Support Us

ޑިޕްލޮމެޓިކް ހައްލެއް އެމެރިކާއިން ބޭނުންވާކަމާމެދު ޝައްކު: އީރާން

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތި މި މަހު ހަތެއްގައި މެދުކަނޑައިލިޔަސް މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް އެމެރިކާއިން ބޭނުންވާ ކަމަށް ނުފެންނަ ކަމަށް އީރާނުން ބުނެފިއެވެ.

"ސުލްހައިގެ މެދުވެރިއެއްގެ ބައި އަދާކުރާ ޕާކިސްތާނަށްކުރި ދަތުރު ކާމިޔާބު ނަމަވެސް ޑިޕްލޮމެޓިކް ހައްލެއް އެމެރިކާއިން ބޭނުންވުމާމެދު ޝައްކު،" ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރަށް ޕާކިސްތާނަށް އިއްޔެ ވަޑައިގަންފައި މިހާރު ޕާކިސްތާނުން ފުރާވައިގަންފައިވާ އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.

އެމެރިކާގެ ވަފުދު ޕާކިސްތާނަށް އިއްޔެ ފުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެންސަލްކުރައްވައިފައެވެ.

"އަހަރެމެންގެ ވަފުދު ޕާކިސްތާނަށް ދަތުރުކުރުމުގައި ބޭކާރު ވަގުތުތަކެއް ހޭދަވަނީ. އީރާންގެ ލީޑަޝިޕްގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އެބައޮތް،" ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާގެ ވަފުދު ޕާކިސްތާނަށް ނުފޮނުއްވަން ނިންމެވިތާ 10 ވަރަކަށް މިނެޓް ތެރޭގައި ސުލްހައިގެ އާ ހުށަހެޅުމެއް އީރާނުން ހުށަހެޅި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އެއީ ކުރިއަށްވުރެ މާ ރަނގަޅު ހުށަހެޅުމެއް. އީރާނުން ވަރަށް ގިނަ ކަންތައްތައް ހުށަހަޅައިފައިވޭ. ނަމަވެސް ފަހު ޑީލެއް ހެދުމަށް އޭގައި ހުށަހަޅައިފައިވާ ކަންތައްތައް އަދިވެސް ނުފުދޭ،" ޓްރަމްޕް ވިދާޅުވިއެވެ.

ވައިގެ މަގުންނާއި އެއްގަމު މަގުން އެމެރިކާއިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް އެމެރިކާއިން ބުންޏަސް ކަނޑުމަތީގައި ދެ ގައުމުގެ ކުރިމަތިލުންތައް ދަނީ ސީރިއަސްވަމުންނެވެ. އެ ގޮތުން އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައި އޮތްއޮތުން ދެމެހެއްޓުމަށްޓަކައި މިއަދު ވެސް 37 އުޅަނދަކަށް ހުރަސްއެޅި ކަމަށް އެމެރިކާއިން ބުންޏެވެ.

އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފުގެ ދެވަނަ ނައިބު އަލީ ނިކްޒާދު މިއަދު ބުނީ އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނާއީގެ ސީދާ އަމުރުގެ ދަށުން ހުރުމުޒު ކަނޑުއޮޅި އަދިވެސް ބާއްވާނީ އެއްކޮށް ބަންދުކޮށްފައި ކަމަށެވެ.

އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑައިލުމުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ހުޅުވައިލައިފައި އީރާނުން އަލުން ބަންދުކުރީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއެޅުމުންނެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއާއެކު ޑީލެއް ހެދުމަށް އީރާނަށް މަޖުބޫރުކުރުވޭނީ އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައި، އީރާންގެ އިގުތިސާދަށް ޕްރެޝަރު ކުރުމުން ކަމަށެވެ.

އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އީރާނުން ތެޔޮ އުފެއްދުން ހުއްޓައިލަން ޖެހިދާނެ ކަމަށެވެ. ސަބަބަކީ އެމެރިކާއިން އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައިފައިވާތީ ތެޔޮ ބޭރުކުރެވޭނެ ގޮތެއް އީރާނަށް ނެތީމައެވެ.

އީރާނާއި އެމެރިކާގެ ގުޅުން މިހާރު އިތުރަށް ނުތަނަވަސްވެފައިވަނީ އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މަރުކަޒުތަކަށް އިސްރާއީލުން އަލުން ހަމަލާދޭން ނިންމީމައެވެ. މި ކަމުގެ ސަބަބުން އީރާނާއި އެމެރިކާގެ ގުޅުމަށްވާނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ލިބުން އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ދެކޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ ދަށްވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 105 ޑޮލަރު (1،619ރ.)ގައި ހުރިއިރު މިއަދު ވަނީ 90 ޑޮލަރު (1،387ރ.)އަށް ދަށްވެފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ ހުރުމުޒު އީރާނުން ބަންދުކޮށްފައި އޮތްއޮތުން ދިގުލައިގެން ގޮސް މި މަހު އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *