Support Us

އީރާންގެ ވެރިރަށް ތެހްރާންގައި ބެލިސްޓިކް މިސައިލް ފޮނުވާލާ ވެހިކަލެއް ކައިރިން ބަޔަކު އިއްޔެ ދަނީ

އެމެރިކާއިން އެދުނަސް ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓައެއްނުލާނަން: އީރާން

މެދުއިރުމަތީގެ ސުލްހައަށްޓަކައި އެމެރިކާއާއެކު ވާހަކަތައް ކުރިއަށްގެންދިޔަ ނަމަވެސް ބެލިސްޓިކް މިސައިލް އުފެއްދުން ކުރިއަށްގެންދާނެ ކަމަށް އީރާނުން ބުނެފިއެވެ.

"އަހަރެމެންގެ މިސައިލްތަކުގެ ގާބިލުކަމަކީ ދޫދޭނެ ކަމެއް ނޫން،" އީރާންގެ ރޫހީ ލީޑަރު އަލީ ހާމަނައީގެ މުސްތަޝާރެއް ކަމަށްވާ އަލީ ޝަމްޚާނީ އިއްޔެ ބުންޏެވެ.

އެމެރިކާއިން ބުނީ އީރާނާއެކު ދައްކާ ވާހަކަތަކުގައި މަޝްވަރާކުރަން ބޭނުންވަނީ ހަމައެކަނި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ބެހޭ ގޮތަކުން އެކަންޏެއް ނޫން ކަމަށެވެ. ނަމަވެސް އީރާންގެ މިސައިލްތަކާއި ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އީރާނުން ދޭ ތަރުހީބާ ބެހޭ ގޮތުން ވެސްމެއެވެ. އެކަމަކު އީރާނުން އެ ކަމާ ދެކޮޅުހެދިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެމެރިކާއިން އުމާންގައި މި ދިޔަ ހުކުރު ދުވަހު ބޭއްވި ވާހަކަތައް "ވަރަށް ރަނގަޅު" ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެ ވާހަކަތައް ނިމުނީ ކޮޅެއްގައި ނުޖެހިއެވެ. އެހެނަސް މަޝްވަރާތައް އަދިވެސް ކުރިއަށްގެންދަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަހަރެމެންނަށް ވަރަށް ހަރުކަށި ކަމެއް ކުރަން ޖެހިދާނެ،" ޓްރަމްޕް އިންޒާރުދެއްވިއެވެ.

އީރާނުން ބުނީ އެ ގައުމުގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދައްކަން ރުހުނަސް ގައުމުގެ ސަލާމަތީ ކަންތައްތަކުގައި ދޫދިނުމެއް ނެތް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެމެރިކާގައި ޓްރަމްޕް އިއްޔެ ބޭއްވެވި ވާހަކަތަކުގައި އީރާނާމެދު ގޮތެއް ނުނިންމުނެވެ. މި ދިޔަ އަހަރުގެ ޖޫންގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން ވަނީ އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.

ނަތަންޔާހޫ ޓްރަމްޕް އަރިހުގައި އިއްޔެ ބުނީ އީރާނާއެކު އެމެރިކާއިން ގާއިމުކުރާ އެއްބަސްވުމެއްގައި އީރާންގެ މިސައިލް ޕްރޮގްރާމްގެ ގާބިލުކަމާއި މެދުއިރުމަތީގައި އީރާންގެ ނުފޫޒު އޮތް މިންވަރާމެދު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *