އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާއަށް ހާއްސަ ސްޓްރީމިން ޗެނަލެއް ޗައިނާގައި ވެސް ތައާރަފުކޮށްފިއެވެ.
މި ފަދަ ސްޓްރީމިން ޗެނަލެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރީ އެމެރިކާގައެވެ. އެއީ ޓީވީއަށް ސްޓްރީމްކުރާ "ޑޯގްޓީވީ" ޗެނަލެވެ.
"ޕެޓްޓީވީ"ގެ ނަމުގައި ޗައިނާގެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނި ޓެންސެންޓުން، ޗައިނާގެ އެންމެ މަގުބޫލު އޮންލައިން ސްޓްރީމިން މަންސަގައި މި ދިޔަ ހަފުތާބަންދުގައި ތައާރަފުކުރި ޗެނަލުގައި 24 ގަޑިއިރު ހިދުމަތް ދެއެވެ.
ޑޯގްޓީވީގެ ކޮންޓެންޓް ހޯދައިގެން އެ ވެސް ދައްކާނެ ކަމަށް ޓެންސެންޓުން ބުންޏެވެ.
ބުޅަލާއި ކުއްތާގެ ހިއްސުތައް އިންސާނުންނާ ތަފާތުކަމުން ޗެނަލްގެ ކުލަތަކާއި ރިފްރެޝްކުރާ ރޭޓްތަކާއި އަދި އަޑުގެ ފްރިކުއެންސީތައް ވެސް ފަރުމާކޮށްފައިވަނީ ތަފާތުކޮށެވެ.
ބުޅަލާއި ކުއްތާގެ ވެރިން ވަޒީފާގައި އުޅޭ ވަގުތު ގޭގައި ބުޅަލާއި ކުއްތާ ފޫހިފިލުވައިދޭ ކަހަލަ ޕްރޮގްރާމްތައް ޕެޓްޓީވީގައި ދައްކައެވެ. މިސާލަކަށް އަސްދޫނި ފެންވަރާ މަންޒަރު ނުވަތަ ކުއްތާ ޖޯޑެއް ހިނގާލަން ދާ ކަހަލަ މަންޒަރެވެ.
"ޕެޓްޓީވީއަކީ ބުޅަލާއި ކުއްތާއާއެކު އޭގެ ވެރިންނަށް ވެސް 24 ގަޑިއިރު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ކަހަލަ ޕްރޮގްރާމްތަކެއް ހިމެނޭ ހަބެއް،" ޓެންސެންޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ތަނުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކުއްތާ ގެންގުޅޭ މީހުންގެ ތެރެއިން 66 ޕަސެންޓް މީހުން ގެއިން ބޭރަށް ދަނީ ކުއްތާ ފޫހިފިލުވަން ޓީވީ ނުނިއްވައިލައި ކަމަށެވެ.
ޕެޓްޓީވީ ލިބެނީ ޓެންސެންޓް ވީޑިއޯއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށެވެ.
އޮޅުކޮށްގެން ގެންގުޅޭ ހައިވާނުން ނުވަތަ ޕެޓްގެ މާކެޓް ޗައިނާގައި 2028 ގައި 59 ބިލިއަން ޑޮލަރު (912 ބިލިއަން ރުފިޔާ)އަށް އަރާނެ ކަމަށް، އެ ފަދަ މައުލޫމާތު އެއްކުރާ ޕެޓްޑޭޓާއިން ބުންޏެވެ.
މި ދިޔަ އަހަރު ޗައިނާގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލަށް އޭގެ ވެރިން 290 ޑޮލަރު (4،471ރ.) ހަރަދުކޮށްފައިވެއެވެ. އަދި ކުއްތާއަށް 435 ޑޮލަރު (6،707ރ.) ހަރަދުކޮށްފައިވެއެވެ.
މަގުބޫލު ހެޑްސްޕޭސްގެ މައިންޑްފުލްނެސް އެޕުން މި ހަފުތާގައި ވަނީ ބުޅަލާއި ކުއްތާ ހިތްހަމަޖެއްސުމަށް ހަ ގަޑިއިރަށް ދެމިގެންދާ މިއުޒިކް ކޮޅެއް ޔޫޓިއުބަށް ލައިފައެވެ.



advertisment