އެންމެނަށް ފައިދާކުރާނެ ޑީލަކަށް އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އަހަރެމެން ބޭނުންވި ހުރިހާ ކަމަކަށްހެން އީރާނުން އެއްބަސްވެއްޖެ. އޭގެ ތެރޭގައި އީރާނުން ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް މުޅިން ހަވާލުކުރުން ހިމެނޭ،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައަށް "ތާރީހީ ނިމުމެއް އަންނަނީ" ކަމަށާއި އެމެރިކާ އާއި އީރާނާ ދެމެދު "އެންމެ ފަހު އެއްބަސްވުން ގާއިމުކުރުން ވަރަށް ކައިރިވެއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޑިޕްލޮމެޓިކް ހައްލެއް ގެނެވުނަސް، އިންސާނީ އެހީ ފިޔަވައި އީރާނަށް ފައިދާކުރާނެ އެހެނިހެން ވަސީލަތްތައް އީރާނަށް ގެންދާ އުޅަނދުފަހަރަށް ހުރަސްއަޅައިފައި އޮތްއޮތުން ކުރިއަށްގެންދާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިއެވެ.
މި ގޮތަށް އީރާނަށް ޕްރެޝަރު ކުރިޔަސް އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ ގޮތުން، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރަން ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ ވާހަކަތައް މި ދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕާކިސްތާނަށް، އީރާނާއެކު ވާ އެއްބަސްވުމުގައި ސޮއިކުރައްވަން ޕާކިސްތާނަށް ވަޑައިގަންފާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވިއެވެ.
އީރާނުން އެމެރިކާއާއެކު ޑީލެއް ހަދަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވިޔަސް، ޓްރަމްޕްގެ މި ވިދާޅުވުމާމެދު އީރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 99 ޑޮލަރު (1،526ރ.)ގައި ހުރެފައި މިއަދު ވަނީ 98 ޑޮލަރު (1،511ރ.)އަށް ދަށްވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.



advertisment