Support Us

ޖުލައިގައި އދ. މާލީ ގޮތުން އިނދަޖެހޭނެ: ގުޓެރެސް

އަންނަ ޖުލައި މަހު އދ. މާލީ ގޮތުން އިނދަޖެހޭނެ ކަމަށް އަމީންއާއްމު އެންޓޯނިއޯ ގުޓެރެސް އިންޒާރުދެއްވައިފިއެވެ.

"މެންބަރު ގައުމުތަކުން ދޭންޖެހޭ ފައިސާ ނުދީ ނުވަތަ އދ.ގެ ބޯދާ މާލީ ނިޒާމަށް ބަދަލު ނުގެނެސްފިނަމަ ޖުލައި މަހު އދ. މާލީ ގޮތުން އިނދަޖެހޭނެ،" މެންބަރު ގައުމުތަކަށް ފޮނުއްވައިފައިވާ ސިޓީއެއްގައި ގުޓެރެސް (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެންބަރު ގައުމުތަކުން އދ.އަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 ބިލިއަން ޑޮލަރު (23.1 ބިލިއަން ރުފިޔާ)އަށްވުރެ ގިނަ ކަމަށެވެ.

"ޒަމާނާ ގުޅޭ ގޮތަށް އދ.ގެ މާލީ ނިޒާމު ހަމަޖައްސައިފައިނުވާތީ މެންބަރު ގައުމުތަކުން ދޭ ޗަންދާ އަލުން އަނބުރާ އެ ގައުމުތަކަށް ދޭން ވެސް އެބަޖެހޭ،" ގުޓެރެސް ވިދާޅުވިއެވެ.

މާލީ ހާލަތު ދަށްވަމުން ދިއުމާމެދު އެތައް އަހަރެއް ވަންދެން ގުޓެރެސް ވާހަކަދައްކަވައިފައިވާ ކަމަށް އދ.ގެ ތަރުޖަމާނު ފަރްހާން ހައްގު ބުންޏެވެ.

"މިހާރުން މިހާރަށް މި ފައިސާ ބޭނުންވޭ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓެރެސްގެ ސިޓީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ފަރްހާން ބުންޏެވެ.

އދ. މާލީ ގޮތުން އިނދަޖެހެމުންދާކަމުގެ އިންޒާރު ދެއްވި ނަމަވެސް ވަކި ގައުމެއްގެ ބޮލުގައި ގުޓެރެސް އިލްޒާމް ނާޅުއްވައެވެ. އެކަމަކު އޭނާގެ ސިޓީ މެންބަރު ގައުމުތަކަށް ފޮނުއްވީ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ދޭ މާލީ އެހީ ކަނޑައިލައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފައިވާ ދަނޑިވަޅެއްގައެވެ.

އދ.ގެ ގިނަ ޖަމިއްޔާތަކުން އެމެރިކާ ވަކިކުރައްވާނެ ކަމަށް ޓްރަމްޕް މި މަހު ވިދާޅުވިއެވެ. އޭނާ ވަނީ ދާދި ފަހުން ޣައްޒާ އާރާސްތު ކުރައްވަން "ބޯޑް އޮފް ޕީސް" ނުވަތަ ލަފުޒީ މާނައިން "ސުލްހައިގެ ބޯޑު"ގެ ނަމުގައި ވަކި ޕްރޮގްރާމެއް ފައްޓަވައިފައެވެ. ސިޔާސީ ތަޖުރިބާކާރުން ބުނީ މިއީ އދ. އެކަހެރިކޮށްލައްވަން ގިނަ އަދަދެއްގެ ގައުމުތައް ހިމެނޭ ގޮތަށް ޓްރަމްޕް އުފެއްދެވި ބޯޑެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *