Support Us

ބޯފެނުގެ ދެބައިކުޅަ އެއްބައި ކަނޑުގެ ލޮނު ފެން ސާފު ފެނަށް ހަދައިގެން ބޭނުންކުރާ ސައޫދީ އަރަބިއްޔާގައި ހުރި ޑީސެލިނޭޝަން ޕްލާންޓެއް

ގަލްފު ގައުމުތައް ފެނަށްޖައްސާކަށް ނޫޅެން: އީރާން

ގަލްފު ގައުމުތައް ފެނަށްޖައްސަން ނޫޅޭ ކަމަށް އީރާނުން މިއަދު ބުނެފިއެވެ.

"ގަލްފު ގައުމުތަކުގައި ހުރި، ކަނޑުގެ ލޮނު ފެން ސާފު ފެނަށް ބަދަލުކުރާ ޑީސެލިނޭޝަން ޕްލާންޓްތައް ނައްތައިލަން އަހަރެމެން އުޅޭ ކަމަށް އެމެރިކާއިން މިހާރު ބުނާ ބުނުމަކީ ދޮގެއް،" އީރާންގައި ތަފާތު ހިދުމަތްތައް ދޭ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން ބުންޏެވެ.

އެ އިދާރާއިން ބުނީ އީރާންގެ ހަކަތަ މަރުކަޒުތަކަށް އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން ހަމަލާދީފިނަމަ ރައްދު ދިނުމުގެ ގޮތުން އީރާނުން ހަމަލާދޭނީ އިސްރާއީލުގައި ހުރި ހަކަތަ މަރުކަޒުތަކަށާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގަލްފު ގައުމުތަކުން ހަކަތަ ފޯރުކޮށްދޭ ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް ކަމަށެވެ.

"މީގެ އިތުރުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ ހިއްސާ އޮތް އިގުތިސާދީ، ސިނާއީ އަދި ހަކަތަ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނަން،" އައި.އާރް.ޖީ.ސީން ބުންޏެވެ.

އެ އިދާރާއިން ބުނީ އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން އީރާނާ ދެކޮޅަށް މި ދިޔަ މަހު 28 ގައި ފެށި ހަނގުރައިމައިގައި އީރާންގެ ހޮސްޕިޓަލްތަކާއި އެހީ ދޭ މަރުކަޒުތަކާއި ސްކޫލްތަކަށް ހަމަލާދީފައިވާއިރު އީރާނުން އެ ފަދަ ކަމެއް ނުކުރާ ކަމަށެވެ.

"އެކަމަކު އަހަރެމެންގެ ކަރަންޓުގެ ހިދުމަތަށް ހަމަލާދީފިނަމަ، ތިޔަބައިމީހުންގެ ކަރަންޓުގެ ހިދުމަތަށް ހަމަލާދޭނަން،" އައި.އާރް.ޖީ.ސީން ބުންޏެވެ.

އެ އިދާރާއިން ބުނީ އީރާނަށް ދޭ ކޮންމެ ހަމަލާއަކާ އެއްވަރުގެ ހަމަލާއެއް ރައްދުގައި ދޭނެ ކަމަށެވެ.

"އަހަރެމެންގެ ގާބިލުކަން އެމެރިކާއަކަށް ނޭނގޭ. އެ ކަން އެމެރިކާއަށް ދައްކައިލައިނަން،" އައި.އާރް.ޖީ.ސީން އިތުރަށް ބުންޏެވެ.

އީރާނުން އެންމެ ފަހުން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ ކުޑަކުއްޖަކު މަރުވި ކަމަށް އިސްރާއީލުން ބުނި ކަމަށް ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އަދި އީރާނުން އިސްރާއީލުގެ އަރާދު އާއި ދައިމޫނާ ސިޓީއަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި 180 މީހުން ޒަހަމްވުމުން އިސްރާއީލުން ބުނީ އެއީ އިސްރާއީލަށް އީރާން ހަނގުރައިމައިގައި ތަޖުރިބާކުރެވުނު "ބޮޑު ހިތާމަވެރިކަމެއް" ކަމަށެވެ.

"އީރާން ނައްތައިލައިނަން،" އަރާދު އާއި ދައިމޫނާއަށް އީރާނުން ހަމަލާދިނުމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

އޭނާ އެހެން އިންޒާރުދިނަސް އީރާން ރައްޔިތުން އިއްޔެ ވަނީ ބިރުކަނޑައިލައިފައި މަގުމައްޗަށް ނުކުމެ އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ކުށްވެރިކޮށް، އަޑުއުފުލައިފައެވެ. ވެރިރަށް ތެހެރާންގެ އިތުރުން އެހެން ސިޓީތަކުގައި ވެސް އީރާން ރައްޔިތުން މުޒާހަރާކުރީ އީރާންގެ ދިދަ އާއި އީރާންގެ އާ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީގެ ފޮޓޯ ހިފައިގެންނެވެ.

އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު އީރާނުން 1،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އަދި އިސްރާއީލުން މަރުވި ކުޑަކުއްޖާ ހިމަނައިގެން އިސްރާއީލުގައި 19 މީހުން މަރުވެފައިވެއެވެ.

މަރުވި އެމެރިކާ ސިފައިންގެ އަދަދަށް ބަދަލެއް ނާދެއެވެ. އެއީ 13 އެވެ.

ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން މަރުވި މީހުންގެ އަދަދަށް ވެސް ބަދަލެއް ނާދެއެވެ. އެ ގޮތުން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން އަދި ބަހްރައިނުން ދެ މީހުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *