ކޮފީގައި އެކުލެވޭ ކެފެއިން މާއްދާ ދިނުމުން "އާޖަންޓައިން" ބާވަތުގެ ކަނޑާ މާ ހުޝިޔާރު ކަމަށް ދައްކައިފިއެވެ.
އައިސައިންސް މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ މެދުމިންވަރެއްގެ ކެފެއިން ޑޯޒެއް ދިނުމުން އާޖަންޓައިން ކަނޑާ (ފޮޓޯ) އެ ސޮރުމެން ކާބޯތަކެތި ހޯދަން ދާ ދަތުރުތަކުގެ ވަގުތު 38 ޕަސެންޓް ނިސްބަތުން ކުޑަ ކަމަށެވެ. ނަމަވެސް އެއީ އެ ސޮރުމެންގެ ދުވެލި ހަލުއިވެގެން ވާ ކަމެއް ނޫނެވެ. އެކަމަކު ދާން ވާ މަގުތައް އަވަހަށް ދެނެގަނެ، އެންމެ ކުރު މަގުތައް އިހްތިޔާރުކުރަން ދަސްވާތީއެވެ.
ޖަރުމަނީގެ ރޭގަންޒްބާގް ޔުނިވާސިޓީންކުރި ދިރާސާގައި ބުނެފައިވަނީ އިންސާނަކު އެނަޖީ ޑްރިންކެއް ބުއިން ފަދައިން، ކަނޑައެއްގެ ނިސްބަތުން އެ ސޮރު ވެސް މި ގޮތަށް އެނަޖީ ޑްރިންކެއް ބުއިމުން އެ ސޮރު ކާބޯތަކެތި ހުންނަ މަގު ދަސްކޮށްފައި، އެ ކާބޯތަކެތި ހޮރަށް ގެންދަން ދާ މަގުތައް މާ ސީދާ ކަމަށެވެ.
"މިހެންވުމުން އެ ސޮރުމެންގެ ކާބޯތަކެއްޗަށް ފޯރަން މާ އަވަސްވޭ. އެ ސޮރުމެން އެ ދާ މަގަށް ދޭ ސަމާލުކަން މާ ބޮޑު،" ދިރާސާގައި އިސްކޮށް އުޅުނު ކޮމްޕިއުޓޭޝަނަލް ބަޔޮލޮޖިސްޓް އެންރީކޭ ގަލަންޓޭ ބުންޏެވެ.
އޭނާ ބުނީ އާޖަންޓައިން ކަނޑައަށް އެންމެ އެކަށީގެންވާ ޑޯޒަކީ 250 ޕާޓްސް ޕާ މިލިއަން (ޕީ.ޕީ.އެމް) ކަމަށެވެ.
"މިސާލަކަށް 2،000 ޕީ.ޕީ.އެމްގެ ޑޯޒެއް ދީފިނަމަ ކަންތައްތައް ދަސްކުރުމުގައި އެ ސޮރުމެން ނުކުޅެދޭ،" ގަލަންޓޭ ބުންޏެވެ.
އޭނާ ބުނީ މި ދިރާސާގެ ސަބަބުން އާއްމު އުނދަގުލަކަށް ވާ ކަހަލަ ސޫފި ނައްތައިލުމަށް ވިހަ ލުން ފަދަ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތް ދެނެގަތުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.



advertisment