Support Us

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ކ) އަދި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މެސެޖުތައް ސީދާކޮށް ބަދަލުކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފި

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި ފަށައިފައިވާ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ސީދާކޮށް މެސެޖުތައް ބަދަލުކުރަމުންދާކަން އީރާނުން ކަށަވަރުކޮށްދީފިއެވެ.

ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއަށް އިއްޔެ ދެއްވި އިންޓަވިޔުއެއްގައި އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ސީދާކޮށް މެސެޖު ބަދަލުކުރަމުންދާ ކަމަށެވެ.

"ނަމަވެސް އެމެރިކާއާއެކު މެސެޖު ބަދަލުކުރުމުގެ މާނައަކީ ހަނގުރާމަ ނިންމައިލުމަށްޓަކައި ދެ ގައުމުން ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދާ ވާހަކައެއް ނޫން،" އަރާޣްޝީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅައިފައިވާ 15 ޝަރުތާ ބެހޭ ގޮތުން އެމެރިކާއަށް އީރާނުން އަދި ޖަވާބު ނުދޭ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އީރާނުން ވެސް އެއްވެސް ޝަރުތެއް ކުރިމަތިނުކުރާ ކަމަށެވެ.

އަރާޣްޝީ އަލްޖަޒީރާއަށް މި އިންޓަވިޔު ދެއްވި ދަނޑިވަޅު ދިމާވެފައިވަނީ ހަނގުރާމަ ހުއްޓައިލަން ދެން ނަގާނީ ތިން ހަފުތާއެއްހާ ދުވަސް ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި މަގުސަދަކީ އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފެއްދުމަށް ފުރުސަތު ނުދިނުން ކަމަށާއި އެ މަގުސަދު މިހާރު ހާސިލުވެއްޖެ ކަމަށާއި އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ނައިސް ވެސް ހަނގުރާމަ ނިންމައިލެވޭނެ ކަމަށެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށާއި ނިއުކްލިއަ ޕްރޮގްރާމެއް އެ ގައުމުގައި ހިންގަނީ ސުލްހަވެރި ބޭނުންތަކަށް ކަމަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ތިން ހަފުތާއެއްހާ ދުވަސް ތެރޭގައި ނިންމައިލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިއްޔެއާ އަޅާބަލާއިރު މިއަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 115 ޑޮލަރު (1،773ރ.)ގައި ހުރެފައި މިއަދު ވަނީ 98 ޑޮލަރު (1،511ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އަދި ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ ތިރީގައި މި ވަނީއެވެ:

  • އީރާން – 1،937
  • އިސްރާއީލު – 24 (އިއްޔެ 20)
  • އެމެރިކާ (ސިފައިން) – 13
  • ލުބްނާން – 1،268 (އިއްޔެ 1،238)
  • އިރާގު – 106 (އިއްޔެ 100)
  • ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12 (އިއްޔެ 11)
  • ކުވައިތު – 7
  • ބަހްރައިން – 3
  • އުމާން – 3
  • ސައޫދީ އަރަބިއްޔާ – 2

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *