އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް އިއްޔެ ދޭން ފެށި ހަމަލާތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ އަވަހާރަވެފައިކަން އީރާންގެ ދައުލަތުގެ މީޑިއާއިން މިއަދު ކަށަވަރުކޮށްދީފައެވެ. މި ކަމާ ގުޅިގެން އީރާނުން ބުނީ ރައްދު ދޭނެ ކަމަށާއި އަދި މިހެންވެ މުޅި މެދުއިރުމަތި މިހާރުވަނީ މި ތާރީހީ ބަދަލަށް ކުރިމަތިލާން ތައްޔާރުވެފައެވެ.
އެމެރިކާ-އިސްރާއީލުގެ ގުޅުމުން އަސްކަރީ އޮޕަރޭޝަން އަމާޒުކުރީ އީރާންގެ އަސްކަރީ އަދި ސަރުކާރުގެ އިދާރީ ތަންތަނަށެވެ.
އީރާންގެ ދައުލަތުގެ ޓީވީން އަދި ރަސްމީ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އައި.އާރް.އެން.އޭ)އިން އުމުރުން 86 ގެ ލީޑަރުގެ އަވަހާރަވުން ރިޕޯޓްކުރީ އަވަހާރަވި ސީދާ ސަބަބު ތަފުސީލުނުކޮށްދީއެވެ.
ހާމަނާއީގެ ދަރިކަނބަލަކާއި ދަނބިދަރިކަލަކާއި ކާފަދަރިކަލަކު ޝަހީދުވި ކަމަށް ވެސް ރިޕޯޓްކުރިއެވެ. ހާމަނާއީގެ ދެ ދަރިކަނބަލުންނާއި ދެ ދަނބިދަރިކަލުންނާއި ދެ ކާފަދަރިކަލުން ތިބެއެވެ. ނަމަވެސް ޝަހީދުވީ ބޭފުޅުން މުޅިއަކުން ސާފުނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލީ އެމެރިކާ އާއި އިސްރާއީލުން ވިލަރެސްކޮށްގެން ދިން ހަމަލާއެއްގައި ކަމަށެވެ.
އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމަށް ދެވަނައަށް ވަޑައިގަތް، އަދި ތިން ދަހަރުގައި އީރާންގެ އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތުކަމަށްވެ ވަޑައިގަތް ހާމަނާއީ އަވަހާރަކޮށްލުން ފާހަގަވާނީ އަދުގެ މެދުއިރުމަތީގެ ތާރީހުގައި އެންމެ ގިނަ ނަތީޖާތައް ފެންނާނެ ހާދިސާއަށެވެ. އަދި ހާމަނާއީ އަވަހާރަކޮށްލުމުން އީރާންގެ ކުރިމަގު އެ އެއްލައިލެވުނީ ގޮތްނޭނގޭ ފުންކަމެއްގެ ތެރެއަށެވެ.
ޓްރަމްޕް ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލުމުން އެއީ "އީރާން ރައްޔިތުންނަށް އެ ގައުމު އަލުން އަނބުރާ ހޯދުމަށް ލިބޭ އެންމެ ވަރުގަދަ ފުރުސަތު" ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ހާމަނާއީއަކީ "ތާރީހު ދުށް އެންމެ ނުބައި އެކަކު" ކަމަށެވެ.
ސޯޝަލް މީޑިއާއަށް ލެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ހާމަނާއީއަށް "އެމެރިކާގެ އިންޓެލިޖެންސާއި މީހުން ހޯދުމުގެ ނިޒާމުތަކުން ރެކިވަޑައިނުގެންނެވުނު" ކަމަށެވެ. އަދި ވިދާޅުވީ "އިސްރާއީލާ ކައިރިން ގުޅިގެން މަސައްކަތްކުރުމުން ހާމަނާއީ އާއި އޭނާއާއެކު މަރުވި އެހެން ލީޑަރުންނަށް ސަލާމަތްވާން ކުރެވުނު އެއްވެސް ކަމެއް ނެތް" ކަމަށެވެ.
ހާމަނާއީ އަވަހާރަކޮށްލުމަށްފަހު އީރާންގެ އަސްކަރީ އިންފްރާސްޓްރަކްޗަރު އަދި ސަރުކާރުގެ މައި ތަންތަނަށް ވަނީ ވައިގެ މަގުން ބޮން އަޅައިފައެވެ. ފުރަތަމައިނުން ދޭން ފެށި ބައެއް ހަމަލާތައް އެރީ ވެރިރަށް ތެހްރާންގައި ހުންނަ ހާމަނާއީގެ އޮފީސްތަކާ ކައިރި ސަރަހައްދުތަކަށެވެ. ތެހްރާންގެ ބައެއް ސަރަހައްދުތައް ގުޑުވައިލި ގޮވުންތަކުން އެރި ބޯ ދުން ފެނިފައިވެއެވެ.
އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދިން ހަމަލާތައް ރަމްޒުކޮށްދެނީ އެތައް ދުވަހެއް ވަންދެން މެދުއިރުމަތީގައި އުފެދެމުން ދިޔަ ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދިއުމެވެ. އިސްރާއީލުން ކުރިން ވަނީ އީރާންގެ އަމާޒުފަތްގަނޑުތަކަށް ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަނެއް އިއުލާންކޮށްފައެވެ. އެ ކަން ކަށަވަރު ކޮށްދެމުން އެމެރިކާއިން ބުނީ އެމެރިކާގެ ފައުޖުތައް މައިގަނޑު އޮޕަރޭޝަންތަކެއް ފެށި ކަމަށެވެ. އީރާނުން މިސައިލް އުފެއްދުމާއި އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމުން ނުރައްކާތަކެއް ކުރަން އުޅޭކަމަށް ފެންނާތީ ދިން ހަމަލާތަކެއް ކަމަށެވެ.
އެމެރިކާ-އިސްރާއީލުގެ ގުޅުމުން ހަމަލާތައް ދިނުމުން ރައްދުގައި އީރާނުން ވަނީ މިސައިލާއި ޑްރޯންތައް އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދިމާއަށް ފޮނުވަން ފަށައިފައެވެ. އެއާއެކު، އީރާންގެ ސަރަހައްދުން ބޭރަށް ހަމަނުޖެހުންތައް ފެތުރުމުން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތައް ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ހާމަނާއީ އަވަހާރަކޮށްލުމުން އީރާންގައި ވަނީ ވެރިކަމުގެ ދާއިރާގައި ހުސްކަމެއް އުފެދިފައެވެ. އޭނާ ވަނީ 1989 އިން ފެށިގެން ވެރިކަން ކުރައްވައިފައެވެ. އެއީ އޭގެ ދަހަރެއް ކުރިން ރަސްކަން ނައްތަވައިލައި އީރާނަށް އިސްލާމީ އިންގިލާބު 1979 ގައި ގެންނެވުމުގައި އިސްކޮށް ހުންނެވި އާޔަތުﷲ ރޫހުﷲ ހުމައިނީ އަވަހާރަވުމުންނެވެ. އީރާންގެ ފައުޖުތަކާއި ޖުޑިޝަރީ އަދި ދައުލަތުގެ މުހިންމު މުއައްސަސާތަކުގެ އެންމެ މައްޗަށް އޮތީ ހާމަނާއީގެ ބާރެވެ. އޭނާ އަވަހާރަކޮށްލުމާ ގުޅިގެން އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން އީރާނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ހާމަނާއީ މިހާރު ނެތުމުން އީރާންގެ ދީނީ އިލްމްވެރިންގެ ތެރޭގައާއި، އަސްކަރިއްޔާއިން ތަފާތު އެކި ހިދުމަތް ދޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)ގެ ތެރޭގައި ވެރިކަމަށް އައުމަށް އެތެރޭގެ ވާދަވެރިކަމެއް އުފެދިދާނެ ކަމަށް ބެލެވެއެވެ.
ހާމަނާއީ އަވަހާރަކޮށްލުމުން ދިގުދެމިގެންދާ އަދި މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ހަމަނުޖެހުންތަކެއް އުފެދުން ވެސް އެކަށީގެންވެއެވެ. ސަބަބަކީ އީރާންގެ އިސް ވެރިންނަށް ސީދާ ހަމަލާތަކެއް ދީފިނަމަ ވަރުގަދަ އަދި ހަރުކަށި ރައްދެއް ދޭނެ ކަމަށް އީރާންގެ އޮފިޝަލުން ބުނެފައިވާތީއެވެ.
އަސްކަރީ އޮޕަރޭޝަން ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއަ ޕްރޮގްރާމް ތަރައްގީކުރަމުން ގެންދަނީ ކަމަށާއި އެމެރިކާއާ ހިސާބަށް ފޯރާވަރުގެ މިސައިލްތައް ވެސް ހަދަމުންދަނީ ކަމަށެވެ. އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތައް އޭނާ ސިފަކުރެއްވީ އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ގައުމީ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ކުއްލިއަކަށް ބޮޑު ކަންތައްގަނޑަކަށް މެދުއިރުމަތި ބަދަލުވީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ "މައްސަލަ"އަށް އެމެރިކާ އާއި އިސްރާއީލަށް ޑިޕްލޮމެޓިކް ހައްލެއް ނުގެނެވުމުންނެވެ. އެއީ ދާދި ފަހުން އުމާން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ސްވިޒަލޭންޑްގައި އީރާނާއެކު އެމެރިކާއިން ބޭއްވި ނުސީދާ ވާހަކަތަކުގެ ތިންވަނަ ބުރު ކޮޅެއްގައި ނުޖެހި ނިމުމުންނެވެ. ބައެއް އޮފިޝަލުން ބުނީ އެ މަޝްވަރާތަކަކީ ސީދާކުރިމަތިލުމަކަށް ނުދާން އެމެރިކާ އާއި އީރާނަށް ލިބުނު ފަހު ފުރުސަތު ކަމަށެވެ.
މެދުއިރުމަތީގެ ސަރުކާރުތަކުން މިހާރުވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ވައިގެ ސަރަހައްދު ބަންދުކޮށް އަދި އަސްކަރީ ފައުޖުތައް އަލާޓަށް ގެނެސްފައެވެ. މަސްރަހު އިތުރަށް ގޯސްވެދާނެތީއެވެ.
ހާމަނާއީ އަވަހާރަކޮށްލުން އީރާންގެ ރައްޔިތުންނަށް ވެގެންދާނީ ތިން ދަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމުގައި އޮތް ސިޔާސީ އަދި އެހެނިހެން ކަންކަމުގެ ފިކުރު ބަދަލުކޮށްލާ ކަމަކަށެވެ.
ދާހިލީ ބޮޑެތި ބަދަލުތަކެއް ނުވަތަ ފުންކަން ބޮޑު ހަމަނުޖެހުމެއް އީރާނަށް އަންނަން ފަށަނީތޯ އެއީ އަދި ޔަގީން ނުވާ ކަމެކެވެ.
މެދުއިރުމަތީގެ ގައުމުތަކަށާއި އީރާނަށް ކުރިއަށް ކިޔަން ނޭނގޭ ބާބަކަށް ކުރިމަތިލާއިރު، އީރާނަށް މި ކުރިމަތިވި އާދަޔާހިލާފު މަސްރަހު ބެލެވެނީ ސަރަހައްދީ ގައުމުތަކުގެ ގުޅުންތަކާއި ސަލާމަތާއި އަދި ކުރިއަށް އޮތް އެތައް އަހަރެއްގައި ގައުމުތަކުގެ ބާރުތައް ބަދަލުކޮށްލާނެ ކަމަކަށެވެ.

ހާމަނާއީ އީރާނަށް ކޮށްދެއްވައިފައިވާ ފައިދާހުރި ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:
- ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އީރާނުން އެހެން ގައުމަކަށް ބަރޯސާނުވާ ގޮތަށް ގައުމުގެ އިގުތިސާދު ބައްޓަންކުރެއްވި
- އިސްލާމީ ޝަރީއަތާއި ފިގުހު އިލްމު ކޯސްތަކާއި ކްލާސްތަކުގައި ކިޔަވައިދެއްވި
- ތަގުރީރު ދެއްވަން މޮޅުކަމުން ވެރިރަށް ތެހްރާންގައި ހުކުރުކުރައްވާ އިމާމުކަން ކުރެއްވި
- އަވަހާރަކޮށްލަން އިދިކޮޅު ގްރޫޕަކުން ދިން ހަމަލާއަކުން ސަލާމަތްވެ ވަޑައިގަތަސް ކަނާތް ބޭނުންނުކުރެއްވޭ ވަރަށް ޒަހަމްވެ ވަޑައިގަތް
- އީރާންގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ވަޑައިގަތް ދީނީ އިލްމްވެރިޔާ ކަމަށް ވެވަޑައިގަތް
- އިރާގާއެކު އަށް އަހަރުގެ، އަދި އީރާންގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުން މަރުވި ހަނގުރާމައެއް ކުރުމުން ސުންނާފަތިވެފައިވާ އީރާން އަލުން އާރާސްތުކުރެއްވި
- އިރާގާ ދެމެދު ހިނގި ހަނގުރާމައިގައި އިރާގުން ކެމިކަލް ހަތިޔާރު ބޭނުންކުރި ނަމަވެސް އީރާންގެ އަސްކަރީ ފައުޖުތަކުގެ ފުރަތަމަ ސަފުގައި ހާމަނާއީ ސާބިތުކަމާއެކު ހުންނެވި
- ޕެރަމިލިޓަރީގައި ކުރިއަށްދިއުމަށް ޒުވާން ޖީލުތަކުގެ ތައުލީމަށާއި ތަމްރީނަށް ހަރަދުކުރެއްވި. މި ކަމުގެ ސަބަބުން ހުޅަނގުން ޖެހިލުންވާ، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރު އަސްކަރީ ފައުޖުތަކެއް އީރާންގައި އުފެދުނު
- ދުނިޔަވީ ހަގީގަތްތައް ގަބޫލުކުރައްވައި، ބޭނުންވާނީ އެކި ހައްލުތައް ކަމަށް ދެކެވަޑައިގަންނަވާ، ހުޅަނގާއެކު ސުލްހައިގެ ވާހަކަތައް ބާއްވަން ޖެހިއްޖެ ހިނދެއްގައި އެ ކަން ކުރައްވަން ވެސް އެއްބަސްވެ ވަޑައިގަންނަވާ ވެރިއަކަށް ވެވަޑައިގަތް
- އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަސައްލީއެއް ހޯއްދެވުމަށް 2015 ގައި ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކާއެކު، އީރާންގެ ނިއުކްލިއަ ހަކަތަ މަޝްރޫއަށް ހައްދުތަކެއް ގެންނަ މުއާހަދާއެއް ގާއިމުކުރެއްވުމަށް އީރާންގެ އެއިރުގެ ރައީސް ހަސަން ރޫހާނީއަށް ހުއްދަ ދެއްވި
- ނިއުކްލިއަ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމާއި އަދި ރައްކާކުރުމާ ދެކޮޅަށް 2003 ގައި ފަތުވާއެއް ނެރުއްވި
- އިރުމަތީގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކުރެއްވި. ނަމަވެސް އެ ކަން ކާމިޔާބުވެ ވަޑައެއްނުގަތް
- މި ދިޔަ އަހަރު އީރާންގެ ފައިސާގެ އަގު ވެއްޓުމުން އިގުތިސާދު ނެގެހެއްޓުމަށް އެމެރިކާއާއެކު ނިއުކްލިއަ މަޝްވަރާތައް ފެށުމަށް އެއްބަސްވެ ވަޑައިގަތް
ނޯޓް: މިއީ ސައުދީ ގެޒެޓުގައި މިއަދު އަދި އަލްޖަޒީރާގައި އިއްޔެ ޝާއިއުކުރި ރިޕޯޓްތަކަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.



advertisment