Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ބަނގުރޫޓުގެ އަނދަވަޅުން ސަލާމަތްވުމަށް ހަރަދުތައް ކުޑަކޮށް ފިޔަވަޅުތައް އަޅަންޖެހޭ

ރާއްޖެއަށް ބޭނުންވާ ޑީސެލާއި ޕެޓްރޯލް ފަދަ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރަނީ މައިގަނޑު ގޮތެއްގައި އޮމާނުންނެވެ. އޮމާންގެ ސަލާލާ އަދި ސޮހާރު ބަނދަރުން ފުރާ ބޯޓުފަހަރު ހޮރުމޫޒު ކަނޑުއޮޅި ހުރަސްކުރާކަށް ނުޖެހެއެވެ. ހޮރުމޫޒު ކަނޑުއޮޅިއަކީ އީރާނާއި އޮމާނާ ދެޤައުމުގެ މިލްކުވެރިކަމުގެ ދަށުގައިވާ ކަނޑުއޮޅިއަކަށް ވިއަސް އެ ކަނޑުއޮޅީގައި ބާރުގަދައީ، އަސްކަރީ ގޮތުންވެސް މެދުއިރުމަތީގައި އެންމެ ބާރުގަދަ ޤައުމު ކަމުގައިވާ އިރާނެވެ. އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ 28 ފެބަރުއަރީގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިރާނުން ބުނެފައިވަނީ އެމެރިކާއާއި އިޒްރޭލަށް ނިސްބަތްވާ އެއްވެސް ތެޔޮ ބޯޓަކަށް ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ތެޔޮ ނުއުފުލޭނެ ކަމަށެވެ. އޮމާންގެ ސަލާލާ އަދި ސޮހާރު ބަނދަރުން ތެޔޮ ގެންނާތީ ހޮރުމޫޒް ކަނޑުއޮޅި ސީދާ ބަންދުވުމުގެ އުނދަގޫ ރާއްޖެއަށް ތެޔޮ އެތެރެކުރަން ނެތަސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެއިން ތެޔޮ އިމްޕޯޓް ކުރަން ކުރާ ހަރަދު މަހަކު އެތައް މިލިއަން ރުފިޔާއަކުން ވަނީ ބޮޑުވެފައެވެ.

ލީޓަރަކުން އަށް ރުފިޔާގެ ގެއްލުމުގައި ތެޔޮ ވިއްކައިގެން ސަރުކާރަށް މާގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެ

އިރާން ހަނގުރާމަ ފެށުމުގެ ކުރިން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް އެ އަގު މިހާރު ވަނީ 50% އުފުލި، 105 ޑޮލަރަށް އަރައިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން 13 ރުފިޔާ އަށް ރާއްޖޭގައި ވިއްކި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 16 ރުފިޔާ އަށް ބޮޑުވެފައެވެ. ޑީސެލް ލީޓަރެއްގެ އަގު ވަނީ 17 ރުފިޔާ އަށް އަރައިފައެވެ. މި އަގުގައި ވެސް ތެޔޮ މި ވިއްކެނީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން، ފައިދާއެއް ނެތި ވިއްކާތީ އެވެ. ސަރުކާރަށް ގެއްލުން ނުވާގޮތަށް ވިއްކާނަމަ އަސްލު މިހާރު ވިއްކަން ޖެހޭނީ ޑީސަލް ލިޓަރެއް 25ރ. އަށް، އަދި ޕެޓްރޯލް ލިޓަރެއް 23ރ. އަށެވެ. ލީޓަރަކުން އަށް ރުފިޔާގެ ގެއްލުމުގައި ތެޔޮ ވިއްކައިގެން ސަރުކާރަށް މާގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެއެވެ.

ހާލަތު ބަދަލު ނުވެއްޖެނަމަ ޤައުމު ބަނގުރޫޓުވުމަކީ ދުރު ކަމެއް ނޫން

އަގުހެޔޮކޮށް އާންމުންނަށް ތެޔޮ ވިއްކުމަށް ސަރުކާރުން ބޮޑު އަގެއް (ސަބްސިޑީ އެއް) ދައްކަންޖެހެ އެވެ. ޓޫރިޒަމްގެ އާމަދަނީ ދަށްވެ މަހަކަށް 500 މިލިއަނެއްހާ ރުފިޔާ އެ ސިނާއަތުގެ އާމްދަނީން މަދުވާއިރު ތެޔޮ އެތެރެކުރަން ހިނގާ ހަރަދު މައްޗަށް ގޮސްގެން ދިވެހި ދައުލަތަށް ހިފަހައްޓާލެވޭނީ ގިނަވެގެން ތިން މަސް ދުވަހުއެވެ. ތިން މަސް ދުވަހުގެ ތެރޭ ހާލަތު ބަދަލު ނުވެއްޖެނަމަ ޤައުމު ބަނގުރޫޓުވެ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ޑިފޯލްޓްވެ، ބޭންކްރަޕަޓް ވުމަކީ ދުރު ކަމެއް ނޫނެވެ.

ބޮޑުތަނުން ހަރަދު ކުޑަ ނުކޮށް ސަލާމަތްވާކަށް ނެތް

ތެޔޮ އެތެރެކުރަން އެސްޓީއޯއިން މިހާރު މަހަކު 40 މިލިއަން ޑޮލަރު ހޭދަކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން، އެސްޓީއޯ އިން ތެޔޮގަންނަން މަހަކު ކުރާ ހޭދަ، ގާތްގަނޑަކަށް 60 މިލިއަން ޑޮލަރަށް އިތުރުވެގެން ދާނެއެވެ. އޭޕްރިލް މަހު ސަރުކާރުން ދައްކަން ޖެހޭ ސުކޫކް ލޯނަށް 500 މިލިއަން ޑޮލަރު ދައްކައިފައި ރިޒާވްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ 150 މިލިއަން ޑޮލަރުން ކާބޯތަކެތި ގަނެފައި ތެލަށް ދައްކާނެ ފައިސާއެއް ނުހުންނާނެއެވެ. އެހެން ކަމުން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން ވަނީ ރާވައިފައެވެ. ނަމަވެސް އެ 100 މިލިއަން ޑޮލަރުން ވެސް ގަނެވޭނީ އެންމެ ދެތިން މަސް ދުވަހުގެ ތެލެވެ. ބޮޑުތަނުން ހަރަދު ކުޑަނުކޮށް ސަލާމަތްވާކަށް ނެތެވެ.

ލަގްޒަރީ އަދި އެހެނިހެން މުދާ މިވަގުތަށް އެތެރެނުކުރެވޭ ގޮތަށް ހަދަންޖެހޭ

ތެޔޮ ގަތުމަށް ހިނގާ ހަރަދު ސަރުކާރުން އަބަދުވެސް ހަމަޖައްސަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު ހަދައިފައިވާ 175 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ނުވަތަ ލޯނެއް މެދުވެރިކޮށެވެ. އެ ފެސިލިޓީގެ ދަށުން އަބަދުވެސް ހަ މަސް ދުވަހުގެ މުއްދަތެއް ތެޔޮ ބިލަށް ފައިސާ ދައްކަން ރާއްޖެއަށް ލިބެ އެވެ. އެހެންކަމުން މިހާރު އަގުބޮޑުކޮށް ގަންނަ ތެލަށް ރާއްޖެއިން ފައިސާ ދައްކާނީ މީގެ ހަ މަސް ފަހުންނެވެ. ބޮޑު ތެޔޮ ބިލްގެ ބުރަ އުފުލަން ޖެހޭނީ މިއަހަރު ސެޕްޓެމްބަރި ހިސާބުގައެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަ އެވެ. އެހެންވެ، މިވަގުތަށް ތެޔޮ ގެންނަން ފައިސާގެ ތާއްޓެއް ނައި ނަމަވެސް ހަ މަސް ފަހުން އެ ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާކުރަންޖެހެ އެވެ. ފައިސާ ރައްކާ ކުރެވޭނީ ހަރަދު ކުޑަކޮށްގެންނެވެ. ބޭރު ފައިސާއިން ސަރުކާރުން ކުރާ ހަރަދުތައް މަޑުޖައްސާލުމާއި، ބޭރު ފައިސާ ރާއްޖެއިން ބޭރުންވާން ހުރި ގޮތްތައް މަދުކުރަން ޖެހެ އެވެ. ބޭރަށް ފައިސާ ފޮނުވަންޖެހޭ މެގަ ޕްރޮޖެކްޓްތައް މިވަގުތަށް މަޑުޖައްސާލުމާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި ބޭރު ދަތުރު ނުކުރުމަށް ރައްޔިތުންނަށް އެންގުމާއި، އަސާސީ ތަކެތި ފިޔަވައި ލަގްޒަރީ އަދި އެހެނިހެން މުދާ މިވަގުތަށް އެތެރެ ނުކުރެވޭ ގޮތަށް ހަދަންޖެހެއެވެ. މިސާލަކަށް ކާރު، ސައިކަލް، ލަގްޒަރީ ހެދުން، ކުޅޭ ސާމާނު ފަދަ ތަކެތި އިމްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ޖެހެއެވެ.

އެހީ ހޯދަން ޖެހޭނީ ދަނޑިވަޅުގެ ފައިދާ ނަގައި ރާއްޖޭގެ މައްޗަށް ގަދަވެގަތުމަށް އެއްވެސް ބޭރު ޤައުމަކަށް ފުރުސަތު ނުލިބޭ ގޮތަށް

އެސްޓީއޯ އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާ އެކު ރާއްޖޭގައި އެއްފަހަރާ ތެޔޮ އެންމެ ގިނައިން ވެސް ރައްކާކޮށްފައި ބެހެއްޓެނީ އެއް މަސް ދުވަހަށް ވާވަރުގެ ތެލެވެ. ތެލުގެ ބިލް ބޮޑުވެ، ތެޔޮ ލިބުން ދަތިވެފައި ވުމާ އެކު ރާއްޖެއިން ވަނީ އިންޑިއާ ހިމެނޭހެން ބޭރުގެ ބައެއް ރަހްމަތްތެރި ޤައުމުތަކުގެ އެހީ އަށް އެދިފައެވެ. ނަމަވެސް މިފަދަ އެހީ ހޯދަން ޖެހޭނީ މިފަދަ ދަތި ދަނޑިވަޅެއްގެ ފައިދާ ނަގައި ރާއްޖޭގެ މައްޗަށް ގަދަވެގަތުމަށް އެއްވެސް ބޭރު ޤައުމަކަށް ފުރުސަތު ނުލިބޭ ފަދަ ގޮތަކަށެވެ.

ހަނގުރާމަ ދެމަހަށް ދިގު ދެމިގެން ހިނގައްޖެނަމަ އެއް ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެ

ހަނގުރާމައިގެ ފުރަތަމަ 15 ދުވަސް ފާއިތުވީއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ %40 ވަނީ މަދުވެފަ އެވެ. މި ހާލަތު މަހެއްހާ ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، 500 މިލިއަން ރުފިޔާ ކޮންމެ މަހަކު ސަރުކާރުގެ އާމްދަނީން މަދުވާނެ ކަމަށް ލަފާކުރެވެ އެވެ. ހަނގުރާމަ ދެމަހަށް ދިގު ދެމިގެން ހިނގައްޖެނަމަ އެއް ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެއެވެ. މިހާރު މިދާގޮތަށް ދާނަމަ އީދަށް ފަހު ޕެޓްރޯލް ލީޓަރެއްގެ އަގު 20 ރުފިޔާއިން މައްޗަށް އަރައި، ފަތުރިވެރިކަމުގެ ސިނާއަތުގެ އާމްދަނީ 30% ދަށްވެ، ސޮވަރިން ޑިފޯލްޓް، ނުވަތަ ދަރަނި ނުދެއްކޭ ހާލަތަކަށް ދިއުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުމުގެ ފުރސަތު ވަރަށް ބޮޑެވެ.

އޭޝިއާގެ ގިނަ ގައުމުތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަނީ

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވަމުންދާތީ އޭޝިއާގެ ގިނަ ގައުމުތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް ވަނީ އަޅަން ފަށައިފައެވެ. މިސާލަކަށް ފިލިޕީންސްގެ ސަރުކާރު އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކޮށް، ތެލާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ. ޕާކިސްތާނުން ވަނީ ސަރުކާރު މުވައްޒަފުންގެ 50 ޕަސެންޓު ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގައިފައެވެ. ތައިލެންޑާއި ވިއެޓްނާމުން ވެސް ވަނީ އަމިއްލަ ކުންފުނިތަކަށް މިގޮތަށް އަމަލުކުރުމަށް ބާރުއަޅައިފަ އެވެ. އެ ގައުމުން ވަނީ ސަރުކާރު ދަތުރުފަތުރުތަކަށް ދޭ ތެލުގެ މިންވަރު ވެސް 50 ޕަސެންޓު ދަށްކޮށްފަ އެވެ. ބަންގްލަދޭޝްއާއި ޕާކިސްތާނުން ވަނީ ހަކަތަ ސަލާމަތްކުރުމަށްޓަކައި ސްކޫލްތަކާއި ޔުނިވާސިޓީތައް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ތައިލެންޑްގެ ސަރުކާރު އޮފީސްތަކުގައި އެއާ ކޮންޑިޝަން 26 ޑިގްރީއަށް ބެހެއްޓުމަށާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަށް ވަނީ އަންގައިފަ އެވެ.

ޕެޓްރޯލާއި ކައްކާ ގޭސް ނުލިބިއްޖެނަމަ ހާއްސަކޮށް މާލޭގަ ރައްޔިތުން ވަރަށް ހާލުގައި ޖެހިދާނެ

ބަންގްލަދޭޝްއާއި ވިއެޓްނާމްގެ ތެޔޮ ސްޓޭޝަންތަކާއި ކައްކާ ގޭސް ވިއްކާ ތަންތަނުން ވަނީ އެއްފަހަރާ ތެޔޮ އެޅޭނެ، އަދި ގޭސް ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައި، ތެލާއި ކައްކާ ގޭސް ރޭޝަން ކުރަން ފަށައިފަ އެވެ. އިންޑިއާ ފަދަ ޤައުމުތަކުގައި ކައްކާ ގޭހުގެ ސަޕްލައި ދަށްވެ ކިއުތައް ވަނީ ދިގުވެފައެވެ. ޕެޓްރޯލާއި ކައްކާ ގޭސް ނުލިބިއްޖެނަމަ ހާއްސަކޮށް މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބިކަވެ، ކާންބޯން ނުލިބި، ފާހާނަ ނުކުރެވި، ވަރަށް ދަތި ހާލުގައި އުޅެން ޖެހިދާނެއެވެ. އުސް އިމާރާތްތަކަށް، ކަރަންޓު ނެތި އަރައިފައިބާނެ ގޮތެއް ނޯންނާނެއެވެ. ފާހާނާތައް ފްލަޝް އެއް ނުކުރެވޭނެއެވެ. ގޭސް ނެތި ނުކެއްކޭނެއެވެ. ނުކައި، ނުބޮއެ، ފާހާނާ ނުކޮށް އުޅެން ޖެހޭ ފަދަ ހާލަތަކަށް ވެސް ހިނގައިދާނެއެވެ.

ހަރަދު ކުޑަކުރަން އަޅަން ނަޝީދު ގޮވާލެއްވި ފިޔަވަޅުތައް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތަކުގެ ހަގީގީ އަސަރު ކުރާނީ ހަ މަހެއްހާ ދުވަސް ފަހުން ކަމަށާއި މި ލިބޭ ވަގުތުކޮޅުގައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފައެވެ. ނަޝީދު ވަނީ އެކަމާ ގުޅިގެން މިވަގުތު ރާއްޖެއިން އަޅަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބައެއް ފިޔަވަޅުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ:

  • ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަނެ އިތުރު ކުރުން،.
  • ކަރަންޓު ކަނޑާ ވަގުތުތަކެއް ކަނޑައެޅުން،.
  • އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން،.
  • ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވާ ވަގުތު މަދުކުރުން،.
  • އިޖުތިމާއީ ހަރަކާތްތައް މަދުކުރުން،.
  • މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކުރުން،.
  • އޭވިއޭޝަން ފިއުލް ކަށަވަރުކުރުން، މިއެވެ.

މީގެ އިތުރުން ވެސް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި: ސަރުކާރުގެ ބޭކާރު އިދާރީ ހަރަދުތައް ވަގުތުން ހުއްޓާލައި، އިސްރާފު ކުޑަކުރުން، ތެލާއި ހަނޑުލާއި ފުށާއި ހަކުރު ފަދަ ތަކެއްޗަށް ދޭސަބްސިޑީތައް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭނެ އުސޫލެއް ގާއިމްކުރުމާއި، އަސާސީ މުދާ ފިޔަވާ އެހެން ތަކެތި އިމްޕޯޓް ކުރުން މިވަގުތަށް ހުއްޓާލުން ހިމެނެއެވެ.

ހަނގުރާމަ ނިމެންދެން ސްކޫލްތަކުގައި އެއަރކޯން ބޭނުން ކުރުން އެއްކޮށް ހުއްޓާލުން

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިލާސް ރޫމްތައް މިސަރުކާރުން އޭސީ ކުރުމުގެ ސަބަބުން ހިނގާނެ ބޮޑު ހަރަދަށް ވިސްނާލައި، މި ހަނގުރާމަ ނިމެންދެން ސްކޫލްތަކުގައި އެއަރކޯން ބޭނުން ކުރުން އެއްކޮށް ހުއްޓާލަން ޖެހެއެވެ. އަދި އެއާކޯނާ ނުލައި ފަންކާ ބޭނުން ކުރެވޭ ފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮފީސްތަކުގައި އެއާކޯން ބޭނުންކުރުން މިވަގުތަށް ހުއްޓާލަންޖެހެއެވެ.

ހުރިހާ މިސްކިތެއްގައި އެއާކޯން ޖެއްސުން މިހަނގުރާމަ ނިމެންދެން ހުއްޓާލައި ކާރު، ސައިކަލް ފަދަ ތަކެތި އެތެރެކުރުން ވެސް މިވަގުތަށް މަޑުޖައްސާލުން

ހުރިހާ މސްކިތެއްގައި އެއާކޯން ޖެއްސުން މިހަނގުރާމަ ނިމެންދެން ހުއްޓާލުމަކީ ވެސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. އީދު ކުޅިވަރުތައް ހުއްޓާލައި އީދު ޑެކަރޭޝަން އާއި ބޮކި ދިއްލުން ވެސް މިވަގުތަށް ހުއްޓާލަން ޖެހެއެވެ. ސަރުކާރު އޮފީސްތަކުން ރާއްޖޭގެ އެތެރޭގަ އާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ހުއްޓާލައި، ލަގްޒަރީ ކާނާ އެތެރެކުރުން މަޑުޖައްސާލައި، އަސާސީ ކާނާ އަށް ފޯކަސްކުރަން ޖެހެއެވެ. ކާރު، ސައިކަލް ފަދަ ތަކެތި އެތެރެކުރުން ވެސް މިވަގުތަށް މަޑުޖައްސާލަން ޖެހެއެވެ.

ހަނގުރާމައިގެ މި އަޑިގަޑުން އަރައިގަތުމަށް އުނދަގޫ، އެހެނަސް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅައި، ހަރަދުތައް ކުޑަކޮށް، ކުރިމަގުގައި ދިމާވެދާނެ މިފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އިގްތިސޯދީ ބިންގާ ފުޅާކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކޮށް ކުރިމަގަށް ތައްޔާރުވާން ޖެހެއެވެ.