Support Us

ޣައްޒާ ހިންގާ ބޯޑު އުފެއްދި ޗާޓަރުގައި މިއަދު ސޮއި ކުރެއްވުމަށްފަހު އެ ލިޔުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާލައްވަނީ

ޣައްޒާ ބަލަހައްޓާ ބޯޑާއި ސުލްހަ ނަގަހައްޓާ ފައުޖުގެ މަސައްކަތް ފަށައިފި

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި "ބޯޑް އޮފް ޕީސް" (ބީ.އޯ.ޕީ) ނުވަތަ "ސުލްހައިގެ ބޯޑު" އާއި ޣައްޒާގެ ސަލާމަތްތެރިކަން ނަގަހައްޓާ ބައިނަލްއަގުވާމީ ފައުޖު ނުވަތަ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައި.އެސް.އެފް)ގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗެއާމަންކަން ކުރައްވާ ބީ.އޯ.ޕީ ލޯންޗުކުރީ ސްވިޒަލޭންޑްގެ ޑެވޮސްގައި ދުނިޔޭގެ އިގުތިސާދީ ފޯރަމްގައި އެ ބޯޑުގެ ޗާޓަރުގައި ޓްރަމްޕް ސޮއިކުރެއްވުމާއެކީއެވެ.

"މިއީ މިހާތަނަށް އެކުލަވައިލެވުނު އެންމެ މޮޅު އަދި އެންމެ ޝަރަފުވެރި މުއައްސަސާ،" އެތައް ގައުމަކުން ބައިވެރިވާ ބޯޑާމެދު ޓްރަމްޕް ވިދާޅުވިއެވެ.

އޭނާގެ އަރިހުގައި ބޯޑު އުފެއްދި އެގްޒެކެޓިވް މެންބަރުން ކަމަށްވާ އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އަދި ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކަޝްނާ ހުއްޓެވެ.

ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު (1،082 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ޣައްޒާ އާރާސްތުކުރާނީ "އުސް އިމާރާތްތަކާއި އެކި ސިނާއަތްތަކުގެ މަންޒިލެއް"ގެ ގޮތުގައި ކަމަށް ބޯޑުން ބުންޏެވެ.

މި ބޯޑު އުފެއްދުމަކީ މި ދިޔަ އޮކްޓޫބަރު މަހު ގާއިމުކުރި ޣައްޒާ ހަނގުރާމަ ހުއްޓާލާ މުއާހަދާގެ ދެވަނަ މަރުހަލާގެ ދަށުން އެޅި އެންމެ މުހިންމު ފިޔަވަޅެވެ.

އެތައް ގައުމަކުން ބައިވެރިވެފައިވާ ބޯޑުގެ އަމާޒަކީ އެންމެ މަތީ ފެންވަރުގައި ޣައްޒާ ބެލެހެއްޓުން ކަމަށްވާއިރު ދުވަހުން ދުވަހަށް ޣައްޒާގެ ކަންތައްތައް ހިންގާނީ މި ދިޔަ ބުރާސްފަތި ދުވަހު މަސައްކަތް ފެށި ނެޝަނަލް ކޮމިޓީ ފޮ ދި އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ (އެން.ސީ.އޭ.ޖީ)އިންނެވެ. މި ކޮމިޓީގެ ޗެއާމަންއަކީ ޣައްޒާއަށް އުފަން އުމްރާނީ ތަޖުރިބާކާރެއް ކަމަށްވާ އަލީ ޝާޒްއެވެ.

"އަންނަ ހަފުތާގައި ރަފަހު ހުޅުވާނަން،" އޭނާ ބުންޏެވެ.

އައި.އެސް.އެފްގެ ވެރިޔަކީ އެމެރިކާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ މޭޖާ ޖެނެރަލް ޖެސްޕާ ޖެފާސްއެވެ. އޭނާ މަގާމާ ހަވާލުވީ މި ދިޔަ ހޮނިހިރު ދުވަހުއެވެ.

"ފޭލިވެދާނެތީ ދެވަނައަށް އަޅާނެ ފިޔަވަޅެއް އަހަރެމެން ނުގެންގުޅެން. ސަބަބަކީ އަހަރެމެންގެ އޮތީ ސީދާ އެންމެ މޮޅު ރޭވުން،" ޖެރެޑް ބުންޏެވެ.

ޣައްޒާ ހަނގުރާމައިގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *