އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ މަހު 28 ގައި ފަށައިފައިވާ ހަނގުރާމަ އަދިވެސް ކުރިއަށްގެންދާތީ ދުނިޔޭގައި ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ ކަމަށްވާ ޓްރީޓީ އޮން ދަ ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއަ ވެޕަންސް (އެން.ޕީ.ޓީ)އިން އީރާން ވަކިވުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުން ވިސްނަން ފަށައިފިއެވެ.
ނިއުކްލިއަ ހަކަތަ ސުލްހަވެރި ކަންތައްތަކަށް ޕްރޮމޯޓްކުރުމަށް ގައުމުތަކުން އެއްބާރުލުންދިނުމާއި ގައުމުތަކުން ނިއުކްލިއަ ހަތިޔާރު މަދުކުރުމާއި އަދި އެ ނައްތައިލުމާ ގުޅޭ ވެސް، އެ މުއާހަދާއިން އީރާން ވަކިވުމާ ބެހޭ ބިލެއް މިހާރު ވަނީ އީރާނުން އެކަށައަޅައި، އީރާންގެ ޕާލަމަންޓް މެންބަރުން ރިވިއުކުރުމަށްޓަކައި އީރާންގެ ޕާލަމަންޓްގެ އޮންލައިން ޕޯޓަލަކަށް ލައިފައެވެ. އެ ރިވިޔު ވަރަށް އަވަހަށް ކުރާނެ ކަމަށް އީރާނުން ބުންޏެވެ.
"އެން.ޕީ.ޓީން އަހަރެމެންނަށް އެއްވެސް ފައިދާއެއް ކޮށްފައި ނުވާތީ މި މުއާހަދާގައި އަހަރެމެންގެ ސޮއި އޮތުމަކީ އެއްވެސް މާނައެއް ހުރިކަމެއް ނޫން،" އީރާންގެ ޕާލަމަންޓްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ތަރުޖަމާނު އިބްރާހީމް ރީޒައީ ބުންޏެވެ.
މި ފަދަ ގާނޫނެއް ފާސްވެއްޖެނަމަ 2015 ގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު އީރާނުން ހެދި ނިއުކްލިއަ ޑީލަކުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމަށް ހައްދުތަކެއް އީރާނުން އަމިއްލައަށް ގެނައުމަށް ނިންމި ނިންމުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި އީރާނުން ދެން ސޮއިކުރާނީ ސުލްހަވެރި، މަދަނީ ނިއުކްލިއަ ޓެކްނޮލޮޖީތައް ތަރައްގީކުރުމަށް އީރާނާ ރަހްމަތެރި ގައުމުތަކާއެކު ގާއިމުކުރާ އެއްބަސްވުމެއްގައެވެ.
ގާނޫނު ފާސްވެއްޖެނަމަ، 12 މެންބަރުން ހިމެނޭ އީރާންގެ ދުސްތޫރީ މުއައްސަސާއެއް ކަމަށްވާ ގާޑިއަން ކައުންސިލުން ވެސް އެ ގާނޫނު ފާސްކުރަން ޖެހެއެވެ. އެއީ ސަރުކާރުން އެ ގާނޫނު ތަންފީޒުކުރުމަށްޓަކައެވެ.
ހަރުކަށި ސިޔާސީ ފިކުރުގެ އީރާންގެ ބައެއް ސިޔާސީ ވެރިން ކުރިން ވެސް ވަނީ އެން.ޕީ.ޓީ ދޫކޮށްލައި، ބޭރުގެ ޕްރެޝަރާ ހެދި ނިއުކްލިއަ ބޮމެއް ވެސް އުފައްދަން ގޮވައިލައިފައެވެ.
އީރާނުން އަދިވެސް ބުނަމުންދަނީ ނިއުކްލިއަ ހަކަތައާ ބެހޭ އދ.ގެ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)ގެ އަމިއްލަ ސިޔާސީ އެޖެންޑާއެއް އޮންނަ ކަމަށާއި އީރާންގައި ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތަކަށް އެމެރިކާ-އިސްރާއީލުން ދޭ ހަމަލާތަކަށް އެ އިދާރާއިން އެއްބާރުލުން ދޭ ކަމަށެވެ. ނަމަވެސް އެ ކަމާ އައި.އޭ.އީ.އޭއިން ދެކޮޅުހަދައެވެ.
އީރާނާ ދެކޮޅަށް މިހާރު ފަށައިފައިވާ ހަނގުރައިމައިގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފުރަތަމަ ދުވަހު ވެސް ޝަހީދުކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ އިސް އެޑްވައިސަރެއްގެ ދައުރު އަދާކުރި މުހައްމަދު މުޚްބަރު އިއްޔެ ވިދާޅުވީ އައި.އޭ.އީ.އޭގެ ޑިރެކްޓަރު ރަފައެލް ގްރޮސީއަކީ އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން މިހާރު ކުރިއަށްގެންދާ ހަނގުރާމަ އާއި މި ދިޔަ އަހަރު ޖޫންގައި 12 ދުވަހަށް އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ކުރިއަށްގެންދިޔަ ހަނގުރާމައިގައި ވެސް އެމެރިކާ-އިސްރާއީލުގެ "ކުށްކުރުމުގެ ބައިވެރިއެއް" ކަމަށެވެ.
އަވަހާރަވެފައިވާ އީރާންގެ ކުރީގެ ރައީސް އިބްރާހީމް ރައިސީގެ ނައިބުކަން ވެސް ކުރެއްވި މުޚްބަރު ވިދާޅުވީ އީރާންގެ ސުލްހަވެރި ނިއުކްލިއަ ހަރަކާތްތަކާ ގުޅޭ ގޮތުން ގްރޮސީ ތައްޔާރުކުރި ސިޔާސީ ކުލަ ޖައްސައިފައިވާ ރިޕޯޓްތަކާއި އީރާންގެ ނިއުކްލިއަ މަރުކަޒުތަކަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ދެމުންދާ ހަމަލާތައް ގްރޮސީ ކުށްވެރި ނުކުރުމާއި އަދި މިހާރު އީރާންގެ ނިއުކްލިއަ މަރުކަޒުތަކަށް ހަމަލާދޭން އެމެރިކާ-އިސްރާއީލު އިއްތިހާދަށް ގްރޮސީ ހިތްވަރު ދޭތީ "އަނބުރާ ނުގެންދެވޭނެ ފަދަ ނިންމުންތަކެއް" އީރާނަށް ނިންމަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އޭނާ އިންޒާރުދެއްވި އެ އަނބުރާ ނުގެންދެވޭނެ ފަދަ ނިންމުންތަކުގެ ތަފުސީލެއް ނުދެއްވައެވެ.
މި މަހު ކުރީކޮޅު ގްރޮސީ ބުނެފައިވަނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ނައްތައިލެވޭނެވަރުގެ ހަނގުރާމައެއް ނެތް ކަމަށާއި އެ ކަން ކުރެވޭނީ ހަމައެކަނި ނިއުކްލިއާ ހަނގުރާމައަކުން ކަމަށެވެ.
"އަހަރެމެން އުއްމީދުކުރަނީ އެ ހިސާބަށް ނުދާނެ ކަމަށް،" އޭނާ ބުނެފައިވެއެވެ.
އީރާންގެ ޕާލަމަންޓްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ މެންބަރެއް ކަމަށްވާ ފާދާ-ހުސައިން މަލަކީ އިއްޔެ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސަން ގްރޮސީ އެތައް މަސް ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބުނީ އީރާނަށް ނިއުކްލިއަ ބޮންއަޅާ ވާހަކަ ގްރޮސީ ދެއްކުމަކީ ބައިނަލްއަގުވާމީ ހުރިހާ އުސޫލުތަކާ ހިލާފު، އީރާން ރުޅިއަރުވައިލަންކުރި ކަމެއް ކަމަށެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން މިހާރު ވަނީ އީރާންގެ ނިއުކްލިއަ މަރުކަޒުތަކަށާއި ދަގަނޑު އުފައްދާ ކާރުހާނާތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން އީރާންގެ ޔުނިވާސިޓީއަކަށް ވެސް ވަނީ ހަމަލާދީފައެވެ. އެ ކަމާ ގުޅިގެން އީރާނުން ބުނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ ޔުނިވާސިޓީތަކަށް ހަމަލާދޭނެ ކަމަށެވެ.
އީރާނުން އެމެރިކާއާ ސުލްހަވާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މިހާރު އިތުބާރު ނުކުރެވޭ ވިދާޅުވުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔަ އަގުގައި ހިފެހެއްޓިފައެވެ. އެއީ ތެޔޮ ފީފާއެއް 114 ޑޮލަރު (1،757ރ.)ގައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ކުރަމުންދާ ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު އިއްޔެއާ ތަފާތެއް ނޫނެވެ. އެ ގޮތުން އީރާނުން ޝަހީދުވި މީހުންގެ އަދަދު ހުރީ 1،937 ގައެވެ.
އިސްރާއީލުން މިހާތަނަށް މަރުވީ 19 މީހުން ކަމަށްވާއިރު އެމެރިކާގެ 13 ސިފައިން މަރުވެފައިވެއެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން 11 މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ބަހްރައިނުން ތިން މީހުން އަދި ސައޫދީ އަރަބިއްޔާއިން ދެ މީހުން މަރުވެފައިވެއެވެ.



advertisment