ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރިނާ މަޗާދޯއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުން ސިއްރުކުރައްވައިފިއެވެ.
މަރިއާއާއި ޓްރަމްޕް އިއްޔެ ބައްދަލުކުރެއްވީ ވެނެޒުއެލާގެ ކުރިމަގު ކަނޑައެޅުއްވުމަށެވެ.
މިއީ އެމެރިކާ ސިފައިން ވެނެޒުއެލާއަށް މި މަހު ކުރީކޮޅު އަރައި ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދުރޯގެ ދެކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސް ޓެރަރިޒަމް ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް މަދުރޯއާ ދެކޮޅަށް ދައުވާކުރުމަށްފަހު މަރިއާއާ ޓްރަމްޕް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް ވެނެޒުއެލާގެ ރައީސްކަމަށް މަރިއާ ކުރަމަތިލުމަށް ތަރުހީބު ދެއްވާކަމަށް ޓްރަމްޕް ކަނޑައެޅިގެން ވިދާޅެއްނުވެއެވެ. ސަބަބަކީ ވެނެޒުއެލާގެ އިންތިގާލީ ރައީސްކަމާ ހަވާލުވެ ވަޑައިގަންފައިވާ މަދުރޯގެ ނައިބު ދެލްސީ ރޮޑްރީގަޒްއާ ޓްރަމްޕް ގުޅުން ވަރުގަދަކުރައްވަމުން ގެންދަވާތީއެވެ.
"އަހަރެމެންނަށް ޓްރަމްޕަށް އިތުބާރުކުރެވޭނެ،" ބައްދަލުކުރުން ނިންމައިލުމަށްފަހު މަރިއާ ބުންޏެވެ.
އޭނާ ބުނީ ޑިމޮކްރެސީއަށް އޭނާ ކުރާ މަސައްކަތް ބަލައިގަންނާތީ މި ދިޔަ އަހަރު އޭނާއަށް ނޯވޭގެ ނޮބެލް ކޮމިޓީން ދިން ނޮބެލް ސުލްހައިގެ އިނާމު ރަމްޒުކޮށްދޭ މެޑެލި ޓްރަމްޕަށް ހަދިޔާކުރިކަމަށެވެ. އެއީ މިނިވަންކަމަށް ޓްރަމްޕް "ލާމަސީލު މަސައްކަތްކުރައްވާތީ"ކަމަށް ބުންޏެވެ. ނޮބެލް ކޮމިޓީގެ ގަވައިދު ބުނާ ގޮތުން މެޑެލި އެހެން މީހަކަށް ހަދިޔާ ކުރިޔަސް ރަސްމީ ލަގަބު މެޑެލި ހަދިޔާކުރެވުނު މީހަކަށް ނޭރުވޭނެއެވެ.
ޓްރަމްޕް ވިދާޅުވީ މެޑެލި މަރިއާ އޭނާއަށް ދިނުމަކީ "އެކަކު އަނެކަކަށްކުރާ އިހްތިރާމްގެ ނިޝާނެއް"ކަމަށެވެ.
މަރިއާއާ ޓްރަމްޕް ބޭއްވެވި ބައްދަލުކުރެއްވުން ސިއްރުކުރެއްވީ ވެނެޒުއެލާގެ ސިޔާސީ މަސްރަހުގެ ނާޒުކުކަމަށް ބައްލަވައިފައިކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
ވެނެޒުއެލާގެ ތެޔޮ ބާޒާރުގެ އަގުތަކުގައި އެމެރިކާއިން ވިއްކައިދީ އެ ފައިސާ ހަރަދުކުރާނީ ވެނެޒުއެލާގެ ރައްޔިތުންނަށްކަމަށާއި ވެނެޒުއެލާ އާރާސްތުކުރާނީ ވެސް އެމެރިކާއިންކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.



advertisment