ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގެ ޝިފޮލް އެއާޕޯޓުން، ވަގަށް ބިސް ޓްރެފިކް ކުރަނިކޮށް، ދެމަފިރިއެއްގެ ހޭންޑް ލަގެޖް ބެލިއިރު، އެ ތަނުން ބިހަކުން ގުރައެއް ދިޔައީ ވިހަމުން ކަމަށް އޮފިޝަލުން ބުނެފިއެވެ.
"އެ ސޮރު ދިޔައީ އަޑު ލައްވަމުން،" އޮފިޝަލަކު ބުންޏެވެ.
މެދުތެރޭ އެމެރިކާއިން އޭޝިއާއަށް ވަގަށް ގުރާ ބިސްތައް ޓްރެފިކްކުރަން އުޅެނިކޮށް ކަސްޓަމްސް އޮފިސަރުން ވަނީ މި ދިޔަ މަހު 24 ގައި، ނަމާއި ގައުމު ހާމަނުކުރާ ދެމަފިރިންގެ އަތުން 261 ގުރާ ބިސް އަތުލައިގަންފައެވެ.
ކޮންމެ ބިހެއް ހުރީ ވަކިވަކިން ކަރުދާހަށް ލައިފައި ޓީ-ޝާޓުތަކެއްގެ ތެރޭގައި އޮޅައިލައިފައެވެ.
ވިހޭ ގުރާ ޅަ ކަމުން އެ ބިސްތަކަކީ ކޮން ބާވަތެއްގެ ގުރާތަކެއްކަން ބުނަން އުނދަގޫ ކަމަށް، ނެދަލެންޑްސްގެ ކާބޯތަކެއްޗާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާ، ނެދަލެންޑްސް ފުޑް އެންޑް ކޮންސިއުމާ ޕްރޮޑަކްޓް ސޭފްޓީ އޮތޯރިޓީން ބުންޏެވެ.
ދުނިޔެއިން މަދުވަމުންދާ ގަހާއި ހައިވާނުގެ ވިޔަފާރި ރެގިއުލޭޓްކުރާ ސައިޓީސް މުއާހަދާއަކީ ގުރާގެ ހުރިހާ ބާވަތަކަށް ހިމާޔަތް ދޭ ބައިނަލްއަގުވާމީ މުއާހަދާއެކެވެ. ސައިޓީސްގެ ދަށުން، ދޫންޏާއި ބިސް ގެންގުޅުމުގައި ހަރުކަށި ގަވައިދުތަކެއް ވާއިރު، އެ ބިސްތަކަކީ އެ ދެމަފިރިންގެ އެއްޗެހިކަން އެނގޭނެ ގާނޫނީ ލިޔުމެއް ނެތް ކަމަށާއި ޝައްކު ކުރެވެނީ އެއީ ޖަންގަލިން ނަގައިފައިވާ ބިސްތަކެއް ކަމަށް އޮފިޝަލުން ބުންޏެވެ.



advertisment