އީރާނާ ހަނގުރާމަކުރަން ތައްޔާރުކަމަށް ބުނެ އެމެރިކާގެ އަސްކަރީ މަނަވަރުތައް ގަލްފު ކަނޑަށް ޖަމާކުރަމުންދާތީ އެމެރިކާއާ ހަނގުރާމަކުރުމަށް ތައްޔާރުވެއްޖެ ކަމަށް އީރާނުން ބުނެފިއެވެ.
ޔޫ.އެސް.އެސް އެބްރަހަމް ލިންކަން ފަދަ ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމާއެކު އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އިއްޔެ ވިދާޅުވީ އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ބާރުގެ ބޭނުންކޮށްގެން ހުޅަނގަށް އެ ކަން ހުއްޓުވައިނުލެވޭނެ ކަމަށެވެ.
"އަހަރެމެން ދިފާއުވާން ތައްޔާރުވެއްޖައިން،" އޭނާ ވިދާޅުވިއެވެ.
އަރާޣްޝީ ވިދާޅުވީ އީރާން ޕްރެޝަރަށް ވައްޓައިލައިގެން ސުލްހައިގެ މަޝްވަރާތަކަށް ނުގެންދެވޭނެ ކަމަށެވެ.
"އަހަރެމެންގެ ފައުޖުތަކުން ހަތިޔާރު ބޭނުންކުރަން ތައްޔާރު،" އަރާޣްޝީ ވިދާޅުވިއެވެ.
"އެމެރިކާއިން އެންމެ ހަމަލާއެއް ދިނަސް ހަލުއިކޮށް ވަރުގަދަ ހަމަލާއެއް އަހަރެމެން ދޭނަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއިން ބުނީ ނިއުކްލިއަ ހަކަތަ ތަރައްގީކުރާ މަޝްރޫއު ހުއްޓައިލުމުގެ ވާހަކަތަކަށް އީރާނުން އެނބުރި ނައިސްފިނަމަ އެމެރިކާގެ މަނަވަރުތަކުން އީރާނަށް ހަމަލާދޭނެ ކަމަށެވެ.
"އެ ކަން ކުރަން ޖެހިއްޖެނަމަ، އަހަރެމެން ބާރުގެ ބޭނުންކުރާނަން. އަހަރެމެންގެ މަނަވަރުތައް އެ ކަމަށް ތައްޔާރު. އެ ކަން ކުރާނަން. އަދި އެ ކުޅަދާނަކަން ވެސް އަހަރެމެންގައި އެބަހުރި،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
"މަޝްވަރާގެ މޭޒަށް އަންނަން އީރާނަށް އަހަރެމެން ގޮވައިލަން. އީރާނުން ނިއުކްލިއަ ހަތިޔާރު އުފައްދައިގެންނުވާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މި ދިޔަ އަހަރު އިސްރާއީލާ ގުޅިގެން އެމެރިކާއިން ވަނީ އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.



advertisment