Support Us

އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝެލް

އޮބާމާގެ ދެކަނބަލުން ރާމާމަކުނު ސިފައިގައި ދެއްކުމުގެ ބޭނުމަކީ ކޮބާ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރުތު ސޯޝަލް މަންސައިގައި ހަފުތާބަންދުގައި ހިއްސާކުރެއްވި އެއް މިނެޓު ދެ ސިކުންތުގެ ވީޑިއޯއަކީ ރިޔާސީ އިންތިހާބުގައި ވޯޓު ގުނާ މެޝިނުން ވޯޓު އޮޅުނު ކަމަށް ތުހުމަތުކޮށްފައި ހަދައިފައިވާ ވީޑިއޯއެކެވެ. ނަމަވެސް އޭގެ ފަހަތުކޮޅުގައި ހިމަނައިފައިވާ މަންޒަރެއްގައި ދައްކަނީ ކުރީގެ ރައީސް އަދި އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލްއަކީ ރާމާމަކުނުގެ ބާވަތެއް ކަމަށްވާ އޭޕްތަކެއްގެ ގޮތުގައެވެ.

މި މަންޒަރަކީ، ސިޔާސީ މީހުންގެ ބޯ ޖަނަވާރުންގެ ހަށިގަނޑުގައި ޖަހައިގެން ތައްޔާރުކޮށްފައިވާ، މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ވީޑިއޯއަކުން ނަގައިފައިވާ މަންޒަރެއް ކަމަށް ބެލެވެއެވެ.

ވީޑިއޯ ލައިފައިވަނީ ޓްރުތު ސޯޝަލްއަށް އެއްޗެހި ލާން ހުއްދަ ދީފައިވާ މީހަކަށް އޮޅިގެން ކަމަށް ޓްރަމްޕް ފަހުން ވިދާޅުވިއެވެ. އަދި ވީޑިއޯގެ ފަހު ބައި ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. ދެން، ވީޑިއޯ ވަނީ ޑިލީޓްކުރައްވައިފައެވެ.

ނަމަވެސް އެއިރު ވާނެ އެއްޗެއް އޮތީ ވެފައެވެ. އޮންލައިންކޮށް 12 ގަޑިއިރު ވަންދެން ވީޑިއޯ ފެންނަން ހުރުމުން އެތައް މިލިއަން ބަޔަކުވަނީ ބަލައިފައެވެ.

މިއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެ، އޮބާމާގެ ދެމަފިރިންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ދެކޮޅުހެއްދެވިޔަސް، ޚުދު ޓްރަމްޕްގެ ސަޕޯޓަރުން ވެސް އެއީ "އޮޅުމެއް" ކަމަކަށް ގަބޫލެއް ނުކުރެއެވެ. ޓްރަމްޕްގެ ވިސްނުމާއި އަމަލުތައް އެންމެ ކުރީއްސުރެ ވެސް ހުރި ގޮތަށް ބަލައިފައި ބައެއް މީހުން ގަބޫލުކުރަނީ މިއީ ނަސްލީ ތަފާތުކުރުން އިންސާނުންގެ ސިކުނޑީގައި ނުސީދާ ގޮތަކަށް ބިންވަޅު ނެގުމަށް މަގުފަހިކުރުމަށް ކުރެއްވި ނާމާން ކަމެއްގެ ގޮތުގައެވެ.

މި ގޮތަށް ބުރަވާ މީހުން ސުވާލު އުފައްދަނީ ޚުދު ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް މި ވީޑިއޯ ޓްރަމްޕްގެ ސަމާލުކަމަށް ގެނައުމުން ވެސް ވީޑިއޯ ފުހެލަން ދުވާލެއްގެ ދެބައިކުޅަ އެއްބައި ނެގީމައެވެ.

މީގެ އިތުރުން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މީޑިއާ އޮފިޝަލް ކެރޮލީން ލިވިޓް ވެސް އެންމެ ފުރަތަމަ ވަނީ މިއީ "ދަ ލަޔަން ކިންގް" ކާޓޫނު ކަހަލަ އެއްޗެއް ކަމަށް ސިފަކޮށް، މިއީ "އާދައިގެ ވީޑިއޯ"އެއް ކަމަށް ދައްކަން މަސައްކަތްކޮށްފައެވެ.

"މި ވީޑިއޯއާމެދު މީހުން ފާޅުކުރާ ހިތްހަމަނުޖެހުމަކީ 'ފޭކު' ހިތްހަމަނުޖެހުމެއް. އެމެރިކާގެ އާއްމު ރައްޔިތުންނާ ގުޅުން ހުރި މައްސަލައަކަށްވާ ކަހަލަ މައްސަލަތަކަށް ސަމާލުކަން ދޭން ޖެހޭނީ،" މި ވީޑިއޯއާ އެއްކޮޅަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ޓްރަމްޕް ވިދާޅުވީ އޭނާއަކީ ނަސްލީ ތަފާތުކުރުން މައްސަލައެއްގެ ގޮތުގައި މިހާތަނަށް އެންމެ ސީރިއަސްކޮށް ނެގި އަދި ނަގަމުންދާ ރައީސް ކަމަށެވެ. ނަމަވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގެ ކަމަށްވާ ސެނެޓްގެ ރިޕަބްލިކަން ޕާޓީގެ މެންބަރު ޓިމް ސްކޮޓް ވެސް ބުނީ މި ވީޑިއޯއަކީ "ވައިޓް ހައުސްއިން މިހާތަނަށް ފެނުނު ނަސްލީ ތަފާތުކުރުން އެންމެ ބޮޑަށް ފާޅުވެގެންދިޔަ އުފެއްދުން" ކަމަށެވެ.

"ބޭނުމަކީ މި ކަހަލަ މަންޒަރުތަކަށް އަހަރެމެން ހޭނުވުން. އެއީ، މި ފަދަ މަންޒަރުތައް މީހުންގެ މެދުގައި އާއްމުކުރުމުން، އެ ތަކެއްޗަށް މީހުން ނުސިހޭ ގޮތް ހަދައިގެން. ނަސްލީ ތަފާތުކުރުމަކީ އާއްމުކޮށް ބަލައިގަނެވޭ ކަމެއް ކަމަށް ހަދައިގެން. މި ފަދަ ކަންތައްތަކާމެދު އަހަރެމެން ތިބެން ޖެހޭނީ އަބަދުވެސް ސަމާލުވެގެން،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *