އަފްޣާނިސްތާނުން ސުލްހަ ހުށަހެޅިޔަސް ޕާކިސްތާނުން މިއަދު އެ ކަމާ ދެކޮޅުހަދައި އަފްޣާނިސްތާނަށް ހަމަލާދިނުން ތިންވަނަ ދުވަހަކަށް ކުރިއަށްގެންގޮސްފިއެވެ.
މަރުވި މީހުންގެ އަދަދުތައް ކަމަށް ދެ ގައުމުން ބުނާ އަދަދުތައް ދިމައެއް ނުވެއެވެ. މިހެންވެ ހަގީގަތުގައި މަރުވި މީހުންގެ އަދަދު ސާފު ނޫން ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކުރިއެވެ.
"ވާހަކަތަކެއް ނުބާއްވާނަން. އަފްޣާނިސްތާނުން ދޭ ޓެރަރިޒަމްގެ ހަމާލަތައް ހުއްޓައިލަން ޖެހޭނެ،" ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާން މުޝައްރަފު ޒައިދީ ބުންޏެވެ.
އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުން ބުނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓައިލަން ޕާކިސްތާނާ ވާހަކަ ދައްކަން ތައްޔާރުކަމަށެވެ.
"އަފްޣާނިސްތާނުން އަބަދުވެސް މަސައްކަތްކުރަނީ ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރަން. މިހާރު މި މައްސަލަ ވެސް ހައްލުކުރަން އަހަރެމެން ބޭނުމީ ވާހަކަދައްކައިގެން،" އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުންޏެވެ.
އަފްޣާނިސްތާންގެ ވެރިކަމަށް ތޯލިބާން ޖަމާއަތް 2021 ގައި އަލުން އައި ފަހުން ޕާކިސްތާނުން ބުނަމުންދަނީ އަފްޣާނިސްތާންގެ ތެރޭގައި ހަރަކާތްތެރިވާ ޕާކިސްތާން ތޯލިބާން ޖަމާއަތަށް އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެހުރި އަފްޣާނިސްތާން ތޯލިބާން ޖަމާއަތުން ހިމާޔަތް ދޭ ކަމަށެވެ. ނަމަވެސް އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުން އެ ކަމާ ދެކޮޅުހަދައެވެ. ޕާކިސްތާނުން ބުނަނީ އަފްޣާނިސްތާނަށް ދޭ ހަމަލާތައް އަމާޒުކުރަނީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ޕާކިސްތާން ތޯލިބާން އާއި އައިސިސް ޖަމާއަތުގެ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ބުނަނީ ހަމަލާތައް އަރަނީ އާއްމު ތަންތަނަށް ކަމަށާއި މި ކަން ބެލެވޭނީ ޕާކިސްތާނުން އަފްޣާނިސްތާންގެ ސިޔާދަތަށް ހަމަލާދެނީ ކަމަށާއި އެހެންވެ ޕާކިސްތާނަށް ރައްދު ދޭނެ ކަމަށެވެ.
މި ފަހަރުގެ ހަމަލާ ބަދަލުކުރުންތައް ފެށުނީ ހަފުތާބަންދުގައި ޕާކިސްތާނުން ހަމަލާދިނުމުން އަފްޣާނިސްތާނުން ރައްދުދިނުމުންނެވެ. ޒާބިހުﷲ ބުނީ ބުރާސްފަތި ދުވަހުގެ ރޭ ޕާކިސްތާންގެ ވައިގެ ހަމަލާތައް ވެރިރަށް ކާބުލް އާއި ކަންޑަހާރުގެ އިތުރުން ޕަކްޓިއާއަށް އެރި ކަމަށެވެ. ތޯލިބާންގެ ލީޑަރުން ދިރިއުޅެނީ ކަންޑަހާރުގައެވެ.
ރައްދުގައި އަފްޣާނިސްތާނުން ދިން ޑްރޯން ހަމަލާތައް އެރީ ބޯޑަރުގައި ހުރި ޕާކިސްތާންގެ އަސްކަރީ މަރުކަޒުތަކަށެވެ.
އިއްޔެ ޕާކިސްތާނުން ހަމަލާދިނީ ހޮސްޓް އަދި ޕަކްޓިކާއަށެވެ.
ޔޫރަޕްގެ އިއްތިހާދުން މިއަދު އެދުނީ ދެ ގައުމުން ވެސް ސުލްހަ އިހްތިޔާރުކުރުމަށެވެ. އެހެން ނޫނީ ސަރަހައްދަށް ހަމަނުޖެހުންތައް ފެތުރިދާނެ ކަމަށް ޔޫރަޕުން ބުންޏެވެ.
އދ. އާއި ރަޝިޔާ، އީރާން، އުރުދުން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ވެސް ޕާކިސްތާނާއި އަފްޣާނިސްތާނަށް ގޮވައިލީ ސުލްހަވުމަށެވެ.
އެމެރިކާއިން ބުނީ އެ ގައުމުން ތާއީދުކުރަނީ ޕާކިސްތާނަށް ކަމަށާއި "ތޯލިބާންގެ ހަމަލާތަކުން ދިފާއުވުމުގެ ހައްގު ޕާކިސްތާނަށް އޮންނާނެ" ކަމަށެވެ.
ދެ ގައުމު ސުލްހަ ކުރުވަން ބައިނަލްއަގުވާމީ މުޖުތަމައުން މިހާތަނަށްކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.
އިންޑިއާގެ އިތުރުން ޕާކިސްތާނަކީ ދެކުނު އޭޝިއާގައި ނިއުކްލިއަ ހަތިޔާރު ހުރި ގައުމެވެ. އަދި އަސްކަރީ ބާރު ވެސް އަފްޣާނިސްތާނަށްވުރެ ގަދައެވެ. ނަމަވެސް އެތައް ދަހަރެއް ވަންދެން އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ ސިފައިންނާ ހަނގުރާމަކުރުމުގެ ސަބަބުން އަފްޣާނިސްތާންގެ ތޯލިބާން ޖަމާއަތް ހަނގުރާމަ ކުރުމުގައި މާ ކުޅަދާނައެވެ.



advertisment