ޕާކިސްތާންގައި އިއްޔެ އެމެރިކާ އާއި އީރާންގެ ދެމެދުގައި ކުރިއަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމުން، ސުލްހައިގެ ވާހަކަތައް އެމެރިކާއިން އަދިވެސް ކުރިއަށްގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އީރާނުން މިއަދު ބުނެފިއެވެ.
"އެންމެ ސެޝަނެއްގެ ވާހަކަތަކަކުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމަކަށް އެއްވެސް މީހަކު ހިއެއްނުކުރާނެ،" 21 ގަޑިއިރަށް ދެމިގެންދިޔަ ވާހަކަތަކާމެދު އީރާންގެ ހާރިޖިއްޔާއިން ބުންޏެވެ.
"އެކަކު ވެސް އެ ފަދަ ކަމަކަށް އުއްމީދެއް ނުކުރޭ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ (ފޮޓޯ) ބުންޏެވެ.
އޭނާ ބުނީ ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަން ޕާކިސްތާންގެ އިތުރުން ރަހްމަތްތެރި ސަރަހައްދީ ގައުމުތަކާއެކު ގުޅުންތައް ކުރިއަށްގެންދާނެ ކަމަށެވެ.
އިއްޔެގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންފައި މިއަދު އެމެރިކާއަށް އެނބުރި ފުރާވަޑައިގަތް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް ވިދާޅުވީ އެމެރިކާގެ ހުށަހެޅުންތައް އީރާނުން ގަބޫލުނުކުރި ކަމަށެވެ.
"ދޭން އޮތް ނުބައި ހަބަރަކީ އެމެރިކާ އާއި އީރާނަށް އެއްބަސްވުމަކަށް ނާދެވުނުކަން. އަހަރެންނަށް ހީވަނީ އެއީ އެމެރިކާއަށްވުރެ ބޮޑަށް އީރާނަށް ނުބައި ހަބަރެއްހެން،" ވާހަކަތަކުގައި ބައިވެރިވި އެމެރިކާގެ ޑެލިގޭޝަންގެ އިސް ފަރާތުގެ ގޮތުގައި ހުންނެވި ވާންސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއިން އީރާންގެ ފަރާތުން ބޭނުންވާ "އަސާސީ އެދުމަކީ" އީރާނުން ނިއުކްލިއަ ހަތިޔާރެއް ނުއުފެއްދުން ކަމަށާއި ނިއުކްލިއަ ހަތިޔާރެއް އުފެއްދުމަށް އަވަހަށް މަގުފަހިކުރެވިދާނެ އާލާތްތައް ވެސް ހޯދަން އީރާނުން ނޫޅުން ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ ނިއުކްލިއަ ހަތިޔާރެއް ނުއުފައްދާނެ ކަމަށާއި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމަކީ ސިއްހީ ހިދުމަތް ފަދަ ސުލްހަވެރި ދާއިރާތަކަށް ބޭނުންކުރަން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އިއްޔެގެ ވާހަކަތަކަކީ ހުޅަނގުގެ ތާއީދު އޮތް އީރާންގެ ވެރިކަން ވައްޓައިލައި، 1979 ގައި އިސްލާމީ އިންގިލާބެއް އީރާނަށް ގެނައި ފަހުން އެމެރިކާ އާއި އީރާންގެ އެންމެ އިސް އޮފިޝަލުންގެ ފެންވަރުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.



advertisment