ޕާކިސްތާނުން މިއަދު އަފްޣާނިސްތާނަށް ހަމަލާދިނުމުން "އެކަށީގެންވާ ރައްދެއް ދޭނެ" ކަމަށް އަފްޣާނިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުން ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން މަރުވި ކަމަށާއި ހަމަލާތަކަކީ އަފްޣާނިސްތާންގެ ސިޔާދަތަށް ދިން ހަމަލާއެއް ކަމަށް އަފްޣާނިސްތާނުން ބުންޏެވެ.
އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފައި ޕާކިސްތާނުން ބުނީ އެ ހަމަލާތައް އަމާޒުކުރީ އަފްޣާނިސްތާންގެ ތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ދާދި ފަހުން ޕާކިސްތާނަށް ހަމަލާތަކެއް ދިނުމުން އެ މީހުން އޮޕަރޭޓްކުރާ މަރުކަޒުތަކާއި ފިލާ ތިބޭ ތަންތަނަށް ކަމަށެވެ.
ނަމަވެސް އަފްޣާނިސްތާނުން ބުނީ ޕާކިސްތާނުން ހަމަލާދީފައިވަނީ ގޭގެއަށާއި ދީނީ މަދްރަސާއަކަށް ކަމަށާއި އެހެންވެ ނުރައްކާކުރީ އާއްމު ރައްޔިތުންނަށް ކަމަށެވެ.
ޕާކިސްތާނުން ބުނީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ޕާކިސްތާން ތޯލިބާން ޖަމާއަތާއި އައިސިސްގެ މަރުކަޒުތަކަށް ހަމަލާދިނީ ޕާކިސްތާންގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ. އެއީ ދެކުނު އޭޝިއާގެ ދެ އަވަށްޓެރިންގެ ބޯޑަރު ހުރަސްކޮށް ޕާކިސްތާން ތޯލިބާނާއި އައިސިސްއިން ޕާކިސްތާނަށް ހަމަލާދޭތީ ކަމަށެވެ.
"އަހަރެމެންގެ އަތުގައި ކަށަވަރު ހެކި އެބަހުރި ހަމަލާތައް ދެނީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ޕާކިސްތާން ތޯލިބާނާއި އައިސިސްގެ ހަނގުރާމަވެރިން ކަމަށް،" ޕާކިސްތާންގެ އޮފިޝަލަކު ބުންޏެވެ.
އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ދާދި ފަހުން ވަނީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހުރި ޝީއައި މަޒުހަބުގެ މީހުންގެ މިސްކިތަކަށް އަމިއްލައަށް މަރުވެގެން ހަމަލާދީފައެވެ.



advertisment