Support Us

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގައި ސުންނާފަތިކޮށްލައިފައިވާ ސަރަހައްދެއް އަދި އަލީ އަބްދުލް ހަމީދު ޝާޒު (ވަކި ފޮޓޯގައި)

ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާގެ ދެވަނަ މަރުހަލާ ތަންފީޒުކުރަން ފަށައިފި

ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ނިންމައިލަން މި ދިޔަ އޮކްޓޫބަރު 10 ގައިވި އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފަށައިފިކަމަށް އެމެރިކާއިން އިއުލާންކޮށްފިއެވެ.

ސުލްހައިގެ ވާހަކަތަކަށް އެމެރިކާއިން ކަނޑައަޅައިފައިވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އިއްޔެ ސޯޝަލް މީޑިއާގައި ބުނީ މި މަރުހަލާގައި ހަމާސް އާއި އިސްރާއީލުން ޣައްޒާއަކީ ހަތިޔާރު ނެތް ތަނަކަށް ހަދައި، އުމްރާނީ ގޮތުން ޣައްޒާ އާރާސްތުކުރަން ފަށާނެކަމަށެވެ.

މި ކަމަށްޓަކައި އެކުލަވައިލި 15 މެންބަރުންގެ ފަލަސްތީންގެ ފަންނީ ކޮމިޓީގެ ވެރިޔަކަށް ހަމަޖެއްސީ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގައި ވަޒީރެއްގެ ނައިބުކަން ކުރިންކުރި އަދި ޣައްޒާއަށް އުފަން އިންޖިނިއަރެއްކަމަށްވާ އަލީ އަބްދުލް ހަމީދު ޝާޒުއެވެ. ކޮމިޓީއަށް އޭނާ ހަމަޖެއްސީ ސުލްހައިގެ މެދުވެރިންގެ ދައުރު އަދާކުރާ މިސްރާއި ގަތަރާއި ތުރްކިޔެއިންނެވެ. އަލީގެ މަސައްކަތަކަށް ވާނީ ދުވަހުން ދުވަހަށް ޣައްޒާ ހިންގުމާއި އުމްރާނީ މަސައްކަތްތައް ބެލެހެއްޓުމެވެ.

"ކޮމިޓީ އެކުލަވައިލި ގޮތުން ޣައްޒާއަށް ހަމަޖެހުން ގެނެސް އިންސާނީ ހާލަތު ރަނގަޅު ކުރެވޭނެ،" އެ ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ވިޓްކޮފް ބުނީ ސުލްހައިގެ މުއާހަދާގައި ބުނާ ހުރިހާ ކަމަކަށް ހަމާސްއިން ތަބާވުމަކީ އެމެރިކާއިން އެދޭ ގޮތް ކަމަށެވެ.

"އޭގެ ތެރޭގައި މަރުވެފައިވާ އެންމެ ފަހު ރަހީނުގެ ހަށިގަނޑު ވަގުތުން ހަވާލުކުރުން ހިމެނޭ. އެ ކަން ކުރުމުގައި ފޭލިވެއްޖެނަމަ ސީރިއަސް ނަތީޖާތަކަކާ ކުރިމަތިކުރާނަން،" އޭނާ އިންޒާރު ދިނެވެ.

ޣައްޒާ ހަނގުރާމަ ފެށީ އޮކްޓޫބަރު 2023 ގެ ހަތްވަނަ ދުވަހު ޣައްޒާ ހިންގާ ހަމާސް ޖަމާއަތުން ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ވަދެ 1،200 މީހުން މަރައިލައި 250 މީހުން ރަހީނުކުރުމުން ޖެހިގެން އަދި ދުވަހު އިސްރާއީލުން ހަމަލާދޭން ފެށުމުންނެވެ. ހަނގުރާމައިގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *