Support Us

ބަޑިޖަހާ އަޑު އިވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ-4)އަށް ވޮޝިންޓަން ހިލްޓަން ހޮޓަލުން ބޭރަށް ގެންދަނީ

ޓްރަމްޕް އަވަހާރަކޮށްލަން 4 ވަނަ ހަމަލާއެއް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ނޫސްވެރިންގެ ޖަމިއްޔާއިން ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވި ބޯލްރޫމް ކައިރީގައި މީހަކު ބަޑިޖެހުމުގެ މަގުސަދަކީ ޓްރަމްޕް އަވަހާރަކޮށްލުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއީ ޓްރަމްޕް އަވަހާރަކޮށްލަން މިހާތަނަށް ދިން ހަތަރުވަނަ ހަމަލާއެވެ.

ރޭގެ ފަރިއްކޮޅުގައި އުމުރުން 31 އަހަރުގެ ޓީޗަރެއް ކަމަށްވާ ކޯލް ޓޯމަސް އަލަން ސެކިއުރިޓީ ފޫއަޅުވައިލައިފައި ދުއްވައިގަތުމުން އޭނާގެ ފަހަތުން ދިޔަ އެމެރިކާގެ ސިއްރު ސިފައިންގެ މީހަކާ ދިމާއަށް ބަޑިޖެހި ނަމަވެސް ސިއްރު ސިފައިންގެ މީހާ ލައިގެން ހުރީ ވަޒަން ނާރާ ވެސްޓެއް ކަމަށްވާތީ ސިއްރު ސިފައިންގެ މީހާ ސަލާމަތްވިއެވެ.

ކޯލް ވަނީ އެ ތަނުން ހައްޔަރުކޮށްފައެވެ.

ބަޑިޖެހި އަޑު އިވުމާއެކު ސިއްރު ސިފައިން ވަނީ ޓްރަމްޕާއި އަނބިކަނބަލުން މަލާނީއާ އަދި ނައިބު ރައީސް ޖޭ.ޑީ ވާންސް ވަގުތުން އެ ހޮޓަލުން ނެރެފައެވެ.

ޓްރަމްޕް ފަހުން ވަނީ ސިއްރު ސިފައިންނަށް ތައުރީފުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ކޯލް އޭނާއަށް ހަމަލާދޭން އުޅުނީ، އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ މައްސަލައިގައި ކަމަށް ސީދާ ބުނާކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަވަހާރަކޮށްލުމަށް ދޭ ހަމަލާތައް އަހަރެން ވަނީ ދަސްކޮށްފައި. ނަތީޖާ ދައްކާ މީހުންނަށް ހަމަލާދެނީ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ކޯލް ސިފަކުރެއްވީ ސިކުނޑި ހަމަނުޖެހޭ މީހެއްގެ ގޮތުގައެވެ.

"އެ ފަދަ މީހުން އަހަރެމެންގެ މުޖުތަމައަށް ނުފޫޒު ފޯރުވިޔަކަ ނުދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ވައިޓް ހައުސް ނޫސްވެރިންގެ ޖަމިއްޔާއިން ބާއްވާ ފަރިއްކޮޅަކީ ނޫސްވެރިކަމުގެ ސްކޮލާޝިޕް ދިނުމަށާއި އެމެރިކާގެ ގާނޫނުގައި ރައްޔިތުންނަށް ލިބިދޭ މިނިވަންކަމުގެ ކަންތައްތައް ފާހަގަކުރުމަށް ބާއްވާ ހަފުލާއެކެވެ. ޓްރަމްޕް ވިދާޅުވީ ރޭ ކެންސަލްކުރަން ޖެހުނު ރަސްމިއްޔާތު ފަހުގެ ތާރީހެއްގައި ބާއްވަވާނެ ކަމަށެވެ.

ރޭގެ ބަޑިޖެހުމުގެ ހާދިސާއަކީ ޓްރަމްޕް އަވަހާރަކޮށްލަން މިހާތަނަށް ދިން ހަތަރުވަނަ ހަމަލާއެވެ.

ޓްރަމްޕް އަވަހާރަކޮށްލަން ކުރިން ދިން ތިން ހަމަލާއަކީ:

  • 13 ޖުލައި 2024 – ޕެންސިލްވޭނިއާ ސްޓޭޓްގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ފުރާޅެއްގެ މަތީގައި އޮވެ ޓޯމަސް ކްރޫކްސް ޓްރަމްޕާ ދިމާއަށް ބަޑިޖެހުމުން ޓްރަމްޕްގެ ކަނާތު ކަންފަތް ޒަހަމްވި. ރެލީގައި ހުރި އެހެން މީހަކު މަރުވި. ކްރޫކްސްގެ ގަޔަށް އެޖެންޓުން ބަޑިޖަހައި ވަނީ މަރައިލައިފައި.
  • 15 ސެޕްޓެމްބަރު 2024 – ޓްރަމްޕްގެ ގޮލްފު ދަނޑުގައި ގޮލްފް ކުޅުއްވަނިކޮށް އެ ތަނުގެ ގަސްތަކުގެ ތެރޭގައި ބަޑިއެއް ޓްރަމްޕަށް އަމާޒުކޮށްގެން އޮތް ރަޔަން ރައުތު ހައްޔަރުކުރި.
  • 16 ފެބްރުއަރީ 2026 – ފްލޮރިޑާ ސްޓޭޓްގައި ހުންނަ ޓްރަމްޕްގެ ރިސޯޓު ތެރެއަށް ބަޑިއެއް ހިފައިގެން ވަން އޯސްޓިން ޓަކާ މާޓިންގެ ގަޔަށް ވަނީ ބަޑިޖަހައި މަރައިލައިފައި. އެ ވަގުތު ޓްރަމްޕް އެ ރިސޯޓްގައި ނެތް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް