ބޯޑަރުގައިކުރި ހަނގުރާމަ ހުއްޓައިލަން މިދިޔަ މަހު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް ތައިލެންޑް ސިފައިން އަދިވެސް ތިބީ ކެމްބޯޑިއާގެ ތެރޭގައިކަމަށް ކެމްބޯޑިއާއިން ތުހުމަތުކޮށްފިއެވެ.
ކެމްބޯޑިއާއިން އިއްޔެ ބުނީ ތައިލެންޑް ސިފައިން ކެމްބޯޑިއާގެ "ވަރަށް އެތެރޭގެ ސަރަހައްދުތަކުގައި ވެސް އެބަތިބި" ކަމަށެވެ.
"ކެމްބޯޑިއާގެ 4،000 އާއިލާ އަދިވެސް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައި. ސަބަބަކީ ކަށިނަރާއި ކޮންޓޭނަރުން ވިލެޖްތައް ތައިލެންޑް ސިފައިން ބެރިކޭޑް ކޮށްފައިވާތީ،" ކެމްބޯޑިއާގެ ހާރިޖީ ވަޒީރު ޕްރަކް ސޮކްހޮން (ފޮޓޯ) ވިދާޅުވިއެވެ.
ބޯޑަރުގައި ކުރި ހަނގުރާމަ ހުއްޓައިލުމަށް ގާއިމުކުރި މުއާހަދާގެ ނުކުތާތަކަށް އިހްތިރާމްކުރަން ޕްރަކް ތައިލެންޑަށް ގޮވައިލެއްވިއެވެ.
ކެމްބޯޑިއާގެ ތުހުމަތުތަކަކީ "އަސާސެއް ނެތް" ތުހުމަތުތަކެއްކަމަށް ތައިލެންޑުން ބުންޏެވެ.
"ސިފައިން ތިބީ މަސްލަހަތު ހޫނު ނުވާނެކަމަށް ދެ ގައުމުން އެއްބަސްވި ސަރަހައްދުތަކުގައި،" ތައިލެންޑްގެ އޮފިޝަލަކު ބުންޏެވެ.
ދެކުނުއިރުމަތީ އޭޝިއާގެ އަވައްޓެރި ދެ ގައުމުން ހަނގުރާމަކުރީ އިސްތިއުމާރީ ބާރުތަކުން ސާފުނުވާ ގޮތަށް ދޫކޮށްލި އިންތަކާއި އެ ސަރަހައްދުތަކުގައިވާ ފައްޅިތަކުގެ މިލްކިއްޔާތުގެ މައްސަލައިގައެވެ.
މިއީ އެއް ގަރުނުވީ ބޯޑަރުގެ މައްސަލައެކެވެ. މި ދިޔަ އަހަރު ބަދަލުކުރި ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް މީހުންގެ ގެދޮރު ނެތިގެންދިޔައެވެ.



advertisment