Support Us

ޔޫކްރެއިނުން އުފައްދައިފައިވާ ޑްރޯނެއް

ރެކޯޑު އަދަދަކަށް ރަޝިޔާގެ ސިފައިން މަރުވެއްޖެ ނުވަތަ ޒަހަމްވެއްޖެ: ޔޫކްރެއިން

މަހެއްގެ މައްޗަށް ބަލާއިރު މި ދިޔަ މަހަކީ ރަޝިޔާގެ ސިފައިން އެންމެ ގިނައިން މަރުވި ނުވަތަ ޒަހަމްވި މަސް ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ހަތަރު އަހަރު ކުރިން ފެށި ހަނގުރައިމައިގައި މި ދިޔަ މަހު މަރުވި ނުވަތަ ޒަހަމްވި ރަޝިޔާގެ ސިފައިންގެ އަދަދު 35،000 އަށްވުރެ މަތި ކަމަށް ޔޫކްރެއިނުން ބުންޏެވެ.

ޔޫކްރެއިންގެ އަސްކަރީ ވެރިޔާ އޯލެކްސަންޑާ ސިއާސްކީޔި ބުނީ މި ދިޔަ މަހު މަރުވި ނުވަތަ ޒަހަމްވި ރަޝިޔާ ސިފައިންގެ އަދަދަކީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ. އެހާ ގިނަ އަދަދަކަށް ރަޝިޔާގެ ސިފައިން މަރުވީ ޔޫކްރެއިނުން ޑްރޯނުން ހަމަލާދޭތީ ކަމަށް އޭނާ ބުންޏެވެ.

"ޓެކްނޮލޮޖީގެ ސަބަބުން ހަނގުރާމައަށް ބަދަލުތަކެއް އަންނަމުންދަނީ. ޑްރޯނަކީ ހަމަލާދިނުމުގައި މިހާރު އެންމެ ކުރީގައި އުޅޭ އާލާތް،" ސިއާސްކީޔި ބުންޏެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ވެސް ވިދާޅުވެފައިވަނީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ދިގުލައިގެން ގޮސްފައިވާ ހަނގުރައިމައިގައި ރަޝިޔާގެ ފައުޖުތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބިގެން އުޅެނީ ޔޫކްރެއިނުން ޑްރޯން އުފައްދައި އެ ބޭނުންކުރާތީ ކަމަށެވެ.

މި ދިޔަ މާރިޗު މަހު މަރުވި ނުވަތަ ޒަހަމްވި ރަޝިޔާގެ ސިފައިންގެ އަދަދަކީ ފެބްރުއަރީ މަހާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް ޔޫކްރެއިނުން ބުނިބުނުން ރަޝިޔާއިން ދޮގުކުރިއެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ ޔޫކްރެއިނުން އަދަދުތައް މާ ބޮޑުކޮށްލަނީ ކަމަށެވެ. އަދި ދޮގު މައުލޫމާތު ފަތުރަނީ ކަމަށެވެ. މިއީ ރަޝިޔާއިން އަބަދުވެސް ބުނަމުންދާ ވާހަކައެކެވެ. އެހެންކަމުން ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ކުރިއަށްގެންދާ ހަނގުރާމައަކީ މައުލޫމާތުގެ ހަނގުރާމައެއް ކަމަށް ވެސް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

ހަނގުރައިމައިގައި މަރުވަމުން އަދި ޒަހަމްވަމުންދާ މީހުންގެ އަދަދު ދެ ގައުމުން ވެސް ސިއްރުކުރާތީ އެއީ ކަށަވަރު ނުކުރެވޭނެ މައުލޫމާތު ކަމަށް ވިޔަސް މިނިވަންކޮށް ތަހުގީގުކުރާ ފަރާތްތަކުން ބުނަނީ މިހާތަނަށް ރަޝިޔާއިން މަރުވި ނުވަތަ ޒަހަމްވި ސިފައިންގެ އަދަދަކީ 1.3 މިލިއަން ކަމަށާއި ޔޫކްރެއިނުން މަރުވި ނުވަތަ ޒަހަމްވި ސިފައިންގެ އަދަދަކީ 600،000 ކަމަށެވެ.

އދ.އިން ބުނީ މިހާތަނަށް މަރުވި ޔޫކްރެއިންގެ އާއްމު ރައްޔިތުންގެ އަދަދަކީ 15،000 ކަމަށާއި ޔޫކްރެއިންގެ 41،000 އާއްމު ރައްޔިތުން މިހާތަނަށް ޒަހަމްވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *