ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި މުސާރަ ކުޑަވަމުންދާތީ ފެށި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ޝަރީއަތްތައް އަވަސްކޮށް މަރުގެ ހުކުމް ތަންފީޒުކުރަން އީރާނުން ނިންމައިފިއެވެ.
އީރާނުން ބުނީ މުޒާހަރާކުރުން ބެލެވޭނީ "މާތް ކަލާނގެއާ ދެކޮޅުވަނީ" ކަމަށާއި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމީ މިހެންވެ ކަމަށެވެ. އެ ގޮތުން ހައްޔަރުކޮށްފައިވާ އުމުރުން 26 އަހަރުގެ އިރްފާން ސުލްތާނީއަށް މިއަދު މަރުގެ ހުކުމް ތަންފީޒުކުރަން ހަމަޖައްސައިފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުންޏެވެ.
"ކަމެއް ކުރަން ޖެހިއްޖެ ނަމަ އެ ކަމެއް އަވަހަށް ކުރަން ޖެހޭ،" އީރާންގެ އުއްތަމަ ފަނޑިޔާރު ގުލާމްހުސައިން މުހްސިނީޖީ ވިދާޅުވިއެވެ.
އިރްފާނާއި އެހެނިހެން މުޒާހަރާކުރުންތެރިންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ އީރާނާ ދެކޮޅަށް "ވަރަށް ހަރުކަށި ފިޔަވަޅު" އަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފިޔަވަޅެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އީރާނާއެކު ވިޔަފާރީގެ ގުޅުން ހިންގާ ގައުމުތަކުގެ މުދަލުން ޓްރަމްޕް މިހާރު ވަނީ 25 ޕަސެންޓް ޑިއުޓީ ނަންގަވަން ފައްޓަވައިފައެވެ.
މިއީ 1979 ގެ އިސްލާމީ އިންގިލާބަށްފަހު މުޒާހަރާކުރުންތެރިންނާ ދެކޮޅަށް އީރާނުން މި ފަދަ ހަރުކަށި ފިޔަވަޅު އަޅާ ފުރަތަމަ ފަހަރެވެ. މުޒާހަރާކުރުންތެރިންނަށް މަރުގެ ހުކުމް ތަންފީޒުކުރިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަމުންނެވެ.



advertisment