނަން ފެށީމާ ޑެލިވަރީ ޑްރައިވަރު ސިހިގެން ކަމަށް ޑެލިވަރީ ޑްރައިވަރު ބުންޏެވެ.

ބޮނެޓުގައި ކޫރު އެޅި، ބޮނެޓް ބަނޑި ވެސް ވެފައިވެއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކޯޓަށް ހުށަހެޅި ހަލާކުވެފައިވާ ބޮނެޓްގެ ފޮޓޯތައް ނަގައިފައިވަނީ ހާދިސާގެ އެތައް މަހެއް ފަހުން ކަމަށް ފެންނަ ކަމަށާއި މިހެންވެ ބޮނެޓަށް ގެއްލުން ލިބުނީ ޑެލިވަރީ ޑްރައިވަރުގެ ފަރާތުންކަން ކަށަވަރު ނޫން ކަމަށެވެ.

ސެޕްޓެމްބަރު 2024 ގައި ހިނގި މި ހާދިސާއަށް އިއްޔެ ހުކުމް އިއްވައިފައި ކޯޓުން ނެރުނު ބަޔާނުގައި މައްސަލައިގައި ހިމެނޭ މީހުންގެ ނަމެއް ކޯޓުން ހާމައެއް ނުކުރެއެވެ.

ކާރުގެ ވެރިމީހާ ކޯޓަށް މައްސަލަ ހުށަހެޅީ ކާރަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޑެލިވަރީ ޑްރައިވަރާއި އޭނާ މަސައްކަތްކުރާ ކުންފުނިން ދެކޮޅުހެދުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *