އިސްރާއީލުން ލުބްނާންގައި ފެށި އަސްކަރީ އެއްގަމު އޮޕަރޭޝަން ފުޅާކުރަން ފަށައިފިއެވެ.
މި ދިޔަ މަހު 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެންދާއިރު، އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާ ފަދައިން ލުބްނާންގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ވެސް އިސްރާއީލަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
"ހިޒްބުﷲގެ ގިނަ އަދަދެއްގެ މަރުކަޒުތަކަށް ރެއިޑް ޖަހައިފިން. ހިޒްބުﷲގެ މަދުވެގެން 10 ހަނގުރާމަވެރިން މަރުވެއްޖެ،" އިސްރާއީލުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނަމަވެސް އެ ހަނގުރާމަވެރިން މަރައިލި ވަގުތަކާއި މަރައިލި ސަރަހައްދުތަކެއް އިސްރާއީލުން ހާމައެއްނުކުރެއެވެ.
އިސްރާއީލުން ބަޔާން މި ނެރުނީ އަސްކަރީ ގޮތުން މުހިންމު ލުބްނާންގެ ދެ ޓައުން ކަމަށްވާ، ލުބްނާނާއި އިސްރާއީލު ގުޅޭ ބޯޑަރުގައިވާ ލުބްނާންގެ ޚިޔާމު އާއި ތޮއިބާގައި ވަރުގަދަ ހަމަލާތަކެއް ހިޒްބުﷲ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހިޒްބުﷲއިން ބުނީ ރޭގެ ވަގުތެއްގައި އިސްރާއީލު ސިފައިންނަށް 12 ފަހަރު ހަމަލާދިން ކަމަށެވެ. އޭގެ ތެރޭގައި ޚިޔާމާއި ތޮއިބާގައި އިސްރާއީލު ސިފައިން ތިބި ތަންތަނަށް ރޮކެޓުން ހަމަލާދިން ކަމަށް ހިޒްބުﷲއިން ބުންޏެވެ.
މި ދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ފުޅާ ދާއިރާއެއްގައި ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1،001 މީހުން މަރުވެފައިވާ ކަމަށް ލުބްނާނުން ބުންޏެވެ.
"އޭގެ ތެރޭގައި 118 ކުޑަކުދިން ހިމެނޭ،" ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
އެ އިދާރާއިން ބުނީ 2،584 މީހުން ޒަހަމް ވެސް ވެފައިވާ ކަމަށެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރައިމައިގައި މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ލުބްނާން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.



advertisment