Support Us

ފަލަސްތީންގެ ކައުންސިލް އިންތިހާބުގައި މަހްމޫދު އައްބާސްގެ ސަޕޯޓަރުންނަށް ބޮޑު ކާމިޔާބެއް

ފަލަސްތީންގައި 20 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ކައުންސިލް އިންތިހާބުގައި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސްގެ ސަޕޯޓަރުން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

މަހްމޫދު (ފޮޓޯ)ގެ ފަތަހް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ބޮޑު ކާމިޔާބެއް ލިބުނުކަން އިއްޔެ އިއުލާންކުރުން ވެގެންދިޔައީ ކުރިން ވެސް ހީކުރި ފަދަ ނަތީޖާއަކަށެވެ. ސަބަބަކީ 2007 އިން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތުން ހުޅަނގު އައްސޭރީގައި ވާދަ ނުކުރުމުގެ އިތުރުން ޣައްޒާގައި ވެސް ރަސްމީ ގޮތުން ކެންޑިޑޭޓުން ނެރެފައި ނުވާތީއެވެ.

އެމެރިކާއިން މެދުވެރިވެގެން މި ދިޔަ އަހަރު އޮކްޓޫބަރުގައި ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާ މި ދަނޑިވަޅުގައި ޣައްޒާގައި ވޯޓު ލާން ނިކުތީ އެންމެ 23 ޕަސެންޓް މީހުންނެވެ. ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެފައިވާ ހުޅަނގު އައްސޭރީގައި ވޯޓު ލާން ނިކުތީ 56 ޕަސެންޓް މީހުންނެވެ.

"ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި ނާޒުކު ދަނޑިވަޅެއްގައި މި އިންތިހާބު ބޭއްވުނީ،" ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ވިދާޅުވިއެވެ.

ހަމާސްއިން ބުނީ ސިޔާސީ ގޮތުން ފަލަސްތީން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިފައިވާތީ "ގައުމުން އިސްކަން ދޭން ޖެހޭ ކަންތައްތައް މި އިންތިހާބުން ފާޅު ނުވާ" ކަމަށެވެ.

ހަމާސްއިން މިހެން ބުންޏަސް ފަލަސްތީންގެ އޮފިޝަލުން ބުނީ މި އިންތިހާބަކީ އެތައް އަހަރެއްގެ ބައިބައިވުންތަކަށްފަހު ޣައްޒާ އާއި ހުޅަނގު އައްސޭރި ސިޔާސީ ގޮތުން އަލުން ގުޅުން ރަނގަޅުކުރަން އެޅުނު ފިޔަވަޅެއް ކަމަށެވެ.

މިއީ އޮކްޓޫބަރު 2023 ގައި އިސްރާއީލުން ފެށި ޣައްޒާ ހަނގުރާމައަށްފަހު ފަލަސްތީންގައި ބޭއްވި ފުރަތަމަ އިންތިހާބު ވެސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *