އީރާން ބޯލެނބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާ ކަންތައްތައް ގިނަކަމުން ދެ ގައުމުގެ ދެމެދުގައި މިއަދު ފަށާ ވާހަކަތަކަށް ހިޔަނި އެޅިއްޖެއެވެ.
އުމާންގެ ވެރިރަށް މަސްކާތުގައި ފަށާ ވާހަކަތަކުގައި، އީރާންގެ ނިއުކްލިއަ ހަކަތަ އުފައްދާ ޕްރޮގްރާމްގެ އިތުރުން ސަލާމަތީ އެހެން ކަންތައްތަކަށް ވެސް އީރާނުން ބޯލަނބަން އެދުމަށް، އެމެރިކާގެ މަންދޫބުންނަށް ޓްރަމްޕް (ފޮޓޯ)ވަނީ އަމުރުކުރައްވައިފައެވެ. މީގެ ތެރޭގައި ބެލިސްޓިކް މިސައިލް އުފެއްދުން ވަކި އަދަދެއްގައި ހިފެހެއްޓުމާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އީރާނުން ތަރުހީބުނުދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.
ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވަނީ އީރާނުން "ފުޅާ ދާއިރާއެއްގައި އިސްލާހީ ބަދަލުތަކެއް ގެނައުންކަމަށް" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
"އީރާނުން އެއްގޮތަކަށް ވެސް ޔުރެނިއަމް ފައްކާކޮށްގެން ނުވާނެ. ބެލިސްޓިކް މިސައިލް އުފެއްދުމަށް ހައްދެއް ކަނޑައަޅަންޖެހޭނެ. ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ތަރުހީބުދިނުން ހުއްޓައިލަން ޖެހޭނެ،" އޭނާ ބުންޏެވެ.
އީރާނުން ބުނީ ވާހަކަތައް އަމާޒުކުރަން ޖެހޭނީ ހަމައެކަނީ އީރާންގެ ނިއުކްލިއަ ހަކަތަ އުފައްދާ ޕްރޮގްރާމަށް ކަމަށާއި އެހެން ދާއިރާތަކާމެދު މަޝްވަރާކުރަން ވާހަކަތައް ފުޅާކޮށްގެންނުވާނެ ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ މާނަވީ ގޮތެއްގައި އެމެރިކާއިން ކަންތައްތައްކުރަން. އެއީ އިންސާފާއެކު، ދެ ގައުމަށް ފައިދާކުރާނެ ގޮތަކަށް އަދި ޝަރަފުވެރި ގޮތުގައި ކަންތައްތައް ބަލައިގަންނަ ގޮތަށް އެމެރިކާއިން މަޝްވަރާތައް ކުރިއަށްގެންދިއުން،" އީރާންގެ ހާރިޖިއްޔާގެ އޮފިޝަލަކު ބުންޏެވެ.
ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާ ކަންތައްތައް ގިނަކަމުން ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
މި ދިޔަ އަހަރު ޖޫންގައި އިސްރާއީލާ ގުޅިގެން އެމެރިކާއިންވަނީ އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.



advertisment